ads
ހިތަވަރުގަދަ ކަމުގެ ކުލަ ލިބުނު ތިން ބޮޑީގާޑުން
ބޮމުގެ ހަމަލާދިން ރޭ ނަޝީދު އަރިހުގައި ތިއްބެވި ބޮޑީގާޑުންނަށް "ހިތްވަރު ގަދަ ކަމުގެ ކުލަ"
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާދިން ރޭ ނަޝީދު އަރިހުގައި ތިއްބެވި ބޮޑީގާޑުންނަށް "ހިއްވަރު ގަދަ ކަމުގެ ކުލަ" އަރުވައިފި އެވެ.

މި ކުލަ އަރުވާފައިވަނީ ރޭ ކަޅުތުއްކަލާކޮށީގައި އޮތް ސިފައިންގެ 130 ވަނަ އަހަރީ ޖަލްސާގައެވެ.

ހިތްވަރުގަދަކަމުގެ ކުލަ އެރުވި 3 ބޮޑީގާޑުންނަކީ:

  • ސްޓާފް ސާޖެންޓް އިލްހާމް އާދަމް

އިލްހާމަށް އަރުވާފައިވަނީ، ފުރާނަ ސަލާމަތްކުރުމުގެ ރިހި މެޑެލް އާއި ހިތްވަރު ގަދަ ކަމުގެ ކުލަ އެވެ.

  • ކޯޕްރަލް މުހައްމަދު ނިޔާޒު 

މުހައްމަދު ނިޔާޒަށް އަރުވާފައިވަނީ ހިތްވަރުގަދަ ކަމުގެ ކުލަ އެވެ.

  • ލާންސް ކޯޕްރަލް މުހައްމަދު ރިލްވާން

މުހައްމަދު ރިލްވާންއަށް ވެސް އެރުވީ ހިތްވަރުގަދަ ކަމުގެ ކުލަ އެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު ރައީސް ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ނީލޯފަރު މަގުގައި ހުރި ސައިކަލެއް ގޮއްވާލައިންގެން ދިން ޓެރަރިޒަމްގެ ހަމަލާގައި އެމަނިކުފާނަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ. 

އެރޭ 20:25 ހާއިރު ދިން އެ ހަމަލާގައި ރައީސް ނަޝީދު ސަލާމަތްކުރުމަށް މަސައްކަތް ކުރެއްވި ސިފައިންގެ ބޯޑީގާޑުންނަށްވެސް ވަނީ އަނިޔާވެފައެވެ.

އޭގެތެރެއިން ރޭ ފުރާނަ ސަލާމަތްކުރުމުގެ ރިހި މެޑެލް އާއި ހިތްވަރު ގަދަ ކަމުގެ ކުލަ އެރުވި އިލްހާމް އާދަމް ވަނީ، އެ ހަމަލާގައި އަތަށް ލިބުނު ގެއްލުމަށްފަހު ފަހުން ކަނދުރާ ކަށިގަނޑަށްވެސް އަނިޔާވެފައިވާކަން އެނގުމާއެކު ޑޮކްޓަރުގެ ލަފާގެ މަތިން އޮޕަރޭޝަނެެއްވެސް ކުރައްވާފައެވެ.

ފުރާނަ ސަލާމަތްކުރުމުގައި އެވަގުތު އިސް ދައުރެއް އަދާކުރި ބޮޑީގާޑުންގެ ހިދުމަތް ގައުމީ ފެންވަރުގައި ފާހަގަކުރަން މަޖިލީހުގެ 241 ކޮމިިޓީގެ އިންކުއަރީ ރިޕޯޓުގައި ސަރުކާރަށް އޮތީ ހުށަަހަޅާފައެވެ.

ހަމަލާއާއި ގުޅިގެން މެއި މަހުގެ ހަތްވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މާރިޔާ އަހުމަދު ވެސް ވަނީ، ރައީސް ނަޝީދު  ޒަހަމުވެގެން ކާރުކޮޅުގަައި ގެންދެވި ވަގުތުވެސް  ބޮޑީގާޑުން ދެއްކި ހިތްވަރަށް ތައުރީފު ކުރައްވާފައެވެ. 

އެގޮތުން ރައީސް ނަޝީދު ޒަހަމުވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނުއިރު ބޮޑީ ގާޑުންނަށްވެސް ބޮޑެތި ޒަހަމުތަކެއް ލިބިފައިވާ ކަަމަށާއި އެހެންނަމަވެސް އެވަގުތުވެސް ނަޝީދުގެ ހާލުކޮޅު އައްސަވާ ހޮސްޕިޓަލާއި ހަމަޔަށް ރައީސް ނަޝީދު ގެންދެވި ފަރުވާދިނުމަށް ވެއްދެންދެން ބޮޑީ ގާޑުން އެބޭފުޅުންގެ ޒިންމާ އަދާކުރައްވާފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ހަމަލާދިން ރޭގެ ވާހަކަަތައް

އިންކުއާރީ ރިޕޯޓުގައި ވާގޮތުން، މަޖީދީމަގާއި ނީލޯފަރު ހިނގުމުގެ ކަންމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި އިން އައިއީޑީއެއް ގޮއްވާލާފައިވަނީ ނަޝީދުގެ ސެކިއުރިޓީ ޓީމުގައި ހިމެނޭ(ރޭ ހިތްވަރުގަދަކަމުގެ ކުލަ އެރުވި ބޮޑީގާޑެއް)ކަމަށްވާ، މުހައްމަދު ރިޟްވާން ކާރުކޮޅުގެ ދޮރު ހުޅުވުމަށް އަތްޖައްސައިލި ވަގުތެވެ.

އަދި އިވުނު ބާރުއަޑާއެކު ނަޝީދު ބިންމައްޗަށް ވެއްޓިވަޑައިގަންނަވަން ދަނިކޮށް، އެމަނިކުފާނުގެ ޕާސަނަލް ސެކިއުރިޓީ އޮފިސަރު( ފުރާނަ ސަލާމަތްކުރުމުގެ ރިހި މެޑެލް އާއި ހިތްވަރު ގަދަ ކަމުގެ ކުލަ ރޭ އެރުވި) އިލްހާމް އާދަމް ނަޝީދު ހިފެހެއްޓެވި ކަމަށެވެ.

"ރައީސް އެއްކޮށް ބިންމައްޗަށް [ނުވެއްޓެނީސް] އަޅުގަނޑަށް ރައީސް ގައިގައި ހިފެހެއްޓިއްޖެ" އިންކުއަރީ އަށް މައުލޫމާތު ދެއްވަމުން އިލްހާމް ވިދާޅުވިއެވެ.

އަދި އެވަގުތު ނަޝީދުގެ ހަށިކޮޅުގެ އެކިއެކި ތަންތަނުން ލޭއޮހޮރެމުން ދިޔަ ކަމަށާއި، ސާޖެންޓް އިލްހާމް ނަޝީދުގެ ދެ ކިހިލިފަތްދަށަށް އަތްލައްވައި އަތްދަނޑި މައްޗަށް ނަގައި ކާރުކޮޅަށް އެރުވިކަމަށް އޭނާ އިންކުއަރީއަށް ވިދާޅުވެފައިވެއެވެ.

ރިޕޯޓަށް އިލްހާމް ދިން މައުލޫމާތަށް ބަލާއިރު، ނަޝީދު ކާރުކޮޅަށް އެރުވުމަށްފަހު މިތަނުން ކާރު "ނައްޓާލާށޭ" ބުނެ އިލްހާމް ޑްރައިވަރަށް އެންގި ނަމަވެސް ކާރުކޮޅު އެގަޑީގައި ސްޓާޓް ނުކުރެވުނެވެ.

އެ ކާރުކޮޅު ނުދުއްވޭނެކަން ޔަގީންވުމާއެކު ނަޝީދު އަތްދަނޑި މައްޗަށް ނަގައިގެން ގޮސް ސެކިއުރިޓީ ކާރަށް އެރުވި އެވެ.

އެކާރުގެ ސީޓުމަތީ ބާއްވައި، އެމަނިކުފާނު ކަވަރުކުރެވޭ ގޮތަށް ހިފަހައްޓައިގެން އޮންނަވައި، އޭޑީކޭ ހޮސްޕިޓަލަށް ދިއުމަށް ސެކިއުރިޓީ ކާރުގެ ޑްރައިވަރު (ހިތްވަރުގަދަކަމުގެ ކުލަ ރޭ އެރުވި ކޯޕްރަލް މުހައްމަދު ނިޔާޒަށް) އިލްހާމް އެންގެ ވިއެވެ.

ރިޕޯޓަށް އިލްހާމް ދިން މައުލޫމާތުގައި ވާގޮތުން ކާރުގެ ޑްރައިވަރާ ޖެހިގެން ހުރި ސީޓަށް އެރީ ރިލްވާނެވެ. އޭނާ ވަނީ، އެ ކާރު އޭޑީކޭ ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި، ދުއްވަމުންދިޔަ ކާރުގެ ދޮރު ތިރިކުރުމަށްފަހު، ހަޅޭއްލައި މަޖީދީމަގުން ދުއްވަމުންދިޔަ ވެހިކަލްތަކާއި މަޖީދީމަގުގައި ތިބި މީހުން ދުރަށްޖެއްސުމަށް މަސައްކަތްކުރުމުން ނެވެ.

ސެކިއުރިޓީ ކާރު ހޮސްޕިޓަލަށް ވަނުމާއެކު، އިލްހާމާއި، ރިޟްވާން، ނަޝީދު ނަންގަވައި، ސްޓްރެޗައެއްގައި ބާއްވައިގެން ހޮސްޕިޓަލްގެ އިމަޖެންސީ ރޫމަށް ގެންގޮސްފައި ވެެއެވެ. އަދި އިމަޖެންސީ ރޫމުގައި ނަޝީދު އަރިހުގައި އިލްހާމް މަޑުކޮށްގެން ހުންނެވިއިރު، އޭނާވެސް ހުންނެވީ އަތައް އަނިޔާވެފައެވެ. 

ނަމަވެސް ދޭތެރެ ދޭތެރެއިން ނަޝީދުގެ ހާލުކޮޅު އައްސަވަމުން ގެންދެވި އެވެ. އިލްހާމް ވިދާޅުވިގޮތުން އޮގޮތަށް އައްސަވަމުން ގެންދެވީ، ހޭނުނެތި އޮތްތޯ ޔަގީންކުރަންވެގެން ނެވެ.

ނަޝީދަށް ލިބިފައިވާ އަނިޔާތައް

އެ ހަމަލާގައި ރައީސް ނަޝީދަށް ލިބިފައިވާ ޒަހަމުތަކަށް ފަރުވާދިނުމަށް އޭޑީކޭ ހޮސްޕިޓަލުގައި ހަތަރު ސާޖަރީއެއް ހަދާފައިވެއެވެ. ފުރަތަމަ ސާޖަރީ ހަދާފައިވަނީ ބޮލަށް ލިބިފައިވާ ޒަހަމުތަކަށް ފަރުވާދިނުމަށެވެ. އެޔަށްފަހު ހެދި ސީޓީ ސްކޭންއިން އިތުރު ޒަހަމުތަކެއް ފާހަގަވުމުން މޭ ގެ އިތުރުން ގޮހޮރު އަދި މޭކަށީގެ ސާޖަރީއެއްވެސް ހަދާފައިވެއެވެ.

އޭގެފަހުން ބޭރަށް އިތުރު ފަރުވާއަށް ވަޑައިގެން ފައިގެ އިތުރު ދެ ސާޖަރީއެއް ހައްދަވާފައިވެއެވެ. އަދި އެގޮތުން ހަަމަލާގައި ކަނާއަތް ފަރާތު ތިން އިގިއްޔަށް ލިބުނު އަނިޔާގެ ސަބަބުން އެ އިގިލިތަކުގެ ހިއްސު ކެނޑިފައިވާ ކަމަށާއި، އެއިގިލިތަކުގެ އިހްސާސް ނުކުރެވޭކަމަށް މީގެ ކުރިން ވިދާޅުވިއެވެ. 

އަދި ވައަތް ފަރާތުގެ ކަންފަތުގެ ތޫރިއަށްވެސް ގެއްލުންތަކެއް ލިބިފައިވުމުން އެ ކަންފަތައް އަޑުއިވުމުގައިވެސް މައްސަލަތަކެއް ދިމާވަމުންދާކަމަށް  ވިދާޅުވިއެވެ. 

އޭގެ އިތުރުން ވައަތު ފައިތިލާއަށް ލިބިފައިވާ ޒަހަމުތަކަށް ފަރުވާކުރުމަށް އެތަން ކޮނެލުމަށްފަހު ސާފުކޮށް، ފައިތިލައިގެ ފާރުގަނޑު ފަސޭހަކުރުމަށް ފަލަމަސްގަނޑުން ހަން ނަގާ ޒަހުމުވި ބައިގައި އަޅާފައިވާކަމަށް ވިދާޅުވިއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް