
މިދިޔަ ހުކުރު ދުވަހު ފެށުނު އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްގައި ގިނަ އަދަދެއްގެ އެމްޑީޕީގެ މަންދޫބުން އަންނަނީ ބައިވެރި ވަމުންނެވެ. މި ކޮންގްރެސްގައި މުހިއްމު ގިނަ ކަންކަންތަކެއް ނިންމުމަށް ހަމަޖެހިފައި ވާއިރު، މީގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ، ބަރުލަމާނީ ނިޒާމެއް ގެނައުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ރައީސް ނަޝީދު ޕާޓީގެ ކޮންގްރެސް އަށް ހުށަހަޅުއްވާފައިވާ މައްސަލަ އާއި މެދު ގޮތެއް ނިންމުމެވެ.
މިހާރު ކުރިއަށްދާ ކޮންގްރެސްގައި ވޯޓަކާއި ހަމައަށް ގޮސްފައިވަނިކޮށް ރައީސް ނަޝީދާއި، ރައީސް ސޯލިހު ވަނީ ކުއްލި މަޝްވަރާއެއް ކުރައްވާފަ އެވެ. އެއަށްފަހު ސޯޝަލް ސެންޓަރުގެ ސްޓޭޖް މައްޗަށް އަރުއްވާ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އާއި އެކުވެސް ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
މި މަޝްވަރާތަކަށްފަހު ރައީސް ސޯލިހު އާއި ރައީސް ނަޝީދު ސަލާމް ކުރެއްވުމާއިއެކު އެވަގުތު ސޯޝަލް ސެންޓަރުގައި ތިބި މަންދޫބުން ވަނީ ދެ ބޭފުޅުންނަށް ތަރުހީބު ދަންނަވާފަ އެވެ.
"ސީއެންއެމް" އަށް މައުލޫމާތު ދިން އެމްޑީޕީގެ މަޖިލިސް މެމްބަރަކު ވިދާޅުވީ، މިއަދު ރައީސް ނަޝީދާއި، ރައީސް ސޯލިހުގެ އިތުރުން ފައްޔާޒް އިސްމާއިލް މަޝަވަރާ ކުރެއްވުމަށްފަހު ރައީސް ނަޝީދު ހުށަހެއެޅުއްވި ގަރާރު ނެގުމަށް އެއްބަސްވެފައި ވާކަމަށެވެ. އަދި މިކަން ކުރީ ދެ ރައީސުން ގުޅިގެން ކުރިއަށްދާނެ ގޮތެއް ހޯދުމަށް ދެބޭފުޅުން ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު ކަމަށްވެސް މެމްބަރު ވަނީ ވިދާޅުވެފަ އެވެ.
އަދި މިކަމުންވެސް ފެނިގެންދަނީ، އެމްޑީޕީ ބައިބައިވެގެން ނުދާނެ ކަމުގެ އަލިގަދަ ހެކި ކަމަށްވެސް މެމްބަރު ވަނީ ވިދާޅުވެފަ އެވެ.
ދެ ރައީސުންގެ ކުއްލި މަޝްވަރާއެއް ކުރިއަށް ދިޔައިރު، ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ބަރުލަމާނީ ގަރާރާ މެދު ބަހުސްކުރުން ކޮންގެރެސްގެ މިއަދުގެ މެންދުރު ފަހު ދަންފަޅިއަށް އެޖެންޑާ ކުރެވިފައިވެ އެވެ.