ads
ނައިބު ރައީސް ފައިސަލް ނަސީމް
ގައިދީންނަށް އިހުތިރާމުކޮށް އިހުސާންތެރިވާންޖެހޭ: ނައިބު ރައީސް
ޖަލުގައި ތިބި ގައިދީންނާއި ދޭތެރޭގައި އިހްތިރާމާއި އިހްސާންތެރިކަމާއި އެކު އަމަލު ކޮށް، އެފަރާތްތައް، އަނބުރާ މުޖުތަމައަށް އައުމުގެ ފުރުސަތު ހޯދައިދޭން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

މާފުށީ ޖަލުގައި ގައިދީންނަށް ހިންގި ފުރަތަމަ ޑްރަގް ރިހެބިލިޓޭޝަން އެޕްރޮގްރާމްގެ ތެރެއިން، ހައުސްވަޔަރިން އެންޑް އިލެކްޓްރިޝަން ކޯސް ފުރިހަމަކުރި ގައިދީންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ، އެއްވެސް މީހަކާއި މެދު ތަފާތުކުރުމެއް ގެންގުޅެ، ވަކިގޮތަކަށް ކަންތައްތައް ކުރުން އެއީ، އެއްވެސް ހާލެއްގައި މުޖުތަމައުގެ ތެރޭގައި ކަން ކޮށްގެންވާނެ ގޮތް ނޫންކަމަށެވެ.

އެގޮތުން ގައިދީންނާއި މެދު ވެސް ދެކެން ޖެހޭނީ، އިހްތިރާމާއި އިހްސާންތެރިކަމާއި އެކު ކަމަށާއި، އެމީހަކީ އަނބުރާ މުޖުތަމައަށް ނެރެވޭނެ މީހެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.

"މުހިއްމުކަން ކުޑަ ހަމަ އެކަކުވެސް ނެތް. އެހެންވީމާ އެންމެންގެ އަމާޒަކަށްވެސް ވާންޖެހޭނީ، ޖަލުގައި ތިބި ގައިދީންނާއި ދޭތެރޭގައި އިހްތިރާމާއި އިހްސާންތެރިކަމާއި އެކު އަމަލު ކުރެވި އެފަރާތްތައް، އަނބުރާ މުޖުތަމައަށް އައުމުގެ ފުރުސަތު ހޯދައިދީ އާއިލާތަކާއި އެކު ދިރިއުޅެން މަގު ތަނަވަސްކޮށްދިނުމަށްޓަކައި ރަނގަޅު މަސައްކަތްތަކެއް ކޮށްދިނުން،" ނައިބު ރައީސް ވިދާޅުވި އެވެ.

މާފުށީޖަލުގައި ހިންގުނު ފުރަތަމަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރި ގައިދީންނަށް މަރުހަބާ ވިދާޅުވެ ހިތްވަރު ދެއްވަމުން ނައިބު ރައީސް ވަނީ، ސެޓްފިކެޓް ލިބުނު އެ ފަރާތްތަކަކީ އަލުން އަނބުރާ ޖަލަށް ގެނެވޭނެ މީހަކަށް ނުވުމުގެ އަޒުމް ކަނޑައެޅުއްވުމަށް އެދިވަޑައިގެންފަ އެވެ.

މާފުށީ ޖަލުގައި ކުރިޔަށް ގެންދިޔަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްއަކީ، މަސްތުގެ ވަބާގައި ޖެހިފައިވާ ގައިދީން ރިހެބިލިޓޭޓްކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައަށް ގެނައުމަށް އެ ފަރާތްތައް ޑިޓޮކްސްކޮށް ޑްރަގް ޓްރީޓްމަންޓު ދިނުމާއި، ދިރިއުޅުމުގެ ހުނަރުތަކާއި ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. 

ހަތަރު މަރުހަލާއަކަށް ކުރިއަށް ގެންދާ މިޕްރޮގްރާމް ފަށާފައި ވަނީ މިއަހަރުގެ ފެބުރުއަރީ މަހުގައި އެވެ. ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމާއި، ސެޓްފިކެޓް 1 އިން ހައުސްވަޔަރިން އެންޑް އިލެކްޓްރިޝަން ކޯސް ފުރިހަމަކުރި 32 ޤައިދީނަށް މިއަދު ވަނީ ސެޓްފިކެޓް ދީފަ އެވެ. އެފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ، ނައިބު ރައީސް ފައިސަލް އެވެ.

މިރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި، ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ބައިވެރިވެވަޑައިގެންނެވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް