ads
ގާސިމް ހަސަން (ކ) ގައި އަދި އަދުހަމް މުހައްމަދު (ވ)ގައި
ފުލުހުން އަދުހަމަށް ޑްރަގު ދިން ކަމަށް ކުރި ތުހުމަތު ދޮގުކޮށްފި
ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލިކަމުގެ ދައުވާ ލިބޭ މުހައްމަދު އަދުހަމަށް ފުލުހުން މަސްތުވާތަކެތި ދިން ކަމަށް މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި އޭނާ ކުރި ތުހުމަތު ފުލުހުން ދޮގުކޮށްފި އެވެ.
Advertisement

މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ކުށަށް އިއުތިރާފްވުމަށް ފަހު މިއަދު ބޭއްވި އަވަސް ނިޔާ ޝަރީއަތުގެ މަޖިލީހުގައި އަދުހަމް ވަނީ ދައުވާއަށް އިންކާރުކޮށް، ފުލުހުންނަށް ބޮޑު ތުހުމަތެއް ކޮށްފަ އެވެ. 

އޭނާ ބުނީ ގަސްދުގައި މީހަކު މަރާފައި ނުވާނެ ކަމަށާއި، ކުރިން އިއުތިރާފްވީ މަސްތުގެ ހާލުގައި ހުރެގެން ކަމަށެވެ. އަދި އޭނާ ކޯޓަށް ގެންނަނީ މަސްތުގެ ހާލަތުގައި ބަހައްޓައިގެން ކަމަށާއި އެކަން ކުރަނީ ފުލުހުން ކަމަށް ވެސް ތުހުމަތު ކުރި އެވެ. އަދުހަމް ބުނީ އޭނާ އަށް ހޭވެރިކަންވީ ކަރެކްޝަންސްގެ ބެލުމުގެ ދަށުން މާފުއްޓަށް ގެންދިއުމުން ކަމަށެވެ. 

އެ ތުހުމަތާ ގުޅިގެން ފުލުހުން ބުނީ މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި އަދުހަމް ދައްކާފައި ވަނީ "އެއްވެސް އަސްލެއް ނެތް ހަގީގަތާ ހިލާފު ވާހަކަތަކެއް" ކަމަށެވެ. 

"ގާސިމް މަރާލި މައްސަލާގައި އަދުހަމް ޝަރީއަތުގައި ދައުވާއަށް އިންކާރު ކުރި ކަމުގައިވީ ނަމަވެސް އެ މައްސަލާގައި އަދުހަމްގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހުންނާނެ،" ފުލުހުން އިތުރަށް ބުންޏެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެން ޝަމީމް ވެސް މިއަދު ވިދާޅުވެފައި ވަނީ ޝަރީއަތަށް ހުށަހަޅާ ހެކީގެ މައްޗަށް ބިނާކޮށް، އަދުހަމުގެ މައްޗަށް ކުށް ސާބިތު ކުރެވޭނެ ކަމަށެވެ. 

"އިޢުތިރާފު އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުދިއުމަކީ މައްސަލައެއް ނޫން. ޕީޖީ އޮފީހުން، މި މައްސަލާގައި ޝަރީއަތަށް ހެކި ހުށަހަޅައިގެން، ހެކީގެ މައްޗަށް ބިނާކޮށް، އިރާދަ ކުރެއްވިއްޔާ، ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރިކަން ޝަރީޢަތަށް ސާބިތު ކޮށްދޭނެ،" ޝަމީމް ކުރެއްވި ޓްވީޓެއްގައި ވެއެވެ. 

ގާސިމް މަރާލި ކަމަށް އަދުހަމް މީގެ ކުރިން އިއުތިރާފްވެފައި ވާތީ މިއަދުގެ އަޑުއެހުން ތާވަލް ކުރީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި އަދުހަމްގެ މައްޗަށް ހުކުމް އިއްވައިި، ވާރިސުންގެ ބަސް ހޯދައި، އަދަބު ކަނޑައެޅުމަށެވެ. 

ނަމަވެސް އަދުހަމް ކުށަށްވީ އިއުތިރާފް އަނބުރާ ގެންގޮސްފައި ވާތީ ދައުލަތުން މިއަދު ވަނީ އަދުހަމާ އެކު ދައުލަތުން ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސް މި މައްސަލައިގެ ޝަރީއަތް އަލުން ފެށުމަށް އެދިފަ އެވެ. 

އެހެންކަމުން މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ރަޝީދު ވަނީ މި މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް އަލުން ފަށައި ހެކި ހުށަހަޅައިގެން މައްސަލައާ މެދު ގޮތެއް ނިންމުމަށް ނިންމަވާފަ އެވެ.

ގާސިމް މަރާލުމަށް ފަހު ފިލައިގެން އުޅެނިކޮށް ފުލުހުން އަދުހަމް ހޯދައި ހައްޔަރު ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ.  

އަދުހަމަކީ ވައްކަމާއި ފޭރުމުގެ ކުށުގެ ރިކޯޑް އޮންނަ މީހެކެވެ. ގާސިމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ހުޅުމާލެއިން ފެނުނީ މިދިޔަ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތުގަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް