ads
ޔޫއެންގެ ރައީސް އަބްދުﷲ ޝާހިދު
މިނިސްޓަރު ޝާހިދުގެ "އުންމީދުގެ ރިޔާސަތު": ތާރީހުން ފަވާލެވުނު ކާމިޔާބެއް
300 އަށްވުރެ ގިނަ ގަރާރު، 600 އަށްވުރެ ގިނަ ބައްދަލުވުން
ފަހަރުވެރި ރިޔާސަތެއްގެ ނިމުން
މިދިޔަ އަހަރުގެ ޖޫން މަހުގެ ހަތްވަނަ ދުވަހު، ރާއްޖެގަޑިން ރޭގަނޑު 08:30 ގައި އޮތް ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ 76ވަނަ ސެޝަންއަކީ މިހާތަނަށް އެންމެ ގިނަ ދިވެހީން ބެލި ސެޝަނަށް ވާނެއެވެ. ސަބަބެެއް ނެތިއެއް ނޫނެވެ. އެ ސެޝަނުގައި އޮތް އިންތިހާބުގައި އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ވާދަކުރައްވައިގެން އިންނެވީ ރާއްޖޭގެ ހާރިޖީ ވަޒީރު، އަބްދުﷲ ޝާހިދެވެ.
Advertisement

އެރޭ ނަތީޖާ އިއުލާންކުރަމުންދިޔައިރު ނޭވާ ހިފަހައްޓާލައިގެން ތިބި އެތައް ދިވެހިނެއް ފަހުރުވެރިވާ ނަތީޖާއަކާއިއެކު މިނިސްޓަރު ޝާހިދު އެ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރީ އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ.ރަލްމައި ރަސޫލް އާއި ވާދަކުރައްވައެެވެ. އޭނާ އަށް ލިބިވަޑައިގަތީ 48 ވޯޓެވެ. މިނިސްޓަރު ޝާހިދަށް 143 ގައުމުގެ ތާއީދު ލިބިވަޑައިގަތެވެ.

ޖުމްލަ 193 ގައުމުގެ މައްޗަށް އެކުލެވޭ އދ.ގެ ރިޔާސަތަށް ރާއްޖެ ހޮވުމަކީ ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖެ އިން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ. މި ކުޑަކުޑަ ރާއްޖެއަށް ބައިނަލް އަގުވާމީ މަސްރަހުގައި ލިބުނު ބޮޑު ޝަރަފަކާއި، ފަހުރެކެވެ. 

އެ ކާމިޔާބީއަކީ ބައިނަލް އަގުވާމީ މަސްރަހުގައި ރާއްޖެއަކީ ވެސް ވަކި ކުޑަ ގައުމެއް ނޫން ކަން ސާބިތުކޮށްދިން ކާމިޔާބީ އެކެވެ.

your imageޔޫއެން ރައީސްގެ ހައިސިއްޔަތުން އިންޓަވިއުދެއްވަނީ

މީގެ ކުރިން އިންޑިއާއާއި، މެލޭޝިޔާއާއި، އިންޑޮނޭޝިޔާއާއި، ސްރީލަންކާއާއި، އަފްޣާނިސްތާނާއި ޕާކިސްތާނުގެ ބޭފުޅުން މި މަގާމު ފުރުއްވާފައިވެއެވެ. އޭގެތެރެއިން ބައެއް ބޭބޭފުޅުން ދެ ދައުރު ފުރިހަމަ ކުރައްވާފައިވެއެވެ. 

ރާއްޖެއަށް މި ކާމިޔާބު ހާއްސަވަނީ، މިއީ އދގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭން ކުރިމަތިލި ފުރަތަމަ ފަހަރަށް ވުމެވެ. އަދި އެއީ މިހާތަނަށް އދގެ އާންމު މަޖިލީހުގެ ރިޔާސަތު ރާއްޖޭން ބެލެހެއްޓާނެ ފުރަތަމަ އަދި ތާރީހީ ފަހަރަށް ވެސް ވީމަައެވެ. ފަހަރުގައި އެންމެ ފަހު ފަހަރަށްވެސް ވެދާނެއެވެ.

މި ތާރީހީ އަދި ފަހުރުވެރި ރިޔާސަތާއި މިނިސްޓަރު ޝާހިދު ރަސްމީކޮށް ހަވާލުވެވަޑައިގަތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 14 ވަނަ ދުވަހު، ރާއްޖެ ގަޑިން ދަންވަރު 12 ޖެހިއިރެވެ. 

އެއް އަހަރު ދުވަހުގެ ފަހުރުވެރި ރިޔާސަތަކަށްފަހު، ޝާހިދުގެ ވަދާއީ ތަގުރީރު ރާއްޖެގަޑިން މިރޭ 08:30 ގައި އިއްވާނެ އެވެ. އެއާއިއެކު އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދުގެ "އުންމީދުގެ ރިޔާސަތު" ނިމުމަކަށް އަންނާނެއެވެ.

ޝާހިދުގެ ފަހުގެ ތަގުރީރަށްފަހު، ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ 77 ވަނަ ސެޝަންތައް ފެށޭނީ އަންގާރަ ދުވަހު އެވެ. 

މިއީ 1946 ވަނަ އަހަރުން ފެށިގެން އދގެ ރިޔާސަތު ބެލެހެއްޓުމަށް ޓަކައި ކޮންމެ އަހަރަކު ގަވައިދުން ބާއްވާ ސެޝަންތަކެކެވެ. ކޮންމެ ރައީސެއްގެ ދައުރަކީ އެއް އަހަރު ދުވަހެވެ. 

your imageޔޫއެންގެ ރައީސް އަބްދުﷲ ޝާހިދު

300 އަށްވުރެ ގިނަ ގަރާރު، 600 އަށްވުރެ ގިނަ ބައްދަލުވުން

އދގެ އާއްމު މަޖިލީހަކީ އދގެ ގުނަންތަކުގެ ތެރޭގައި ނުފޫޒު ގަދަ ބާރުވެރި ގުނަވަނެކެވެ. ސަލާމަތީ މަޖިލީހަށް ދާއިމީ ނޫން މެންބަރުން ކަނޑައެޅުމާއި، އެހެން ގުނަވަންތަކަށް މެންބަރުން ކަނޑައަޅާނީ އާއްމު މަޖިލީހުންނެވެ. އަދި އދގެ ބަޖެޓު ކަނޑައެޅުމާއި ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަމަށް ދިމާވާ މައްސަލަތަކާމެދު މަޝްވަރާކޮށް ރިކޮމެންޑޭޝަންތައް ހުށަހެޅުން ފަދަ ކިތަންމެ ބާރެއް އާއްމު މަޖިލީހަށް ލިބިގެންވެއެވެ. 

މިރޭ ނިމިގެން ދާ 76 ވަނަ ދައުރުގައި މިހުރިހާ ކަމެއްގެ އެޖެންޑާ މިރެއާއި ހަމަޔަށް ކަނޑައެޅުމުގެ އެންމެ އިސްދައުރެއް އަދާކުރެއްވީ ޖޫނިއަ ފޮރިން ސާވިސް އޮފިސަރެއްގެ މަގާމުން ފޮރިން ސާވިސްއަށް ނުކުންނެވި މިނިސްޓަރު ޝާހިދެވެ. 

މިފަދަ ބޮޑު ޒިންމާއެއް އުފުއްލަވަމުން ގެންދެވީ ހާރިޖީ ވަޒީރުގެ މަގާމުގައި ހުންނަވައިގެން ވެސްމެއެވެ. 

your imageއދގެ އާއްމު މަޖިލީހުގެ ރައީސް މިނިސްޓަރު އަބްދުﷲ ޝާހިދު

އދ.ގެ އާންމު މަޖިލީހުގެ ރައީސް ޝާހިދުގެ "އުންމީދުގެ ރިޔާސަތު"، ބިނާކުރައްވައިފައި ވަނީ އަލިވިލުމުގެ އުންމީދީ ފަސް ދޯދިތަކެއްގެ މައްޗަށެވެ. މި ފަސް ދޯދި ފެށިފައި ވަނީ ރާއްޖެއިން ނެވެ.

އެއީ ރާއްޖޭގެ ގޮނޑުދޮށްތަކަށް ދޭ ނަލަ، ރީތި، އަލީގެ ތެރެއިން އދގެ މަޖިލީހަށް ގެންގޮސްދޭ ދިވެހިންގެ ފަސް ދޯދިއެވެ.

އޭގެތެރޭގައި ހިމެނެނީ: 

1. ކޮވިޑް19 ގެ އާލަމީ ވަބާއިން އަރައިގަތުން

2. ދެމެހެއްޓެނިވި ތަރައްގީ

3. ތިމާވެށީ ނުރައްކަލުން ދިމާވަމުންދާ ކަންތައްތަކާއި ކުރިމަތިލެވޭނެ ގޮތްތައް ހަމަޖެއްސުން،

4. އިންސާނީ ހައްގުތަކާ ބެހޭ ގޮތުން މަސައްކަތް ކުރުން

5. އދ މަޖިލީހުގެ މަސައްކަތްތައް ހަރުދަނާ ކުރުން

އެމަނިކުފާނުގެ ރިޔާސަތުގައި އދ.ގެ އާއްމު މަޖިލީހުން ޖުމްލަ 307 ގަރާރާއި 140 ނިންމުން ނިންމާފައި ވެއެވެ. 

މީގެ ތެރޭގައި؛

  1. ދުނިޔޭގެ ކާބޯތަކެތީގެ ދަތުމަޑުކަމުގެ ހާލަތު ހައްލުކުރުން
  2. ސާފު، ދުޅަހެޔޮ އަދި ދެމެހެއްޓެނިވި މާހައުލަކަށް އިންސާނީ ހައްގު އަލުން ކަށަވަރުކުރުން
  3. "ސްޕޭސް2030" އެޖެންޑާ ފާސްކުރުން
  4. ބައިނަލްއަގްވާމީ އަންހެނުންގެ ޑިޕްލޮމެސީ ދުވަސް ކަނޑަައެޅުން 

އެމަނިކުފާނު އދ.ގެ ރިޔާސަތާއި ހަވާލުވީ ކޮވިޑް-19 އިގެ ބޮޑު ބަލިމަޑުކަމެއް ދުނިޔެވަށާލާފައި އޮއްވައެވެ. އެމަނިކުފާނުގެ ރިޔާސަތުގައި ބަލިމަޑުކަމުން  ރައްކާތެރިވުމަށާއި، އުނދަގޫ ދަތި ހާލަތްތަކުގައި ސިއްހީ ނިޒާމުތައް ބިނާކުރުމަށް، ސިޔާސީ ލީޑަޝިޕް އެންމެ މަތީ ފެންވަރަށް ތައްޔާރުކުރުންފަދަ ގަރާރުތަކާއި ނިންމުންތައްވެސް ނިންމާފައިވެއެވެ.

އަދ.ގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު ވަނީ:

  • އާންމު މަޖިލީހުގެ 103 ރަސްމީ ޕްލެނަރީ ބައްދަލުވުން، 
  • 15 މަތީ ފެންވަރުގެ ބައްދަލުވުން، 
  •  28 ނުރަސްމީ ޕްލެނަރީ ބައްދަލުވުމާއި، އަޑުއެހުންތަކާއި، މައުލޫއީ ބަހުސްތަކާއި، އެހެނިހެން ހަރަކާތްތައް ބާއްވަވާފައެވެ. 

your imageމިނިސްޓަރު ޝާހިދު އަދި އދގެ ކުރީގެ ސެކެޓްރީ ޖެނެރަލް ބަންކީ މޫން

މީގެ އިތުރުން އިންޓަގަވަމަންޓަލް ނެގޯޝިއޭޝަން ޕްރޮސެސްތަކުގެ ތެރެއިން، ގާތްގަނޑަކަށް 98 އިންޓަ ގަވަމަންޓަލް މަޝްވަރާތަކާއި، ރަސްމީ އަދި ނުރަސްމީ ބައްދަލުވުންތައް ބާއްވާފައިވެއެވެ. 

މަޖިލީހުން ނިންމާފައިވާ ކަމާބެހޭ ގަރާރުތަކާއި ނިންމުންތަކާ އެއްގޮތަށް، އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން، 15 މެންޑޭޓެޑް އިންޓަގަވަމަންޓަލް ނެގޯޝިއޭޝަން ޕްރޮސެސްތައް ހިނގާފައިވާއިރު، އެކަމަށްޓަކައި 27 ކޯ ފެސިލިޓޭޓަރުން ނުވަތަ ކޯ ޗެއަރުން އައްޔަންކޮށްފައިވެއެވެ.

ޖުމްލަކޮށް ބަލާއިރު ޖެނަރަލް އެސެމްބްލީގެ ރައީސްގެ ހައިސިއްޔަތުން 322 ބަޔާން އެމަނިކުފާނު ދެއްވިއެވެ. އަދި ދުނިޔޭގެ އެކި ގައުމުތަކުގެ ބޭފުޅުންނާއިއެކު 600 އަށްވުރެ ގިނަ ބައްދަލުވުން ބޭއްވެވިއެވެ.

މީގެ އިތުރުން އދ. ފުރަތަމަ އިންޓަނޭޝަނަލް މައިގްރޭޝަން ރިވިއު ފޯރަމް ބޭއްވެވީވެސް ޝާާހިދުގެ ރިޔާސަތުގައެވެ. ސްޓޮކްހޯމް 50 އަށްވުރެ ގިނަ ބައިނަލްއަގްވާމީ ބައްދަލުވުމުގެ އިތުރުން 11 ވަނަ ކުއްލި ހާއްސަ ޖަލްސާގެ 11 ބައްދަލުވުން އެމަނިކުފާނުގެ ރިޔާސަތުގައި ބޭއްވެވިއެވެ.

your imageޔޫއެންގެ ރައީސް އަބްދުﷲ ޝާހިދު

ފަހަރުވެރި ރިޔާސަތެއްގެ ނިމުން

ފުރިހަމަ ”އުންމީދީ ރިޔާސަތު”އެއް އަހަރުގެ ދައުރަކުން ރާއްޖެ ފަހަރުވެރިކޮށްދިނުމަށްފަހު، މިރޭ މިނިސްޓަރު ޝާހިދުގެ ދަައުރު ނިންމާލިނަމަވެސް ހާރިޖީ ސިޔާސަތުގައި މި ކުޑަކުޑަ ރާއްޖެ މިއަދު  އައިސްފައިމިވާ ހިސާބަކީ ތާރީހުގައި ލިޔެވޭނެ ހިސާބެކެވެ. ފަހުރުވެރިވާ ހިސާބެކެވެ.

ރިޔާސަތާއި ހަވާލުވަމުން މިނިސްޓަރު ޝާހިދު ވިދާޅުވި ފަދައިން ގިނަ ގައުމުތަކެއްގެ ތާއީދާއިއެކު  އެ މަގާމާއި ހަމަޔަށް ރާއްޖެ ފޯރުމަކީ ބައިނަލް އަގުވާމީ ދުނިޔޭގައި ރާއްޖެ ބަލައިގެންފައިވާ މިންވަރު ހާމަކޮށްދިން ކަމެކެވެ.

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް