މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެމްބަރުންނަކީ ކަންކަން ރަނގަޅު ކުރުމަށްޓަކައި ޕާޓީގައި ތިބެ އަޑު އުފުލާ މެމްބަރުން ތިބި ޕާޓީއެއް ކަމަށާއި، އޭގެ މާނައަކީ އެ ޕާޓީ އާއި ދުރަަށް ދިއުމެއް ނޫން ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަން އަދި އިހަވަންދޫ ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ބައެއް ކަންތައް ދާގޮތާއި ދޭތެރޭ އެމްޑީޕީގެ މެމްބަރުން ފާޑުކިޔަމުން އަންނާތީ އެކަމަށް އިޝާރާތްކުރައްވާ ސީއެންއެމްޓީވީގެ "އިތުރުކާފް" ޕްރޮގްރާމްގައި ރޭގައި ވާހަކަދައްކަވަމުން މެމްބަރު އަހްމަދު އަބްދުﷲ ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނަކީ ކަންކަން ރަނގަޅު ކުރުމަށްޓަކާ ޕާޓީގައި ތިބެ އަޑުއުފުލާ މެމްބަރުން ތިބި ޕާޓީއެއް ކަމަށެވެ.
ނަމަވެސް އެހެން ސިޔާސީ ޕާޓީގެ މެމްބަރުންނަކަށް އެ ޕާޓީން ކުރާ ގޯސްކަމެއްގެ ވާހަކަ، ނޫނީ ޕާޓީން ކުރާ ކަންތަކާއި ދޭތެރޭ ހިތްހަމަނުޖެހުނު ކަމުގައިވިޔަސް އަޑުއުފުލާކަށް ނުކެރޭ ކަމަށް އަހްމަދު އަބްދުﷲ ވިދާޅުވިއެވެ.
އަހްމަދު އަބްދުﷲ ވިދާޅުވީ ކަމެއް ގޯސްކޮށްދަނީނަމަ ނޫނީ ޕްރޮޖެކްޓެއް ލަސްވާނަމަ ޕްރޮޖެކްޓެއް ނުފެށި އޮންނަ ކަމަށްވާނަމަ، އަދި ޕްރޮޖެކްޓަކުން ވީ ވައުދާއި އެއްގޮތަށް ކަނޑައެޅުނު ތާރީޚަށް ހިގަމުން ނުދާނަމަ، އެކަމާއި ދެކޮޅަށް އެމްޑީޕީ މެމްބަރުން އިސްވެ އަޑުއުފުލާނެ ކަމަށެވެ. އޭގެ ސަބަބަކީ ތަރައްގީގެ ވިސްނުމާއި، ތަރައްގީ ބޭނުންވެފައި ތިބި މެމްބަރުން އެ ޕާޓީގައި ތިބުން ކަމަށް ވިދާޅުވިއެވެ.
"އެހެން ސިޔާސީ ޕާޓީތަކުގެ ނެތް ކަމެއް އަޅުގަނޑުމެންގެ ތެރެއިން އޮތް ކަމެއް އެބޭފުޅުން ހަމަ ކަންބޮޑުވާނެ . އެބޭފުޅުން އަޅުގަނޑުމެންނާއި ހަމައަށް އަންނާނެ.އެމްޑީޕީ މެމްބަރުން އެކަކު އަނެކަކަށް ބަހުސްކުރައްވާނެ.ޕްރޮޖެކްޓެއް ލަސްވިޔަސް އެ ލަސްވި ވާހަކަ ދައްކާނެ ، ކެރޭނެ އެ ހިތްވަރު ހުންނާނެ . އޭގެ މާނައަކީ ޕާޓީއާއި ދުރަށް ދިއުމެއް ނޫން ކަމަށް" އަހްމަދު އަބްދުﷲ ވިދާޅުވިއެވެ.
އަހްމަދު އަބްދުﷲ ވިދާޅުވީ އެމްޑީޕީ މެމްބަރުން ސަރުކާރުގެ ކަންތަކާއި ދެކޮޅަށް އަޑުއުފުލުމުގެ މާނައަކީ، އެ މެމްބަރުންގެ މުޅި ވިސްނުން ހުރީ ރަށާއި، ގައުމާއި، ރައްޔިތުންގެ ކުރިއެރުމަށް ކަމަށްވާތީއެވެ.
" އެ ކުރިއެރުމަށްޓަކައޭ އެބޭފުޅުން އެ ޒުވާބުވެސް ކުރައްވަނީ . އެ ބަހުސްވެސް އެ ކުރައްވަނީ. އަދި އެ ހުށަހެޅުންތައް ހުށަހަޅުއްވަނީވެސް އެ ވާހަކަތައް އެ ވިދާޅުވަނީ " އަހްމަދު އަބްދުﷲ ވިދާޅުވިއެވެ.
އެމްޑީޕީގެ މެމްބަރުންގެ ހިތްހަމަނުޖެހުންތަކުގެ އަޑު އިވޭ ކަމަށާއި،އެ އަޑުއިވުމުގެ ސަބަބުން ކަންތައް ރަނގަޅުކުރުމަށް އިތުރު ހިތްވަރެއް ލިބެމުން އަންނަ ކަމަށް މެމްބަރު ފާހަގަކުރެއްވިއެވެ. އަދި އެ ފާޑުކިޔުންތަކުގެ މަންފާ މުޅި އެމްޑީޕީ އަށާއި، ގައުމަށް ކުރާނެ ކަމަށް އަހްމަދު އަބްދުﷲ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ކޮންމެ ދުވަހަކު ތި އަޑުތައް އިވޭނެ، އަޅުގަނޑުމެންނަށް އެ އަޑުއިވި ވަރަށް ބޮޑު ބާރަކަށްވޭ އެ ބޭފުޅުންގެ ފަރާތްޕުޅުން އެ އަޑުތައް އިވުނީމައި އަދި އެބޭފުޅުންގެ ފަރާތްޕުޅުން އަޅުގަނޑުމެންނަށް އެ ރިކުއެސްޓްތައް އަންނަން ފެށީމައި އަޅުގަނޑުމެންގެވެސް އެނާރޖީ އިތުރުވޭ . އަޅުގަނޑުމެންނަށް އެކަންކަމުގައި އުޅެން ހިތްވަރު ލިބޭ. ކަންކަމުގައި ދާން ވަރަށް ބޮޑަށް ބޭނުންވޭ" އަހްމަދު އަބްދުﷲ ވިދާޅުވިއެވެ.
އެމްޑީޕީގެ މެމްބަރުންނަކީ ތަރައްގީގައި ނިކުމެ ވަކާލާތުކޮށްގެން ކަންކަން ކުރާ ބައެއް ކަމަށް އަހްމަދު އަބްދުﷲވަނީ ފާހަގަކުރައްވާފައެވެ.
އަހްމަދު އަބްދުﷲ ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ކަންތައްތައް ގޯހުން ގޯހަށް ދިޔައިރުވެސް އެ ޕާޓީގެ ކައުންސިލަރުންނާއި، މަޖިލިސް މެމްބަރުންގެ އިތުރުން ޕާޓީގެ އާއްމު މެމްބަރުންނަށްވެސް އެކަމާއި ދެކޮޅަށް އެއްޗެއް ބުނަން ނުކެރުނު ކަމަށެވެ.