
މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާން މިއަދު ވިދާޅުވީ ރާނީގެ ޖަނާޒާގައި ބައިވެރިވުމަށް ރައީސް ސޯލިހު އަށް ދައުވަތު އަރުވާފައިވާ ކަމަށެވެ. އަދި ޖަނާޒާއަށް ވަޑައިގަތުމަށް ރައީސް މިހާރު ނިންމާފައިވާ ކަމަށް މިއުވާން ވިދާޅުވި އެވެ.
އަންނަ ހަފްތާގެ ހޯމަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރާނީ އެލިޒަބަތުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ކޮން ދުވަހަކު ކަމެއް ރައީސް އޮފީހުން އަދި ހިއްސާ ކޮށްފައި ނުވެ އެވެ.
އިނގިރޭސި ވިލާތުގެ ޝާހީ ގަނޑުވަރުން ބުނެފައިވާ ގޮތުގައި ރާނީގެ ޖަނާޒާގައި ބައެއް ގައުމުތަކުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އަދި، ރާނީގެ ޖަނާޒާގައި ގައުމުތަކުގެ ފަރާތުން ބައިވެރިކުރުމަށް ފުރުސަތު ދޭނީ، އެ ގައުމެއްގެ އެންމެ އިސް ވެރިޔަކަށާއި އެ ބޭފުޅެއްގެ އަނބި/ފިރިންނަށެވެ.
އިނގިރޭސި ވިލާތުގެ އެންމެ ގިނަ ދުވަހު ތަހުތުގައި ރެދެލި ކުރެއްވި އަދި އިތުރު 14 އިސްތިއުމާރީ ގައުމެއްގެ ރާނީކަން ކުރެއްވި ރާނީ އެލިޒަބަތު 2، އަވަހާރަވީ އުމުރުފުޅުން 96 އަހަރުގައި ބުރާސްފަތި ދުވަހުގެ މެންދުރުފަހު ސްކޮޓްލެންޑްގެ އެބަޑީންޝިއާ ހުންނަ ބެލްމޯރަލް ކާސަލްގަ އެވެ.