
އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ސޮއިކުރައްވާ، މި މަހުގެ 18 ވަނަ ދުވަހު ނެރުއްވާފައިވާ ހޯމް މިނިސްޓްރީގެ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ޕޮލިސް ވެލްފެއަރ ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ 91 މިލިއަން ރުފިޔާގެ އަގުބޮޑު ޕްރޮޖެކްޓެއް، ޓެންޑަ ބޯޑަށް ހުށަހެޅުމަކާ ނުލައި ޕޮލިސް ވެލްފެއަރ ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ މައްސަލައިގައި ކަން ހިނގާފައިވާ ގޮތެވެ.
އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި މާލެ އަތޮޅު ހިންމަފުށީގައި ވަގުތީ ޑީ-ރެޑިކަލައިޒޭޝަން ސެންޓަރެއް އިމާރާތް ކުރުމާއި މާފުށީ ޖަލުގައި 50 ގޮޅި އިމާރާތް ކުރުމަށް ފުށީގައި ވަގުތީ ޑީ-ރެޑިކަލައިޒޭޝަން ސެންޓަރެއް ޢިމާރާތްކުރުމުގެ މަސައްކަތާއި، ކ. މާފުށީ ޖަލުގައި 50 ގޮޅި ޢިމާރާތްކުރުމުގެ މަސައްކަތް، ނުވަދިހަ އެއް މިލިއަން ހަ ސަތޭކަ ތިރީސް ހާސް ހަތަރު ސަތޭކަ ނަވާވީސް ރުފިޔާއަށް ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން -ޕޮލްވެކާ ހަވާލުކޮށްފައިވަނީ ނޭޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅައި ގެން ނޫނެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުން މަސައްކަތްތައް ޕޮލްވެކާ ހަވާލުކޮށްފައިވަނީ، އަވަސް ފުރުޞަތެއްގެ ތެރޭގައި ނިންމަންޖެހޭ މަސައްކަތް ތަކަށްވާތީއާއި، މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ކ. ހިންމަފުށީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ހުރި ސަރަހައްދާއި، ކ. މާފުށީ ޖަލުގައިކަމަށް ވާތީ، އެ ސަރަހައްދުތަކާއި، ޢިމާރާތްތަކުގެ ބޭނުމަށް ބަލާއިރު، އާންމު އުސޫލުން ބިޑުކޮށްގެން ހޮވޭ އާންމު ފަރާތަކަށް މި މަސައްކަތް ހަވާލުކުރުމަކީ ކުރުން ރައްކާތެރިކަމެއްކަމަށް ނުވާތީކަމަށް މިނިސްޓްރީގެ ލިޔެކިޔުންތަކުގައި ބަޔާންކޮށްފައި ވާ ކަމަށެވެ.
އެހެންނަމަވެސް، ޕޮލްވެކާ ހަވާލުކޮށްފައިވާ މި ދެ މަސައްކަތް، ޕޮލްވެކުން އަމިއްލަ ކުންފުންޏަކަށް ސަބްކޮންޓްރެކްޓް ކޮށްފައިވާކަން އޮޑިޓަރ ޖެނެރަލްވަނީ ފާހަގަކޮށްފައެވެ. އަދި ޕޮލްވެކާ ސަބްކޮންޓްރެކްޓަރާ ދެމެދު ވެފައިވާ އެއްބަސްވުމުގައި، ސަލާމަތީ ސަބަބުތަކަށްޓަކައި ވަކިކަމެއް ވަކި ގޮތަކަށް ކުރުން ލާޒިމްކޮށްފައި ނުވާކަންވެސް އޮޑިޓަރ ޖެނެރަލްވަނީ ފާހަގަ ކޮށްފައެވެ.
ޕޮލިސް ވެލްފެއަރއިން މީގެ ކުރިންވެސް މި ފަދަ ކަންކަން ހިނގާފައިވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.