ދިހަ ސައިންސްވެރިން ހިމެނޭ ބައިނަލްއަޤްވާމީ ޓިމަކާއެކު ދިވެހިރާއްޖޭގެ ފުން ކަނޑުތައް ދިރާސާ ކުރަން ހަމަޖެހިފައިވާ ނެކްޓަން މިޝަންގައި ދިވެހި ދެ އަންހެނުން ބައިވެރިވާގޮތަށް ހަމަޖެހި ތާރީޚުގެ ތެރެއަށް ވަދެއްޖެއެވެ. މި ދިރާސާ މިޝަންއާއި އެކު ދުނިޔެ ހޫނުވުމުން ލިބިދޭ ގެއްލުންތަކުން ދިވެހިރާއްޖެ ސަލާމަތް ކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތު ހޯދިގެންދާނެއެވެ.
މި މިޝަންގައި ބައިވެރިވާ ދިވެހިންގެ ޓިމް ލީޑް ކުރަން ހަމަޖެހިފައިވަނީ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރ ޖެނެރަލް ޝާފިޔާ ނައީމެވެ. އޭނާއާއެކު ނެކްޓަން މޯލްޑިވްސްގެ ރިސާރޗް އެސިސްޓަންޓްއެއް ކަމުގައިވާ ފަރާހް އަމްޖަދު ވަނީ މި މިޝަންގެ ފުރުތަމަ ބައިވެރިންގެ ގޮތުގައި ހަމަޖެހިފައެވެ. ޝާފިޔާ އަދި ފަރާހް އާއިއެކު ފުރުތަމަ ޑިސެންޓްގައި ދެން ބައިވެރިވާނީ ސަބްމާރސިބަލްގެ ޕައިލަޓް ކިމްލީ ޑޯ އެވެ.
ނެކްޓަން މޯލްޑިވްސް މިޝަންއިން ސެޕްޓެންބަރު 4 ވަނަ ދުވަހުގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަތަހައިން ފެށިގެން 1000 މީޓަރު އަޑިއަށް ކުރެވޭ މިފަދަ ފުރުތަމަ ސިސްޓަމެޓިކް ސާރވޭ އެންޑް ސާމްޕްލިންގް ގެ މަސައްކަތް ފަށާނެއެވެ. ކަނޑުގެ 50 މީޓަރަށް ވުރެއް ފުނަށް ދިޔުމަކީ އާންމުކޮށް ކުރެވޭ ކަމަކަށް ނުވާތީ، ކުރިން ފެނިފައިނުވާ އެތައް ތަނެއް ފެނި އެތަކެއް އާ ތަޖުރިބާތަކެއް މި މިޝަންގެ ބައިވެރިންނަށް ކުރެވިގެންދާނެއެވެ. މި މިޝަންއަކީ އިނގިރޭސިވިލާތުގެ މެރިން ރިސާރޗް އިންސްޓިޓިއުޓެއް ކަމުގައިވާ ނެކްޓަން އާއި ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
ދިވެހިރާއްޖެއަކީ 99 އިންސައްތަ ކަނޑު އަދި 1 އިންސައްތަ ބިމުން އެކުލެވިފައިވާ، އަދި ކަނޑުގެ ލޮނުގަނޑުގެ އެންމެ 1.5 މީޓަރު އުހުގައިވާ ޤައުމެކެވެ. އެހެންކަމުން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ދިވެހިރާއްޖެއަށް ލިބޭ ގެއްލުން ބޮޑެވެ. މީގެ 20,000 އަހަރު ކުރިން "ލާސްޓް ގްލޭޝިއަލް މެކްސިމަމް" ގައި ގަނޑުވެފައިވާ ފެން ވިރުމުގެ ކުރިން ހުރި ބީޗް ލައިންތައް ކަނޑުގެ 120 މީޓަރުގެ ފުނުން ފެންނާނެ ކަމަށް މި މިޝަންގެ ސައިންސްވެރިން ލަފާކުރެއެވެ. މީގެ އިތުރުން ވެސް ކަނޑުގެ ލޮނުގަނޑު އުފުލުމާއެކު ދިރުންތަކަށް އަންނަ ބަދަލުތަކަށް އެތަކެތި ހޭނެމުންދާގޮތް ދިރާސާ ކުރުމަށް މި މިޝަންގެ ތެރެއިން ހަމަޖެހިފައިވެއެވެ.
"ބޭރު ފެންނަ ގޮތަށް ހަދާފައިވާ ސަބްމާރސިބަލްގެ ޕްރެޝަރ ސްފިއަރ އިން ކަނޑުގެ ދިރުންތައް އޮބްޒާރވް ކުރަން ވަރަށް ފަސޭހަ ވާނެ. ފުރިހަމަ އޮބްޒަރވޭޝަން ކުރެވުމަކީ ސައިންޓިފިކް ދިރާސާއެއްގެ އެންމެ މުހިންމު އަސާސް" ފަރުތައް ރިހެބިލިޓޭޓް ކުރުމާއި ފުން ކަނޑުގެ ބަޔޯޑައިވަރސިޓީ ގެ ދާއިރާއިން ދިރާސާ ކުރާ ފަރާހް އަމްޖަދު ވިދާޅުވިއެވެ. "މި މިޝަންގައި ބޭނުންކުރާ އެންމެ ފަހުގެ ސާމްޕްލިންގް ޓެކްނޮލޯޖީ އާއި ޑަޒަނެއްހާ ކެމެރާގެ ސަބަބުން ދިވެހިރާއްޖޭގެ ކުރިން ދުވަހަކުވެސް ފެނިފައިވާ ނުވާ އެތައް ތަނެއް ބަލާލުމުގެ ފުރުޞަތު ލިބިގެންދާނެ."
ދުނިޔޭގައި 1000 މީޓަރަށް ވުރެއް އުހުގައި ހުންނަ 100,000 ކަނޑުގެ ފަރުބަދަތަކުގެ ތެރެއިން ބަޔޮލޮޖިކަލް ސާމްޕަލް ނެގިފައިވާވަނީ ހަމައެކަނި 300 ފަރުބަދައިންނެވެ. ދިވެހިރާއްޖޭގައި މިގޮތަށް ހުންނަ 34 ފަރުބަދަ ހުރެއެވެ. މި ފަރުބަދަތަކަކީ ރާއްޖޭގައި އުޅޭ ކަނޑުމަސް އާލާވާ މުހިންމު ތަންތަނެވެ. އަދި މި ފަރުބަދަތަކުގެ ވާހަކަ ދިވެހި ތާރީހީ ފުލޯކު ވާހަކަތަކު ތެރޭގައިވެސް ގެނެސްފައިވެއެވެ.
މި މިޝަންއާއި އެކު ދިވެހިރާއްޖޭގައި އިންސާނުން ގޮވައިގެން ފުންކަނޑަށްދާ އެންމެ ފަހުގެ ދެ ސަބްމާރސިބަލް އަދި ރޮބޮޓިކް ސިސްޓަމްތައް ބޭނުންކުރެވިގެން ދާނެއެވެ. މި މިޝަންގައި ޖުމްލަ 40 ޕާޓްނަރުން ބައިވެރިވެއެވެ. އެއީ 16 ދިވެހި ޕާޓްނަރުންނާއި 24 ބައިނަލްއަޤްވާމީ ޕާޓްނަރުންނެވެ.