ads
ގައިދީންގެ ރީހެބް ޕްރޮގްރާމްގެ ތެރެއިން : ފޮޓޯ ކަރެކްޝަންސް
ޖަލުތަކުގެ ތެރޭ ހިނގާ ހަރުކަށި ފިކުރުގެ ކަންތަކަށް ހައްލު ހޯދޭނެ"
ރާއްޖޭގެ ޖަލުތަކުގެ ތެރޭ ހިނގާ ހަރުކަށި ފިކުރުގެ ކަންކަން ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
Advertisement

ރާއްޖޭގެ ޖަލުތަކުގައި ހަރުކަށި ފިކުރު ފެތުރެމުން އަންނާތީ އެކަން ކުރާ ގޮތް ދެނެގަތުމަށް މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ވަނީ ހާއްސަ ދިރާސާއެއް ކޮށްފަ އެވެ. މި ދިރާސާ ކޮށްފައި ވަނީ، އެމެރިކާ ސަރުކާރުގެ އެހީގައި ޓްރާންސްޕޭރަންސީ މޯލްޑިވްސް އާއި ހޯމް މިނިސްޓްރީން ގުޅިގެންނެވެ.

އެ ރިޕޯޓުގައި ޖަލުތަކުގެ ތެރޭ ހަރުކަށި ފިކުރު ފެތުރިފައިވާ މިންވަރު ބަޔާން ކޮށްދީފައި ވާއިރު، އޭގެ ތެރެއިން ވެސް މާފުށީ ޖަލުގައި ހަރުކަށި ފިކުރުގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެފައި ވާކަމަށް ވަނީ ބަޔާން ކޮށްފަ އެވެ. 

އެގޮތުން، އެ ރިޕޯޓުގައި ބުނާ ގޮތުން މާފުށީ ޖަލާއި އެހެން ކޮންމެ ޖަލެއްގައި ވެސް ހައްދުފަހަނަ އަޅައި ދިއުމުގެ ފިކުރު ފެތުރުމުގައި އިސްކޮށް އަމީރެއް ހުރެ އެވެ. އޭގެ އިތުރުން ހައްދުފަހަނަ އަޅާފައިވާ ސެލް ނުވަތަ އައްޑާގައި ޝޫރާ ކައުންސިލެއް (އިސްލާމީ ފަނޑިޔާރުން ކަމަށް ބުނެ ހަދާފައިވާ ޕެނަލްއެއް) ވެސް އޮވެ އެވެ. އަދި އެ ކައުންސިލުން ބައެއް ގައިދީންނަށް އަދަބު ދެމުން އަންނަ ކަމަށްވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. 

މި ރިޕޯޓާއި ގުޅިގެން ބައެއް ފަރާތްތަކުން އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި މިއީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ބަޔަކަށް ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. 

މިކަމާއި "ސީއެންއެމް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން ވަނީ، ޖަލުތަކުގެ ތެރޭ ހިނގާ ހަރުކަށި ފިކުރުގެ ކަންކަން ހައްލު ކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަން ހައްލު ކުރުމަށް ކުރަންޖެހޭ މަސައްކަތް ބުރަ ނަމަވެސް އެކަން ހައްލު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. 

"މި ސަރުކާރުން މިދަނީ މި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން. މީގެ ކުރީ ސަރުކާރުތަކުން ޖަލުތަކުގެ ތެރޭ ހިނގާ ހަރުކަށި ފިކުރުގެ ކަންކަމަށް ސަމާލުކަން ދީފައި ނުވޭ. މި މައްސަލަ ހައްލު ކުރުމަށް އެންމެ ފުރަތަމަ މި ކަން އޮތް ވަރު ބަލަން ޖެހޭނެ. އެއަށް ފަހު ކަމާއި ގުޅިގެން ހަދަންޖެހޭ އިތުރު ދިރާސާ ތައް ހެދުމަށްފަހު ކަމާއި ބެހޭ އިދާރާތަކުގެ މަޝްވަރާގެ މަތިން ސަރުކާރުން މިދަނީ ކަންކަން ކުރަމުން." މިއުވާން ވިދާޅުވި އެވެ. 

މިއުވާން އިތުރަށް ވިދާޅުވީ، ޖަލުތަކުގެ ތެރޭ ހިނގާ ހަރުކަށި ފިކުރުގެ ކަންކަން ސިއްރު ކޮށްގެން އެކަންކަން ޖަލު ތެރޭ ނެތް ކަމަށް ދައްކަން ސަރުކާރުން މަސައްކަތް ނުކުރާނެ ކަމަށެވެ. އަދި އާއްމު ވެފައިވާ ރިޕޯޓަކީ ސަރުކާރުން ބޭނުން ވެގެން މިދިޔަ އަހަރު ހެދި ރިޕޯޓެއް ކަމަށާއި، ރިޕޯޓުގެ ސަބަބުން ޖަލު ހާލަތުގެ ސިޓުއޭޝަން ރިޕޯޓެއް ހެދިފައި ވާކަމަށް ވަނީ ވިދާޅުވެފަ އެވެ. 

"ޖަލުގައި މިކަން ހިނގާ ގޮތް ބަލަން މިނިސްޓަރު ބޭނުންވީ އެކެޑެމިކް ސްޓަޑީއެއް ހަދަން. 50 ސާމްޕަލިން އޮފިސަރުން ލައިގެން މި ރިޕޯޓް ހެދީ. މި ދިރާސާ ހެދި ތާރީހުގައި ޖަލުގެ ހާލަތު އޮތް ގޮތާއި މިހާރުގެ ހާލަތު ތަފާތު ވާނެ. މިހާރު މިދަނީ، ފާހަގަ ވާ މީހުން އެހެން ގައިދީންނާއި ވަކިކޮށް، ވަކިން ގެންގުޅެމުން." މިއުވާން ވިދާޅުވި އެވެ.

މީގެ އިތުރުން މިއުވާން ވިދާޅުވީ، މީހުން އެސެސް ކުރުމަށް ބޭނުން ކޮށްފައިވަނީ، ޔޫއެންއޯޑީސީ އާއި ގުޅިގެން ފަރުމާކުރި ސްޓޭންޑަޑައިޒްޑް ޓޫލް ކިޓެއް ކަމަށާއި، ހަރުކަށި ފިކުރުގެ މީހުން ޑީ ރެޑިކަލައިޒޭޝަން ކުރުމަށް ޖަލުގައި ޑީ ރެޑިކިލައިޒޭޝަން ޕްރޮގްރާމެއް ހިންގުމަށް ތައްޔާރު ވެފައި ވާކަމަށެވެ. 

ރާއްޖޭގެ ޖަލުތަކުގައި ހަރުކަށި ފިކުރުގެ މީހުން ހަރަކާތްތެރި ވަމުން އަންނަ އިރު މިފަދަ ގައިދީން ވަކިކޮށް އެމީހުން އެހެން ގައިދީންނާއި ވަކިން ގެންގުޅުމަށް ކަރެކްޝަނަލް ސާވިސް އިންވެސް ވަނީ، ސްޕެޝަލް މެނޭޖްމަންޓު ޔުނިޓެއް ގާއިމް ކޮށްފަ އެވެ. އެ ޔުނިޓު ގާއިމް ކޮށްފައިވަނީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް