ކުޅިވަރު ގާނޫނުގެ ތަސައްވަރު ރަނގަޅު
ކުޅިވަރުގެ ގާނޫނު، 2015/30 ފަރުމާކޮށްފައި ވަނީ ރާއްޖޭގެ ކުޅިވަރުގެ، ވަރަށް ރަންގަޅު ތަސައްވަރެއްގެ މައްޗަށެވެ. ކުޅިވަރު މެނެޖްމަންޓާއި، މާކެޓިންގް ގެ ގާބިލްކަން އުފައްދަން ކަނޑައަޅާފައިވެއެވެ. ކުޅިވަރު ކުންފުންނެއް މެދުވެރިކޮށް، ވިޔަފާރި އުސޫލުން ހައި ޕަފޯމަންސް ކުޅިވަރު އިންތިޒާމްކުރަންވެސް ކަނޑައަޅާފައިވެއެވެ. އެހެން ނަމަވެސް، މިކަންކަން ފާސްކުރި ސަރުކާރަކުންވެސް މިއިން ކަމެއް ޑިލިވަ ކޮށްދެވިފައެއް ނުވެއެވެ.
މިސަރުކާރަށް ވެސް މިއިން ކަމެއް ޑިލިވަ ކޮށްދެވިފައި ނުވާއިރު، ކުޅިވަރު ވަޒީރު އެއުޅުއްވަނީ ސްޕޯޓްސް ކޯޕަރޭޝަން އުވާލާށެވެ. ވިޔަފާރި އުސޫލުން ކުޅިވަރު ހިންގުމުގެ ފިކުރަށް ހުރަސްއަޅާށެވެ.
ދެހާސްއަށާރަ ވަނަ އަހަރު، ކޮއެލިޝަން ސަރުކާރަކަށް ފުރޮޅުމުން، ކުރީ ސަރުކާރުންް އެކުލަވާލި ގާނޫނީ އޮނިގަނޑަށް މާބޮޑު ބަދަލެއް ގެންނަން ވިސްނާފައެއް ނުވެއެވެ. ގާނޫނު މެދުވެރިކޮށް ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ދައުރު ތަފްސީލްކޮށް، ކުޅިވަރު އިންފްރާ ސްޓަކްޗަ ގާއިމްކޮށް، ކުޅިވަރު މެނޭޖުކޮށް، މާކެޓްކުރުމަށް، ސްޕޯޓްސް ކޯޕަރޭޝަނެއް އުފައްދާފައި ވެއެވެ. އަދި، މިކަންކަން ހިންގާނެ ހަމަތަކެއް ބަޔާން ކޮށްފައި ވެއެވެ.
އާ ސަރުކާރުން ގެންގުޅުނު ވިސްނުމަކީ މި ގާނޫނު ބަދަލުކުރުމެއް ނޫނެވެ. މި ގާނޫނު އިތުރަށް ތަރައްގީކޮށް، ތަފްސީލް ކުރުމެވެ. ތަސައްވުރު ބަދަލު ކުރާކަށް ނުވިސްނަ އެވެ.
ވެރިކަމުގެ ދައުރެއް ނިމިގެން ދާއިރު، މިހާތަނަށް، ކުޅިވަރު ގާނުނަށް ހުށަހެޅުނީ އެންމެ އިސްލާހެކެވެ. މިނިސްޓްރީން (ސަރުކާރުން) އިސްލާހެއް ހުށައެއް ނާޅައެވެ. ހުށަހެޅި ހަމައެކަނި އިސްލާހް ހުށަހެޅީ މެމްބަރެކެވެ. އެއިސްލާހް ވަނީ ފޭލްކޮއްލާފައެވެ.
ހުށަހެޅި އިސްލާހަކީ، ކުޅިވަރުގެ ނިޒާމް "ޑިމޮކްރަޓައިޒް" ކުރުމަށްޓަކާ، އެސޯސިއޭޝަންތަކުގެ އިންތިހާބު ދެފުއް ފެންނަ ގޮތަށް ހިންގާނެ ގޮތެކެވެ. އެއީ އިލްކްޝަންސް ކޮމިޝަނުން އިންތިހާބު ބަލަހައްޓައިދިނުމެވެ. މި އިސްލާހް ހުށަހެޅީ، އެމްޑީޕީ އަށް ނިސްބަތްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު، ހަސަން ލަތީފެވެ. ހަސަން ލަތީފަކީ، ކުރީގައި ސްޕޯޓްސް މިނިސްޓަރު ކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ކުޅިވަރު ޑިމޮކްރަޓައިޒް ކުރުމަށް ހުރަސްއަޅުއްވަނީ މިނިސްޓަރު
ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބުތައް އިންސާފުވެރިކަމާއި އެކު، ދެފުއްފެންނަ ގޮތަށް ހިންގަން ހުށަހެޅި ހުށަހެޅުން ރައްޔިތުންގެ މަޖިލިހުން ބަލައެއް ނުގަތެވެ. ކޮއެލިޝަން ސަރުކާރުގެ 35 މެމްބަރުންގެ މެޖޯރިޓީން ނިންމީ، ކުޅިވަރު ޑިމޮކްރަޓައިޒް ކުރުމަށް ނުފެންނަ ކަމަށެވެ.
މަޖިލިސްގެ ރައުޔޫއަކީ، އެފަދަ ކަމެއް ކޮށްފިނަމަ، ބައިނަލް އަގުވާމީ ޖަމިއްޔާތަކުން ރާއްޖޭގެ ސަސްޕެންޑް ކުރާނެ ކަމަށެވެ.
ދާދި އެހަކަށް ދުވަހު، އިންޑިއާގެ ފުޓުބޯޅަ އެސޯސިއޭޝަން ވަނީ ފީފާ އިން ސަސްޕެންޑް ކޮށްފައެވެ. ނަމަވެސް، ހަފްތާއެއްގެ ތެރޭ ފީފާ ގެ ސަސްޕެންޝަން އަންބުރާ ނަގައިފިއެވެ. މިސަސްޕެންޝަން މެދުވެރިކޮށް، އިންޑިއާ ސަރުކާރުން، އެގައުމުގެ ފުޓުބޯޅަ އެސޯސިއޭޝަން ދެފުއް ފެންނަ އިންތިހާބަކުން ހޮވައި، ބޭނުންވި ނަތީޖާ ނެރެއްޖެއެވެ. އިންޑިއާގެ އޮލިމްޕިކް ކޮމިޓީ ވެސް ވަނީ އެގައުމުގެ ކޯޓުން ސަސްޕެންޑް ކޮށްފައެވެ. އަދި މިފަހަރު، އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީން ކުރި ކަމަކީ، ކޯޓުން ކުރި ސަސްޕެންޝަނަށް ތާއީދު ކުރުމެވެ.
ރާއްޖެއިން ނިންމީ ސަސްޕެންޝަންގެ ބިރަށް، ޑިމޮކްރެޓިކް އިޖްރާއަތްތައް ހުއްޓުމަކަށް ގެންނާށެވެ. ވީމާ މަޖިލިސް އިން މިހެއްދެވީ ކިހިނަކުން ތޯއެވެ؟
ކޮލިޝަން މެޖޯރިޓީގެ ނިންމުމުން ޔަގީން ކުރެވުނީ، ސަރުކާރުން، ކުޅިވަރު އެސޯސިއޭޝަންތައް ޑިމޮކްރަޓައިޒް ކުރަން ބޭނުން ނުވާ ކަމެވެ. ކުޅިވަރު ވަޒީރަކަށް ހުންނެވީ، ކޮއެލިޝަން ސަރުކާރާއި، ކުރީގެ ސަރުކާރާއި ދެފެން ދޭތެރޭ ހުންނެވި، ކުރީގެ މަޖިލިސް މެމްބަރެކެވެ.
އާ ވަޒީރު، އަހްމަދު މަހުލޫފް ކޮއެލިޝަން މެމްބަރަކަށް ބަދަލުވީ، އެންމެ ފަހު ވަގުތު، ރޭވިލޭރޭ ކަމުގައި ބުނެއުޅެ އެވެ.
ކުރީ ސަރުކާރުގެ ސިޔާސަތުގެ މައްޗަށް، އާ ސަރުކާރުން ތައާރަފްކުރި ސިޔާސަތު ތަކަކީ، ކުޅިވަރުވެސް، އަތޮޅާއި ޒޯން ފެންވަރަށް ލާމަރުކަޒު ކުރުމެވެ. އަދި، އޮގަނައިޒްޑް ކުޅިވަރުގެ ތެރެއަށް "ހޯމް އެންޑް އަވޭ" މަފްހޫމް ތައާރަފް ކޮށް، ކުޅިވަރު ކްލަބްތައް ބާރުވެރި ކުރުވުމެވެ. މިއިން ކަމެއް އަދި ކުރެވިފައެއް ނުވެއެވެ.
ކަން މިހެން އޮތް އިރު، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މެންޑޭޓަށް، 11 ވަރަކަށް މިލިއަން ރުފިޔާޔާގެ ބަޖެޓަކާއި އެކުު، "ކޮމިޔުނިޓީ އެމްޕަވަރމަންޓް" ގެ ޕޯޓްފޯލިއޯ އިތުރު ކުރީ ކްލަބްތައް ބާރުވެރި ކުރުވުމުގެ މަގްސަދުގައެވެ. މަދަނީ މުޖްތަމައެއް އާރާސްތުކުރުމުގެ ނިޔަތުގައެވެ.
ސްޕޯޓްސް ކޯޕަރޭޝަން އުވާލަން މިއުޅުއްވަނީ ކީއްވެ؟
ސްޕޯޓްސް ކޯޕަރޭޝަން އުވާލަން އުޅުއްވާ އުޅުއްވުމާއި މެދު ސުވާލު އުފެދެއެވެ. ކޮއެލިޝަންގެ މަޖިލިސް މެޖޯރިޓީ އިން ކުޅިވަރު އެސޯސިއޭޝަން ތައް ޑިމޮކްރަޓައިޒް ކުރުމަށް ހުރަސްއެޅި ނަމަވެސް، ސްޕޯޓްސް ކޯޕަރޭޝަން އުވާލުމުގެ ވިސްނުންމެއް ގެންގުޅުއްވާކަމަކަށް އެނގިފައެއް ނުވެއެވެ. އެހެން ނަމަވެސް ވަޒީރުގެ ވިސްނުން ހުރީ ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަށެވެ.
ވަޒީރު ވިދާޅުވަނީ، ސްޕޯޓްސް ކޯޕަރޭޝަނަކީ ސައްތައިން ސައްތަ ސަރުކާރު ކުންފުންޏެއް ކަމަށާއި، ސްޕޯޓްސް ކޯޕަރޭޝަންގެ ބަދަލުގައި، ސީދާ އޭނާގެ މިނިސްޓްރީން ދަނޑުއެޅުން ކުރިއަށް ގެންދިއުމުގައި އޮތީ ކޮން ތަފާތެއް ތޯއެވެ. "އެއީވެސް ސަރުކާރު، މިއީވެސް ސަރުކާރު" ކަމުގައި ވިދާޅުވަމުން ނެވެ.
މަޖިލިހުގެ ބައެއް މެމްބަރުން ދެކެވަޑައިގަންނަވަނީ، ދަނޑު އެޅުމުގެ ފައިސާ، ސްޕޯޓްސް ކޯޕަރޭޝަނަށް ނުދީ، އެތަން އުވާލަން ބޭނުން ވަނީ ދަނޑު އެޅުމުން (ކޮންކްރީޓް ތަރައްގީއިން) ލިބޭނެ ކަމަށް ގަބޫލު ކުރާ މަންފާތައް ބޮޑުކަމުންނެވެ. މިފަދަ މަންފާތަކުގެ ކުރިމަތީގައި، ރެފްރީން ފަހާ ކުޅުންތެރިން ދުވިނަމަވެސް ވަރިހަމަ ކަމަށެވެ.
ސްޕޯޓް ކޯޕަރޭޝަންގެ ބަދަލުގައި، ދަންޑު އެޅުމުގެ ފައިސާ، ސީދާ މިނިސްޓްރީން ދޫކުރުމުން، ބައެއް މެމްބަރުން ފައިނޭންސް މިނިސްޓަރުގެ މިއަމަލު ކުށްވެރި ކުރެއްވި އެވެ. އަދި ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަށް ލޮބީ ކުރައްވަމުން ގެންދަވާއިރު، އިވެންޓް މެނެޖް ކުރާ އެހެން ކުންފުންޏަކާ އެކު ވަޒީރު، ގާތް ގުޅުމެއް ބާއްވާ ކަމަށްް ވެސް ބައެއް ނޫސްވެރިން ތުހުމަތު ކުރެއެވެ.
ސްޕޯޓްސް ކޯޕަރޭޝަނަށް ކުޅުންތެރިންގެ މުސާރަ ކަށަވަރުކޮށްދެވޭނެ
ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަކީ، ރާއްޖޭގެ ކުޅިވަރު، ކުރިއަށް ދިޔަނުދީ، ހިފަހައްޓާ، އޮބެހެއްޓުމެވެ. ފަހަތަށް އަޅާ ފިޔަވަޅެކެވެ. ސްޕޯޓްސް ކޯޕަރޭޝަންގެ ބޭނުމަކީ، ހަމަ އެކަނި ދަނޑު އެޅުމެއް ނޫނެވެ.
ސްޕޯޓްސް ކޯޕަރޭޝަނަކީ، ކުޅިވަރު މެނެޖްވެސް ކޮށް ދެވޭނެ ކުންފުންޏެކެވެ. ކުޅިވަރު މާކެޓްކޮށް ދެވޭނެ ކުންފުންޏެކެވެ. ސިވިލް ސާވިސްއިން ކުޅިވަރު މެނެޖް ކުރުމުގެ ދުވަސް މާޒީވެ ހިނގައްޖެ އެވެ. އެމޮޑެލް މިއަދު ވަނީ ފޭލްވެފަ އެވެ. މިޒަމާނުގައި ސިވިލް ސާވިސް އަކީ، ހޮސްޕިޓަލް ހިންގާ، ޖިމް ހިންގާ ބައެއް ނޫނެވެ. މިޒަމާނުގައި މިފަދަ ކަންކަން ކުރަން އެންމެ މޮޅު އިތުރުވެގެން ވަނީ ކޯޕަރޭޓް އުސޫލުންނެވެ. ވިޔަފާރި އުސޫލުންނެވެ.
މިސާލަކަށް:
- ދަނޑު ފުރާނުލެވުމުގެ މައްސަލަ، ސްޕޯޓްސް ކޯޕަރޭޝަނަށް ހައްލުކޮށްދެވިދާނެ،
- ރާއްޖޭގެ އެންމެ މޮޅު ހަތް ކްލަބަށް ނިސްބަތްވާ 154 ކުޅުނަތެރިންނަށް ސްޕޯޓްސް ކޯޕަރޭޝަނުން، މުސާރަވެސް ގެރެންޓީ ކުރެވިދާނެ
- ސްޕޯޓްސް ކޯޕަރޭޝަނުން ދިވެހި ލީގް އެކުލަވާލާ ހިންގުމުގެ ހައްގުތައް، އެފްއޭއެމް އިން ގަނެވިވެސް ދާނެ
- އަދި މިފައިސާއިން އެފްއޭއެމް، ދަރަންޏާއި ކޮރަޕްޝަނުން މިންޖުވެސް ކޮށްދެވިދާނެ އެވެ.
- ސްޕޯޓްސް ކޯޕަރޭޝަނުން ގަންނަ ފުޓުބޯޅަ ހައްގުތައް އެހެން ކުންފުނިތަކަށް ވިއްކިދާނެ
- ފުޓުބޯޅަ ޓީމަކާއި އެކު ބްރޭންޑް ކުރަން ޝައުގުވެރިވާ ކުންފުނިތައް ހޯދާ، މިފަދަ އެންމެ 7 ކުންފުންޏަށް މި އެކްސްކްލޫލިވް ހައްގުތައް ވިއްކިދާނެ
- ރާއްޖޭގައި ސްޓޭޑިއަމް ހުރި ހަތް ސަރަހައްދުން، އެންމެ މޮޅު ހަތް ޓީމް އުފައްދަން، އެކުންފުނިތަކަށް ދޫކޮށްލެވިދާނެ
ރާއްޖޭގެ އެންމެ މޮޅު ހަތް ކްލަބްގެ އެކްސްކްލޫސިވް ރައިޓްސް ގަންނަ ކުންފުންޏަކަށް އަހަރަކު 3 މިލިއަން ރުފިޔާ ހަރަދު ކުރެވެން ވާނެ އެވެ. ޓެކްސް ލުއިތައް ހޯދާދޭން ވާނެ އެވެ. ކުންފުނިން ކުރަން ޖެހޭކަމަކީ، ސަރަހައްދީ ޓީމް އެކުލަވާލާ، ދިވެހި ލީގްގައި ހޯމް އެންޑް އަވޭ އުސޫލުން ވާދަ ކުރަން ނެރުމެވެ. ކުޅުންތެރިންނަށް މުސާރަ ކަށަވަރު ކޮށްދޭން ވާނެ އެވެ. ދިވެހި ލީގް ދެން ހިންގާނީ ސްޕޯޓްސް ކޯޕަރޭޝަންގެ މެނެޖްމަންޓްގެ ދަށުން ނެވެ. ސަރަހައްދީ ޓީމްގެ ހޯމް ސްޓޭޑިއަމްއަކީ، އެސަރަހައްދުގެ ސްޓޭޑިއަމް އެވެ. ވީމާ ޓީމް އޮންނާނީ ސްޓޭޑިއަމް އޮންނަ ރަށެއްގައެވެ.
މިކުރު ވާހަކައިގެ ބަތަލަކީ ކުޅިވަރު ވަޒީރެވެ. އެއީ ވެސް ސަރުކާރު، މިއީ ވެސް ސަރުކާރު ކަމުގައި ވިދާޅުވެ، ސްޕޯޓްސް ކޯޕަރޭޝަން އުވާލަން އުޅުއްވުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއްކަން އެނގިވަޑައި ނުގަންނަނީ ކަމަށް ވެސް ވެދާނެއެވެ.
އެޑިޓަރުގެ ނޯޓް:
ހާމިދު އަބްދުލްޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލްޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެއްޓްރީ ޖެނެރަލްކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހާމިދަކީ މިހާރު ވެސް ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނަވާ ބޭފުޅެކެވެ.