އިއްޔެ ހެނދުނު ބާއްވަން ތާވަލު ކުރި މި މައްސަލަ އިއްޔެ ކެންސަލް ކުރީ ކޯޓު ރޫމަށް ފެން ލީކުވާތީއެވެ. ކޯޓު ރޫމަށް ފެން ލީކުވާތީ މައްސަލަ ކެންސަލް ކުރިއިރު، ކޯޓު ރޫމުގެ ހާލަތު ފެންނަ ފެންނަ ފޮޓޯވެސް އިއްޔެ ސޯޝަލް މީޑިއާގައި އާއްމުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގައި، މިއަދު އޮންނާނީ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު އަދި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ ޢަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުމެވެ. އިއްޔެ ކެންސަލްވި މި މައްސަލަ މިދިޔަ ހަފްތާގައި ބޭއްވުމަށް ވެސް ތާވަލު ކުރެވުނެވެ. އެހެންނަމަވެސް މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ޝަކީލް ޗުއްޓީއަކަށް ވަޑައިގެންނެވުމުން މިދިޔަ ހަފްތާއަށް ތާވަލު ކުރެވުނު މައްސަލަ ކެންސަލްވީއެވެ.
މި މައްސަލައިގައި މި ދިޔަ މަހު ފަހުކޮޅު އޮތް އަޑު އެހުމެއްގައިވަނީ އެމްއެމްޕީއާރްސީ ޚިޔާނާތުގައި ކުށް ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ތިން ފޯނުގެ ފޮރެންސިކް އެނަލިސިސް ހެދި ފަރަޑޭ ފޮރެންސިކްސްގެ ޓެކްނިކަލް ޑައިރެކްޓަރު މާކް ރިގްބީގެ ހެކިބަސް ނަގާފައެވެ. އަދި އޭނގެ ކުރިންވަނީ ޔާމީންގެ ކުރީގެ އެންމެ ގާތް އެކުވެރިޔާ އަހްމަދު ނާޒިމްގެ ހެކިބަސްވެސް މި މައްސަލައިގައި ނަގާފައެވެ.