ވޭމަންޑޫ ކައުންސިލްގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް އާއްމުކޮށްފައިވަނީ އާދިއްތަ ދުވަހުއެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ލިޔެކިޔުމެއްނެތި މުދަލަށް އޯޑަރުކޮށް މުދާ ހޯދާފައިވުމާއި، ފައިސާ ލިބޭ ކަންތައްތަކުގެ ދަފްތަރު އަދާހަމަކޮށް ބަލަހައްޓާފައި ނުވުމުގެ އިތުރުން ބޭންކް އެކައުންޓުތަކުގެ ހިސާބު ރިކޮންސައިލްކޮށް ބަލަހައްޓާފައިނުވުން ހިމެނެއެވެ.
މީގެ އިތުރުން ބަހައްޓާ ފައިސާ ލިޔެބަލަހައްޓާފައި އަދި ތިޖޫރީ ރިޕޯޓު ތައްޔާރުކޮށްފައިނުވުމާއި މުދަލުގެ ސޮޓޮކް ބަލަހައްޓާފައި ނުވުމުގެ އިތުރުން ހަރުމުދަލުގެ ރަޖިސްޓްރީ ލިޔެ ބަލަހައްޓާފައި ނުވާކަންވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ވޭމަންޑޫ ކައުންސިލްގެ އާއްމު ބައްދަލުވުން ގަވައިދުން ބާއްވާފައި ނުވާ ކަމާއި ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށްޓަކައި އާއްމުކޮށް ހުޅުވާލެވިފައިވާ ބައްދަލުވުން ބާއްވާފައި ނުވާކަންވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އޮޑިޓަ ޖެނެރަލް ހުސެއިން ނިޔާޒީވަނީ ވޭމަންޑޫ ކައުންސިލުގެ އޮޑިޓް ރިޕޯޓުން ފާހަގަ ކުރެވުނު ކަންކަން އިސްލާހު ކުރުމަށް އެ ރިޕޯޓުގައި ލަފާ ދީފައެވެ.