
މިމަހުގެ 15 ވަނަ ދުވަހު އެމްޑީޕީގެ އޮފީހުގައި ރައީސް ނަޝީދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ނިޒާމް ބަދަލު ކުރުމަކީ ކުރުން މުހިއްމު ކަމެއް ކަމަށާއި، ވެރިކަމުގެ ނިޒާމް ބަދަލު ކުރެއްވުމަށް ނިކުންނެވީ، އެކަން ކާމިޔާބު ކުރުމަށް ކަމަށާއި، އެކަން އިރާދަކުރެއްވިއްޔާ ކާމިޔާބު ވާނެ ކަމަށެވެ.
ރައީސް ނަޝީދު ހުރިހާ ބޭފުޅުންގެ ތާއީދު މިކަމަށް ބޭނުންވާ ކަމަށް ވިދާޅުވި ނަމަވެސް، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރި ވަމުން އަންނަ އެއްވެސް ސިޔާސީ ލީޑަރެއް އެކަމަށް އެއްބަސްވި ތަނެއް ފެނިގެން ނުދިޔަ އެވެ. އެމަނުކުފާނުގެ އެންމެ އަރިސް ބޭފުޅުންވެސް އެކަމަށް ދެކޮޅު ހަދަމުން ދިޔަ އިރު، އެބޭފުޅާ އާއި ސިޔާސީ ގޮތުން އެއްގަލަކަށް އަރަން ބޭނުން ނުވާ އެތައް ބަޔަކުވެސް ވަނީ ބަރަލުމާނީ ނިޒާމު ގެނައުމަށް އެފަރާތްތަކުން ނުރުހޭ ކަމަށް ބުނެފަ އެވެ.
ކޮންމެއަކަސް މިދިޔަ ހުކުރު ދުވަހު ފެށި އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސް އަށް ރައީސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމު ގެނައުމަށް ހުށަހަޅުއްވާފަ އެވެ. ކޮންގްރެސްގެ މަންދޫބުން މެންދުރުގެ ކެއުމަށް އިންސާފު ކުރަމުން ދިޔަ ވަގުތުވެސް ރައީސް ނަޝީދު ގެންދެވީ ބަރުލަމާނީ ނިޒާމުގެ ފޮނި މީރު ކަމުގެ ވާހަކަ ދައްކަމުންނެވެ. ގޮތް ދޫނުކުރައްވާ އެތައް ބަޔަކަށް ގޮންޖައްސަވާ ރުޅި މޫނު ހައްދަވައިގެން ހުރެ އެމަނިކުފާނު ދިޔައީ، ނިޒާމު ބަދަލު ކުރަންޖެހޭ ކަމަށް ވަކާލާތު ކުރަމުންނެވެ.
ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރު އަނބުރާ ގެންދެވުމަށް އެމްޑީޕީގެ އެންމެ އިސް ލީޑަރު, ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިމަހުގެ 16 ވަނަ ދުވަހު އެދިވަޑައިގެންފަ އެވެ.
ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ، ނިޒާމް ބަދަލުކުރަން ގާނޫނުއަސާސީ ބަދަލުކުރަން ހުށަހަޅަން އެމްޑީޕީގެ ކޮންގްރެސްއިން ވެސް ތާއިދު ކުރާނެ ކަމަކަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އެހެންކަމުން އެ ގަރާރު އަނބުރާ ގެންދެވުމަށް އިލްތިމާސް ކުރައްވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވި އެވެ.
އެ ވާހަކަތަކަށް ރަށްދުދެއްވާ ރައީސް ނަޝީދު ވަނީ، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުނުކޮށް ފިނަމަ، 42 އިންސައްތަ އެމްޑީޕީ މެމްބަރުންގެ ވޯޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ގެއްލޭނެ ކަމަށް ހަމަ އެދުވަހު ވިދާޅުވެފަ އެވެ.
މީގެ އިތުރުން މިމަހުގެ 18 ވަނަ ދުވަހު ރައީސް ނަޝީދު ވަނީ އެއްވެސް މީހަކަށް ނިޒާމީ ވޯޓު ނެގުން ނުހުއްޓުވޭނެ ކަމަށް ވިދާޅުވެ ގަދަ ބަސް ވިދާޅުވެފަ އެވެ.
މީގެ އިތުރުން ހަމަ މިމަހުގެ 18 ވަނަ ދުވަހުގެ ރޭ އެމްޑީޕީގެ ހަރުގޭގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ބެހޭވެސް ކަމެއްް ނޫންކަމަށާއި، އެ މަަަސައްކަތުގެ ތެރެއަށް ރައީސް ސޯލިހު ވަދެވަޑައިގަންނަވަން ނުޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
ކޮންމެއަކަސް އެމްޑީޕީގެ ކޮންގްރެސް ފެށިގެން ރައީސް ނަޝީދަށް ވާހަކަ ދައްކަވަން ލިބޭ ކޮންމެ ފުރުސަތެއްގައި ބަރުލަމާނީ ނިޒާމުގެ މޮޅު ވާހަކަ ދައްކަވަމުން ގެންދެވި އެވެ. އެއާއި ވިއްދާ ރައީސް ސޯލިހު ވެސް ބައެއް ފަހަރު ބައެއް ބަސްތައް ބުނަމުން ދިޔަކަން ފާހަގަ ކޮށްލެވެ އެވެ.
އެހެން ނަމަވެސް މިއަދު އަޑުއިވިގެން މިދިޔައީ، ރައީސް ނަޝީދު ގޮތް ދޫކުރެއްވި ވާހަކަ އެވެ. އެމަނިކުފާނު ކުރެއްވި އުއްމީދުތައް ފެނަށް ވެގެން ދިޔަ ވާހަކަ އެވެ.
އެމްޑީޕީގެ ކޮންގްރެސްގައި މިއަދު މެންދުރު ފަހު ރައީސް ނަޝީދުގެ ގަރާރަށް ބަހުސް ކުރެއްވުމަށް ހަމަޖެހިފައި ވަނިކޮށް ރައީސް ނަޝީދު މިވަނީ، ހަތިޔާރު ބަހައްޓަވާފަ އެވެ. ރައީސް ސޯލިހު އާއި ރައީސް ނަޝީދުގެ އިތުރުން ފައްޔާޒް އިސްމާއިލްގެ ކުއްލި މަޝްވަރާއަށް ފަހު ރައީސް ނަޝީދުގެ ގަރާރު އަނބުރާ ގެންދަވަން ރައީސް ނަޝީދު ނިންމެވީ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
އެހެން ކަމުން މިއަދު ރައީސް ސޯލިހުގެ ކުރިމަތީ، ރައީސް ނަޝީދު ހަތިޔާރު ބަހައްޓާ ބަލި ގަބޫލު ކުރެއްވީތޭ އެވެ.؟