
ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވީ 2022 ސެޕްޓެންބަރު 8 ވީ ބުރާސްފަތި ދުވަހުއެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 96 އަހަރެވެ.
ރާނީއަށް އެންމެފަހުގެ އިހްތިރާމު އަދާކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ރާނީ އަވަހާރަވުމާއި ގުޅިގެން ލަންޑަނުގެ ލަންކަސްޓަރ ހައުސްގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ތައުޒިޔާގެ ދެ މެސެޖު ލިއުއްވާފައެވެ. މި ދެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާރލްސް 3 އަށާއި، ޝާހީ އާއިލާއަށާއި، އިނގިރޭސިވިލާތާއި އަދި ކޮމަންވެލްތް ގައުމުތަކުގެ ރައްޔިތުންނަށް އިހްލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވެފައެވެ.
ތައުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިއުއްވި މެސެޖުގައި ރާނީ އެލިޒަބަތު 2 އަވަހާރަވުމާ ގުޅިގެން މުޅި ދުނިޔެ ހިތާމަ ފާޅުކުރަމުންދާއިރު، އެކަމަނާގެ ގައުމުގައި، އެކަމަނާގެ އެންމެ ގާތްބޭފުޅުންނާއެކު، އެންމެ ފަހުގެ އިހްތިރާމް އަދާކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމަކީ، އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއްކަމަށް ވިދާޅުވެފައިވެއެވެ. އަދި ރާނީ އެލިޒަބަތު 2 ގެ ހަނދާންތަކަކީ ހިތްތަކުގައި ބިންވަޅުނެގިފައިވާ އެތައް ޖީލުތަކަށް ދެމި އޮންނާނެ ހަނދާންތަކެއްކަމުގައި ވެސް ފާހަގަކުރައްވާފައިވެއެވެ.
ތައުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ލިއުއްވާފައިވާ މެސެޖުގައި، އިނގިރޭސި ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވުމަކީ، އެކަމަނާއަށާއި މުޅި ދުނިޔޭގެ އެތައް ބަޔަކަށް ފުން ހިތާމައެއް ގެނުވި ކަމެއްކަން ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން އެކަމަނާ ވަނީ މި ދަތުރުފުޅުގައި ވަޑައިގެންނެވުމުގެ ކުރިން، އެކަމަނާގެ މަންމާފުޅުގެ އަރިހަށް ވަޑައިގެންނެވުމުން، އިނގިރޭސި ރާނީގެ ހިދުމަތްތަކަށް ޝުކުރު އަދާކުރައްވާކަން ފާހަގަކުރައްވަމުން، އެކަމަނާގެ މަންމާފުޅު ދެއްވި މެސެޖު ފާހަގަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެކަމަނާގެ އަމިއްލަފުޅު ނަންފުޅުގައާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެންމެހާ މައިންގެ ފަރާތުން، އިނގިރޭސި ރާނީ، މައެއްގެ ގޮތުގައި، އެކަމަނާގެ ގައުމަށާއި ރައްޔިތުންނަށްޓަކައި ކޮށްދެއްވި ހިދުމަތްތަކަށް ތައުރީފު އަދާކުރައްވާފައެވެ.
ރާނީ އެލިޒަބަރު 2 ވަނައިގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ވެސްޓްމިންސްޓަރ އެބީގައި 2022 ސެޕްޓެންބަރު 19 ވާ ހޯމަ ދުވަހު އިނގިރޭސިވިލާތުގެ ގަޑިން ހެނދުނު 11 ޖަހާއިރުއެވެ.