
މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ، ހަމަހިމޭން ކަމުގެ ސުކޫތު ގެނައުމަށް ފަހު، މަޖިލީހުގައި ތިބި ސިޔާސީ ޕާޓީ ތަކަށް ރާނީ އަށް ތައުޒިއްޔާ ވިދާޅުވުމަށް ވަކިވަކިން ފުރުސަތު އަރުއްވާފަ އެވެ.
މި ފުރުސަތުގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ރާނީ އެލިޒިބަތުގައި ރާއްޖެއަށް ގިނަ ބަދަލުތަކެއް ގެނެސްފައި ވާކަމަށް ވިދާޅުވި އެވެ. އެގޮތުން ރާއްޖެއަށް ފުރަމަތަ ގާނޫނު އަސާސީއެއް އެކުލަވާލެއްވުމަށް އެކަމަނާ އަދާ ކުރެއްވި މުހިއްމު ދައުރު ފާހަގަ ކުރެއްވި އެވެ.
ތައުޒިޔާގެ މެސެޖު ދެއްވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، އެކަމަނާގެ ރާނީ ކަމުގެ ދައުރުގައި އަންހެނުން ބާރުވެރި ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަ ކުރައްވާފަ އެވެ. އަދި އިނގިރޭސިވިލާތައް ދިމާވި ދަތި ދުވަސްވަރުގައިވެސް ގައުމުގެ ހަމަޖެހުން ގާއިމް ކުރެއްވުމަށް ގިނަ މަސައްކަތް ކުރެއްވިކަން ފާހަގަ ކުރެއްވި އެވެ.
ކްއީން އެލިޒަބަތު އަވަހާރަވީ ސްކޮޓްލޭންޑުގެ ބަލްމޯރަލް ކާސަލްގައި ސިއްހީ ހާލުކޮޅު މޮނީޓާކޮށް ފަރުވާދެމުން ދަނިކޮށް މި މަހުގެ 8 ވަނަ ދުވަހުއެވެ.
ކްއީން އެލިޒަބަތު އަވާހަރަވީއިރު އުމުރުފުޅުން 96 އަހަރެވެ. އެކަމަނާ އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ދިދަވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ.