
ޖަނާޒާގައި ބައިވެރިވުމަށް މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި ރައީސްގެ ދެކަނބަލުން މިއަދު ވަނީ، ރާނީ އަވަހާރަވުމާއި ގުޅިގެން ލަންޑަނުގެ ލަންކަސްޓަ ހައުސްގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ތައުޒިޔާގެ މެސެޖު ލިޔުއްވާފައެވެ.
އޭގެތެރެއިން މެޑަމް ފަޒްނާގެ މެސެޖު ވަރަށް ހާއްސަ އެވެ. މެޑަމް ފަޒްނާ ވަނީ އެކަމަނާގެ ތައުޒިޔާގެ މެސެޖުގައި ހޮސްޕިޓަލުގައި މިވަގުތު އޮތް އެކަމަނާގެ މަންމާފުޅު ރާނީ އާއި ރައްދުކޮށްދިނުމަށް އެދުނު މެސެޖެއް އެ ދަފްތަރުގައި ލިޔުއްވާފައެވެ.
ފަޒްނާ ވިދާޅުވިގޮތުން އިނގިރޭސިވިލާތައް ފުރާވަޑައިގަތުމުގެ ކުރިން ހޮސްޕިޓަލުގައި އޮތް އެކަމަނާގެ މަންމާފުޅަށް ޒިޔާރަތް ކުރެއްވިއެވެ.
އެ ޒިޔާރަތުގައި އުމުރުން 77 އަހަރުގެ މަންމާފުޅު މެޑަމް ފަޒްނާ ކައިރީ އެދިވަޑައިގަތީ، ރާނީ އެލިޒަބަތުގެ ހިދުމަތައް ސާބަސް ވިދާޅުވެދެއްވުމަށެވެ.
އޭގެފަހުން އެ ތައުޒިޔާގައި ދެން ލިޔުއްވާފައިވަނީ، އެހެންކަމުން އެކަމަނާގެ މަންމަގެ ފަރާތުންނާއި، ރާއްޖޭގެ ހުރިހާ މައިންގެ ފަރާތުން، އިނގިރޭސި ރާނީ، މައެއްގެ ގޮތުގައި، ދަރިންނަށާއި، ގައުމާއި ރައްޔިތުންނަށްޓަކައި ކޮށްދެއްވި ހިދުމަތްތަކަށް ތަައުރީފު އަދާކުރައްވާފައެވެ.
ރައީސް ސޯލިހް ރާނީގެ ތައުޒިޔާ ދަފްތަރުގައި ލިޔުއްވަނީ
ރައީސް ސޯލިހުގެ ތައުޒިޔާ މެސެޖު
ތަައުޒިޔާގެ ދަފްތަރުގައި ރައީސް ސޯލިހު ލިއުއްވި މެސެޖުގައި ރާނީ އެލިޒަބަތު އަވަހާރަވުމާއި ގުޅިގެން މުޅި ދުނިޔެ ހިތާމަ ފާޅުކުރަމުންދާއިރު، އެކަމަނާގެ ގައުމުގައި، އެކަމަނާގެ އެންމެ ގާތްބޭފުޅުންނާއެކެ، އެންމެ ފަހުގެ އިހްތިރާމް އަދާކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމަކީ، އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއްކަމަށް ވިދާޅުވެފައިވެއެވެ. އަދި ރާނީގެ ހަނދާންތަކަކީ ހިތްތަކުގައި ބިންވަޅުނެގިފައިވާ އެތައް ޖީލުތަކަށް ދެމި އޮންނާނެ ހަނދާންތަކެއްކަމުގައި ވެސް ފާހަގަކުރައްވާފައި ވެއެވެ.
ރާނީ އެލިޒަބަތުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ވެސްޓްމިންސްޓަ އެބީގައި މާދަމާ އިނގިރޭސިވިލާތުގެ ގަޑިން ހެނދުނު 11 ޖަހާއިރު އެވެ.