ads
ރައީސް މައުމޫން
ވެރިކަމުގައި ހުރެ އެއްވެސް މީހަކަށް އަނިޔާއެއް ކޮށްފައި ނުވާނެ: ރައީސް މައުމޫން
ރާއްޖޭގެ ވެރިކަން 30 އަހަރު ދުވަސް ވަންދެން ކުރެއްވި އިރު އެއްވެސް މީހަކަށް އަނިޔާއެއް ކޮށްފައި ނުވާނެ ކަމަށް، ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
Advertisement

ރޭ "ވީޓީވީ" އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވަނީ، އެމަނިކުފާނުގެ ވެރިކަމުގައި މީހުންނަށް އަނިޔާ ކޮށްފައި ވާކަމަށް ބުނެ ދައްކަމުން ދަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ، އެކި މައްސަލަތަކުގައި އެމަނިކުފާނުގެ ވެރިކަމުގައި ކޯޓުތަކުން ހުކުމްތައް ކޮށްގެން މީހުން ޖަލަށް ލުމަކީ އެމީހުންނަށް ދިން އަނިޔާއެއް ކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށް ވިދާޅުވެފަ އެވެ. 

ރައީސް މައުމޫންގެ ވާހަކަފުޅުގައި ވިދާޅުވީ، ހުކުމެއް ކުރުމުން އެ ހުކުމް ތަންފީޒު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ އަނިޔާކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ އަދުލް އިންސާފު ގާއިމް ކުރުން ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. 

"ކޮބާތޯ އަނިޔާއަކީ. އަނިޔާއަކީ ގާނޫނާ ގަވައިދާއި ހިލާފަށް މީހަކަށް އުނދަގޫތަކެއް ޖެއްސުން. ގާނޫނުގައި ބުނާ ގޮތައް މީހަކު ޝަރީއަތައް ހުށައަޅައިގެން ޝަރީއަތައް އޭނާގެ ކުށް ސާބިތުވެގެން ޖަލަށްލާން ނުވަތަ އަރުވާލަން ހުކުމް ކުރީމަ އެޖަލަށް ލުމަކީ ނުވަތަ އަރުވާލުމަކީ އަނިޔާއެއްތޯ. އެއީ އަނިޔާއެއް ނޫނޭ. އެއީ އަދުލު އިންސާފު،" ރައީސް މައުމޫން ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް މައުމޫން ވިދާޅުވީ، ކޯޓަކުން މީހެއްގެ މައްޗަށް ޝަރީއަތެއް ހިންގުމަށްފަހު އެ ކަމެއް އޭނާގެ މައްޗަށް ސާބިތުވެ ޖަލަށް ލައިފިނަމަ އެއީ އަނިޔާކަމަށް މީހުން ކިޔާ ކަމަށާއި، އެހެން ނަމަވެސް އެއީ އަނިޔާ ނޫން ކަމަށާއި، އެކަންކަމަށް ހޭލުންތެރިވާން ޖެހޭ ކަމަށެވެ. 

ރައީސް މައުމޫން އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި މީހުންނަށް އަނިޔާ ދިން ކަމަށް ބުނިނަމަވެސް، ކުށެއް ނުކުރާ މީހަކު ޖަލަށް ލާފައި ނުވާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް