
ޝާހީ އާއިލާގެ ކުޅަނދުރު ތައް ގެންގުޅޭ ޖޯން ޗައްޕަލް ވަނީ ރާނީ އަވަހާރަވި ހަބަރު ބަކިން ހަމް ޕެލެސް ގައި ގެންގުޅޭ މާބުރުތަކަށް ދީފަ އެވެ. މި ހަބަރު މާބުރުތަކަށް ދީފައި ވަނީ، މިދިޔަ ހުކުރު ދުވަހު އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެ ކުޅަނދުރުތައް ބަހައްޓާ ހާއްސަ ފޮށިތަކުގައި ކަޅުކުލައިގެ ރިބަން އޮޅުމަށްފަހު، ކުޅަނދުރު ބަލަހައްޓާ މީހާ ވަނީ، އެ ހަތާތައް ކައިރީ، ރާނީ ނިޔާވި ހަބަރު މަޑު އަޑަކުން ބުނެފަ އެވެ. އަދި މިހާރު ކުޅަނދުރުތަކުގެ ވެރިޔާ އަކީ، ރަސްގެފާނު ޗާލްސް ކަމަށްވެސް ވަނީ ބުނެފަ އެވެ.
އަދި ކުޅަނދުރުތައް ރަސްގެފާނު ޗާލްސް އަށް ކިޔަމަންވެ މާމުއި އުފައްދާ މިންވަރު އިތުރު ކުރުމަށް ނަސޭހަތް ދީފައި ވާކަމަށްވެސް ކުޅަނދުރު ބެލެހެއްޓުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތުން ވަނީ ބުނެފަ އެވެ.
މިގޮތަށް ކުޅަނދުރު ކައިރީ މި ހަބަރު ދިނުމުގެ ބޭނުމަކީ، އެ ކުޅަނދުރުތަކަށް އޭގެ ވެރިމީހާ ބަދަލު ވިކަން ނާންގައިފިނަމަ، މާމުއި އުފައްދާ މިންވަރު މަދުވެދާނެ ކަމަށް ގަބޫލުކޮށް އިންގިރޭސި ވިލާތުގެ ބައެއް މީހުން ކޮށް އުޅޭ ކަމެކެވެ.
މިކަމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ނަމަވެސް ބަކިންހަމް ޕްލެސްގައި ކުޅަނދުރު ތަކަށާއި، އެތަކެތީގެ ހަތާތަކަށް ވަނީ ހާއްސަ ސަމާލުކަމެއް ދީފަ އެވެ. އަދި އެ ތަކެއްޗަށް ގެއްލުމެއް ލިބިދިޔަ ނުދިނުމަށްޓަކައި، އެކަމަށް ހާއްސަކޮށްގެން ގިނަ މުވައްޒަފުންތަކެއްވެސް ވަޒީފާގައި ތިބެ އެވެ.