ads
ހެއްކާއިބެހޭ ބިލާއި ދެކޮޅަށް ނޫސްވެރިން ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން
މަސްދަރު ހާމަކުރަން އެންގުމުގެ ބާރު ހައިކޯޓަށް ދިނުމަށް ބިލެއް ފަރުމާ ކުރަނީ
ނޫސްވެރިންނަށް މައުލޫމާތު ދިން މަސްދަރު ހާމަކުރަން މަޖުބޫރުވާ، ހެއްކާއި ބެހޭ ބިލަށް އިސްލާހު ގެނައުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އާއި އެޑިޓާސް ގިލްޑް އޮފް މޯލްޑިވްސް (އެމްއީޖީ) އިން ބިލެއް ޑްރާފްޓުކޮށް، އެ ބިލަށް އާއްމުންގެ ހިޔާލު ހޯދުމަށް ހުށަހަޅައިފި އެވެ.

ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގައި މިހާރު އޮތް ގޮތުން ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލަމާތާ ގުޅުންހުރި ކުށްތަކުގެ މައްސަލަތަކުގައި ތަހުގީގުކުރާ ފަރާތުން އެދިއްޖެނަމަ ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން ކޯޓު ތަކަށް މަޖުބޫރު ކުރެވިދާނެ އެވެ. 

މަސްދަރު ހާމަ ކުރަން އެދި ދައުލަތުގެ އިތުރުން މައްސަލައިގެ ދައުވާ ލިބޭ މީހާއަށްވެސް ގާނޫނުގައި މިހާރު އޮތް ގޮތުން އެދެވިދާނެ އެވެ. އަދި އެފަދަ އަމުރެއް ދަށު ކޯޓުތަކަށްވެސް ނެރެވިދާނެ ކަމަށް މިދިޔަ ޖޫން މަހު ތަސްދީގު ކުރި ހެއްކާއި ބެހޭ ބިލުގައި ވަނީ ބުނެފަ އެވެ. 

ހެއްކާއި ބެހޭ ބިލާއި ގުޅިގެން ނޫސްވެރިންގެ ހައްގަށް ބޮޑު ހީނަރު ކަމެއް ކުރިމަތިވާއިރު، އެ ގާނޫނަށް އަމަލު ކުރަން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ފަށާނެ އެވެ. މިކަމާއި ގުޅިގެން ނޫސްވެރިންނާއި އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭއްވި ބައްދަލުކުރެއްވުމެއްގައި، އެކަމަށް ހައްލު ހޯދައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށްވަނީ ވިދާޅުވެފަ އެވެ. 

އެމްޖޭއޭ އާއި އެމްއީޖީ އިން އާއްމުންގެ ހިޔާލު ހޯދުމަށް ފޮނުވާފައިވާ ބިލުގެ ޑްރާފްޓުގައި، މަސްދަރު ހާމަ ކުރަން ދަށު ކޯޓުތަކަށް އަމުރު ކުރެވޭ ގޮތަށް އޮތް އޮތުން ބަދަލު ކުރުމަށް ވަނީ އެދިފަ އެވެ. އަދި ޑްރާފްޓުގައި ވާގޮތުން މަސްދަރު ހާމަކުރަން އެދެވޭނީ ކޮމިޝަނާ އޮފް ޕޮލިސް ނުވަތަ ޕްރޮސެކިއުޓާ ޖެނެރަލް ސޮއިކޮށް ހައިކޯޓުގައި އެކަނި ކަމަށެވެ. 

މީގެ އިތުރުން މަސްދަރު ހާމަކުރުމަށް އެދި ހުށަހަޅާ މައްސަލައެއްގައި، ކޯޓުން ކަށަވަރުކުރަން ޖެހޭ ކަންކަން ބިލުގެ ޑްރާފްޓުގައި ވަނީ ބަޔާން ކޮށްފަ އެވެ. އޭގެ ތެރޭގައި ކޮންމެހެން މަސްދަރު ހާމަ ކުރަން ޖެހޭތޯ ބެލުމާއި މަސްދަރު ހާމަ ކުރުމަކާ ނުލާ ވެސް ތަހުގީގީ އެހެން ވަސީލަތްތައް ބޭނުންކޮށްގެން ކަމުގެ ހަގީގަތް ހޯދޭނެތޯ ބެލުމާއި މަސްދަރު ހާމަކޮށްފި ނަމަ، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ކުރާނެ ނޭދެވޭ އަސަރު ބެލުމާއި އަދި މަސްދަރު ހާމަ ނުކޮށްފި ނަމަ، ނުކުންނާނެ ނޭދެވޭ ނަތީޖާ ބެލުން ހިމެނެ އެވެ. 

މީގެ އިތުރުން، ޓެރަރިޒަމްގެ ކުށެއް ކަމަށް ބިލުގެ ޑްރާފްޓުގައި ވަނީ ބައެއް ކަންކަން ހިމަނާފަ އެވެ. އެއީ:

  •  މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުން
  •  ކުށް ކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުވުން
  •  ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނުކުރުން
  •  މުދަލަށް ބޮޑެތި ގެއްލުން ދިނުން
  •  ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުން
  •  އާންމުންގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތެއް ކުރިމަތިކުރުވުން
  •  މުހިންމު އުމްރާނީ ވަސީލަތްތަކަށް ބޮޑު ގެއްލުމެއް ދިނުން ނުވަތަ އަސާސީ ހިދުމަތް މެދުކަނޑުވާލުން 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް