
ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ރަޝިއާގެ އިތުރުން ދެ ގައުމެއްގެ ވެރިންނަށް މި ޖަނާޒާގައި ބައިވެރިވުމުގެ ދައުވަތު އިނގިރޭސި ޝާހީ އާއިލާއިން ނުދެ އެވެ. އެހެން ނަމަވެސް އެގައުމު ތަކުގެ މަންދޫބުންނަށް މި ޖަނާޒާގައި ބައިވެރިވެވޭނެ ކަމަށް ރިޕޯޓް ތައް ބުނެ އެވެ.
ރަޝިއާގެ ރައީސް ޕޫޓިން އަށް ދައުވަތު ދީފައި ނުވާ ސަބަބުން ހާމަކޮށްފައި ނުވި ނަމަވެސް، ބައެއް ރިޕޯޓްތަކުން ބުނާ ގޮތުގައި ޕޫޓިން އަށް ދައުވަތު ދީފައި ނުވަނީ، ރަޝިއާ އިން ޔޫކްރެއިން އަށް ދެމުން އަންނަ ހަމަލާތަކުގެ ސަބަބުންނެވެ.
އެހެން ނަމަވެސް ޕޫޓިން ވަނީ ރާނީ އެލިޒަބަތް އަވަހާރަވުމުން އެކަމަނާ އަށް ތައުޒިޔާ ދަންނަވާފަ އެވެ. ޕޫޓިން ވިދާޅުވި ގޮތުގައި ރާނީ އަކީ، ގިނަ ބައެއްގެ ލޯއްބާއި އިހުތިރާމް ހޯއްދަވާފައި ހުންނެވި ކަނބަލެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމަނާގެ ރާނީ ކަމުގައި ގައުމުތަކުގެ މެދުގައި ގުޅުން ބަދަހި ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް ޕޫޓިން ވިދާޅުވި އެވެ.
އަދި، ރާނީގެ ޖަނާޒާގައި ގައުމުތަކުގެ ފަރާތުން ބައިވެރިކުރުމަށް ފުރުސަތު ދޭނީ، އެ ގައުމެއްގެ އެންމެ އިސް ވެރިޔަކަށާއި އެ ބޭފުޅެއްގެ އަނބި/ފިރިންނަށެވެ.
އިނގިރޭސި ވިލާތުގެ އެންމެ ގިނަ ދުވަހު ތަހުތުގައި ރެދެލި ކުރެއްވި އަދި އިތުރު 14 އިސްތިއުމާރީ ގައުމެއްގެ ރާނީކަން ކުރެއްވި ރާނީ އެލިޒަބަތު 2، އަވަހާރަވީ އުމުރުފުޅުން 96 އަހަރުގައި ބުރާސްފަތި ދުވަހުގެ މެންދުރުފަހު ސްކޮޓްލެންޑްގެ އެބަޑީންޝިއާ ހުންނަ ބެލްމޯރަލް ކާސަލްގަ އެވެ.