
މިރަސްމިއްޔާތުގައި އެމް.އެމް.ޕީ.އާރ.ސީގެ މެނޭޖިން ޑިރެކްޓަ ތައްޔިބު މުހައްމަދާއި، ނޯ ޕްލާސްޓިކް އަދި މޯލްޑިވިއާނާ ގްރޫޕް ބޯޑް މެންބަރުންނާއި، ވެމްކޯއިން ބައިވެރިއެވެ.
މިރަސްމިއްޔާތުގައި މޯލްޑިވިއާނާ ގްރޫޕްގެ ޗެއަރމަން އަދި ނޯ ޕްލާސްޓިކް މޯލްޑިވްސްގެ އިންޓަރނޭޝަނަލް އެގްޒެކްޓްޓިވް ޑިރެކްޓަރ އަރތަރ ލިޕޯވް ވަނީ، ރާއްޖޭގެ ތިމާވެއްޓަށް ފާއިތުވި 30 އަހަރު އައިސްފައިވާ ބަދަލުތަކަށް އަލިއަޅުވާލާ ވާހަކަ ދައްކާފައެވެ. އަރތަރ ވިދާޅުވީ، މީގެ 30 އަހަރު ކުރިން ރާއްޖޭގެ ކަނޑުއަޑީގެ ހަޤީޤީ ރީތިކަން ފެނުމުގެ ނަސީބު ލިބުނު ކަމަށާއި، ނަމަވެސް އެ ރީތިކަން އެކި ސަބަބުތަކާއި ހުރެ މިހާރު މަޑުމަޑުން ނެތެމުންދާ ކަމަށެވެ. އަދި ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ އިތުރުން އިންސާނުންގެ އަމިއްލަ އަތުން ފަރުތަކާއި، ވެށި ހަލާކުގެ ތެރެއަށް އެއްލާލާ މަންޒަރު ފެނުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ. ނޯ ޕްލާސްޓިކް މޯލްޑިވްސްއާއިއެކު ކުރާ މަސައްކަތުން ރާއްޖޭގެ ރީތިކަން އިއާދަ ކުރުމަށް ޖަމާޢީގޮތެއްްގައި ގިނަ މަސައްކަތްތަކެއް ކުރެވޭނެކަން ފާހަގަކުރައްވަމުން އަރތަރވަނީ، އެއްފަހަރާ ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭންކުރުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ.
މިރަސްމިއްޔާތު ނިންމާލާފައިވަނީ ނޯ ޕްލާސްޓިކް މޯލްޑިވްސްއާއި މޯލްޑިވިއާނާ ގްރޫޕްގެ ގުޅުން ރަމުޒުކޮށްދޭ ދިދައެއް ރިޓްލެއްލާ ސަފާރީގައި ނެގުމާއި އެކުގައެވެ. މިދިދަ ނަންގަވައިދެއްވީ ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޑރ. މައުސޫމް އަދި މޯލްޑިވިއާނާ ގްރޫޕްގެ މެންބަރުންނެވެ.
ނޯ ޕްލާސްޓިކް މޯލްޑިވްސް އަކީ 2019ވަނަ އަހަރު ރަޖިސްޓްރީކޮށްގެން ހިންގާ މަދަނީ ޖަމުއިއްޔާއެކެވެ. މިޖަމުއިއްޔާގެ މައިގަނޑު މަގްސަދަނީ އެއްފަހަރު ބޭނުންކޮށްފައިވާ އުކާލާ ޕްލާސްޓިކް ކުނި ރާއްޖޭގެ ވެށިން މަދުކޮށް ޕްލާސްޓިކަށް ނޫނެކޭ ބުމުމުގެ ސަޤާފަތެއް ޤާއިމްކޮށް ވެށީގެ ސާފުތާހިރުކަން ޤާއިމްކުރުމެވެ.
މި މަގްސަދު ހާސިލްކުރުމަށް ފައިތުވި އަހަރުތަކުގައި ތަފާތު މަސައްކަތްތަކެއް ޖަމުއިއްޔާއިން އިސްނަގައިގެންވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިޔުމަށް ޖަމުއިއްޔާއިން ވަނީ ރާވާފައެވެ. މިގޮތުން މޯލްޑިވިއާނާ ގްރޫޕާއިއެކު މި ގާއިމްކުރި ގުޅުމަކީ ޖަމުއިއްޔާގެ ހިންގުން ހަރުދަނާކޮށް ގިނަ އަދި ބޮޑު މަޝްރުޢޫތައް މިދާއިރާއިން ކުރިއަށް ގެންދިޔުުމެވެ.