ads
ބަލިމީހުން ބަލަމުންދިޔަ ގަޑީގައި ނިދާފައިވަނީ ނައިޖީރިއާ ޑޮކްޓަރެއް
ނިދަން ބޭނުންވާކަމަށް ބުނެ، 1 އަހަރުގެ ކުއްޖަކަށް ފަރުވާނުދީ ނިދި ޑޮކްޓަރަކު ވަކިކުރަނީ
ހއ. ހޯރަފުށީ ހެލްތު ސެންޓަރުގައި މަސައްކަތްކުރާ ޑޮކްޓަރަކު ނިދަން ބޭނުންވާ ކަމަށް ބުނެ، ބަލިވެގެން ޑޮކްޓަރަށް ދައްކަންދިޔަ އެއް އަހަރުގެ ކުއްޖަކަށް ފަރުވާނުދީ ޑިއުޓީގައި ނިދި މައްސަލާގައި އެ ޑޮކްޓަރު ވަކިކުރަން ނިންމައި، ސަސްޕެންޑުކޮށްފި އެވެ. އޭނާ ސަސްޕެންޑުކޮށްފައިވަނީ މިއަދު އެވެ.
Advertisement
ހުންގަދަވެފައިވާ އެއް އަހަރުގެ ދަރިފުޅާއިއެކު ދޮޅުގަޑިއިރު ކިޔުގައި މަޑުކުރުމަށް ފަހު ނަންބަރަށް ޖެހުމުން ޑޮކްޓަރު ކޮޓަރިން ދިން ޖަވާބަކީ "ޑޮކްޓަރ ރެސްޓް ކުރަން ނިދަނީ" ކަމަށް ބުނެ އެ ކުއްޖާގެ ބައްޕަ ވަނީ ފޭސްބުކުގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

ބަލިމީހުން ބަލާ ކޮޓަރިތެރޭގެ މޭޒުގައި ބޯއަޅައިގެން އޮވެ ޑޮކްޓަރު ނިިދާ މަންޒަރު ފެންނަ ފޮޓޯއާއިއެކު އޭނާ ހިއްސާކުރި ޕޯސްޓުގައި ބުނެފައިވަނީ، ދެފަހަރު ޑޮކްޓަރަށް ގޮވާލުމުންވުސް ބުނީ ރެސްޓްކުރަނީ ކަމަށް ކަމަށާއި، ކުއްޖާގެ ހާލަތު ބަޔާކުރުމުން ވެސް ބުނީ އިތުރަށް ނުގޮވުމަށް ކަމަށެވެ.

"ނަރުސް ގޮސް ކުއްޖާގެ ހާލަތު ބުނުމުން ކުރިއަށްވުރެ ގަދައަށް ނިދާލަން ހަމަޖެހިލި. މަރުކަޒު ހިންގުމާއި ހަވާލުވެ ހުރި ފަރާތުން އެދުމުން ވެސް ކުރީ އިންކާރު. އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތް މީހަކަށް ބަލިމީހަކު ނުބެލޭނެ،" ހުން ގަދަވެފައިވާ ދަރިފުޅު ގޮވައިގެން ގޮސް ހުރެ ފަރުވާނުލިބުމުން ކަންބޮޑުވުން ފާޅުކުރަމުން ކުއްޖާގެ ބައްޕަ ކުރި އެޕޯސްޓުގައި ބުނެފައިވެއެެވެ.

އޭނާ ބުނީ، ކުއްޖާއަށް ފަރުވާދެވުނީ ތިން ގަޑިއިރު ފަހުން ކަމަށެވެ. ތިންގަޑިއިރު ފަހުންވެސް ކުއްޖާއަށް ފަރުވާދެވެން ފެށުނީ ނަރުސް ކުދިންގެ ރަނގަޅުކަމުން ކަމަށް އޭނާާ ބުނެފައިވެ އެވެ. 

އޭނާ ވަނީ އެދަރަޖައަށް ހޯރަފުށީ ސިއްހީ މަރުކަޒުގެ ހާލަތު ގޯސްވެގެން ދަނީ ތަނުގެ ހިންގުމުގެ ގާބިލިއްޔަތުކަން ނެތުމުގެ ސަބަބުން ކަމަށާއި، ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމުން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ވަސީލަތް މަދުކަން އެނގިހުރެ މެނޭޖުކުރަން ނޭގުމުން ކަމަށާއި، ޑޮކްޓަރުންގެ ފެންވަރުނެތް މީހުންނަށް ބަލިމީހާ ބަލަން ފުރުސަތު ދިނުމުން އަދަށްވުރެ މާދަމާ ދިމާވާކަންތައްތައް މާބޮޑުވާނެ ކަމަށް ބުނެވެސް އޭނާ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
މީގެ އިތުރުން، އޭނާ ވަނީ ވީއެންމެ އަވަހަކަށް ތަނުގެ ހިންގުން ހަރުދަނާކޮށް، އެ ޑޮކްޓަރު ވަޒީފާއިން ވަކިކުރުމަށްވެސް ގޮވާލާފަ އެެވެ.

މިކަމާއި ގުޅިގެން އެ ހެލްތު ސެންޓަރުގެ މެނޭޖަރު، އިބްރާހިމް ރަޝީދު މިއަދު "ސީއެންއެމް" އަށް މިއަދު ވިދާޅުވީ، އެގޮތައް އެކަން ހިނގާފައިވާ ކަމަށާއި، ފަރުވާދިނުމަށް ގޮވުމުންވެސް ނިދަން އަދި ރެސްޓުކުރަން ބޭނުންވާ ކަމަށް ބުނެ ނިދާފައިވާ ކަމަށެވެ. އަދި އޭނާ ވަކިކުރުމަށް ނިންމައި އެމަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ނައިޖީރިއާއަށް ނިސްބަތްވާ އެ ޑޮކްޓަރު، އެ މަރުކަޒުގައި މަސައްކަތްކުރާތާ ވީ ދެމަސްވަރު ކަމަށެވެ. ނަމަވެސް އެ ދެމަސްތެރޭވެސް އޭނާގެ މަސައްކަތުގެ ފަރުވާކުޑަކަމުގެ މައްސަަލަތައް ފެންމަތިވާތީ މީގެ ކުރިންވެސް ވާނީ ނަސޭހަތްތެރިވެވިފައި ކަމަށެވެ. 

" ޑިއުޓީ ގަޑީގައި ނިދުމާއި، އަބަދު ވަރުބަލިވެ ނިދިއައިސްފައި ހުންނަނީ. މަސައްކަތައް ސިއްހީގޮތުން ފިޓު ނޫންކަމަށް ބެލެވެނީ އެހެންވެ. ޒުވާން ޑޮކްޓަރެއްވެސް މެ އެކަމަކު މަސައްކަތައް ފިޓެއް ނޫން. މިފަދަ މައްސަލަތައް ތަކުރާރުކޮށް ފެންމަތިވާތީ، މީގެ ކުރިންވެސް ނަސޭހަތްތެރިވެވިފައިވާނީ، ނަމަވެސް އެކަންކަން އިސްލާހުކޮށްފައި ނުވާތީ، މިހާރު ނިންމާފައިވަނީ ވަޒީފާއިން ވަކިކުރަން،" ސިއްހީ މަރުކަޒުގެ މެނޭޖަރު ވިދާޅުވި އެވެ.

މިވަގުތު ސަސްޕެންޑުގައި ހުރި އޭނާ ވަކިކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ  ކަމަށާއި އެކަމާއި ގުޅޭ ލިއުންތައް ތައްޔާރުކޮށްފައިވާ ކަމަށްވެސް މެނޭޖަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އޭނާ ވަކިކުރަން އަންގާނީ މިނިސްޓްރީން ކަމަށެވެ.

ކުއްޖާގެ ހާލަތާއި ގުޅޭގޮތުން ރަޝީދު ވިދާޅުވީ، ކުއްޖާއަށް ފަރުވާދެވުނީ ދެގަޑިއިރު ފަހުން ކަމަށާއި، ފަރުވާދިނީ އެ ޑޮކްޓަރު ކަމަށެވެ. އަދި ކުއްޖާއަށް މިވަގުތުވެސް އެމަރުކަޒުގައި ފަރުވާދެމުންދާއިރު، ކުއްޖާގެ ހާލު ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ. 

ހޯރަފުށީ ހެލްތު ސެންޓަރުގައި ތިން ޑޮކްޓަރަކު މަސައްކަތްކުރެ އެވެ. އެއީ މެޑިކަލް ދެ އޮފިސަރުންގެ އިތުރުން ގައިނޮކޮލަޖިސްޓެކެވެ. ނުވަ ނަރުހުން އެ ސެންޓަރުގައި މަސައްކަތް ކުރެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް