
ސޯޝަލް މީޑިއާގައި ކުރި ދިގު ޕޯސްޓެއްގައި ސިމާއޯ ބުނީ ހަމަ އެކަނި މެޗަކުން މޮޅުވުމުގެ ނަމުގައި ރޭންކިންގައި މާ ދަށުގައި އުޅޭ ޓީމުތަކާ ކުޅެގެން އެކަމުން މާ ބޮޑު ފައިދާއެއް ނުވާނެ ކަމަށެވެ. ދިވެހި ޓީމު މި ވަގުތު ތިބީ އެކުވެރިކަމުގެ 2 މެޗު ކުޅެން ބުރޫނާއީގައެވެ. ފުރަތަމަ މެޗުގައި މިއަދު ބުރޫނާއީއާ ވާދަކުރާއިރު ދެވަނަ މެޗުގައި ކުޅޭނީ ލާއޯސްއާއެވެ. ސިމާއޯ ބުނީ މި ފަދަ މެޗުތަކުގެ ބަދަލުގައި އިންތިޒާމް ކުރަން ޖެހޭނީ ރާއްޖެއަށްވުރެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅޭ މެޗުތައް ކަމަށެވެ.
ދިވެހި ޓީމު އެކުވެރިކަމުގެ ދެ މެޗު ކުޅުމަށް ބުރޫނާއީއަށް ދިޔުމުގެ ކުރިން ބ. އޭދަފުށީގައި އެ ރަށު ޓީމާ އެކުވެސް މެޗެއް ކުޅުނެވެ. މި މެޗުން ގައުމީ ޓީމު މޮޅުވެފައިވެއެވެ. ސިމާއޯގެ ޕޯސްޓްގައި އިތުރަށް ފާހަގަކޮށްފައިވަނީ މި ފަހުން ދިވެހި ޓީމުން ހޯދާފައިވާ ދަށް ނަތީޖާތަކެވެ. ބަންގްލަދޭޝް އަތުން ބަލިވުމާއި ލަންކާ އަތުން 4-4 ން އެއްވަރުވި މެޗު ސިމާއޯ ފާހަގަ ކުރިއެވެ. ސިމާއޯ ބުނީ ޒުވާން ޓީމުތަކާ އަދި އަންހެން ޓީމުން މި ފަހުން ނެރުނު ދަށް ނަތީޖާތަކުގެ ޒިންމާ އެ ޓީމުތަކުގެ ކުޅުންތެރިންނާ އަދި ކޯޗުން އެކަނި ނަގަން ނުޖެހޭނެ ކަމަށެވެ.
7 މަސް ދުވަހުގެ މުސާރަ ނުދީ އޮވެގެން ސިމާއޯވަނީ ދާދި ފަހުން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުން އިސްތިއުފާ ދީފައެވެ. މުސާރަ ނުދީގެން ކޮސްޓާ މަގާމުން އިސްތިއުފާ ދިން އިރު ގައުމީ ޓީމުގެ ކުރީގެ ކޯޗު އަދި އެސިސްޓެންޓް ކޯޗަށް މުސާރަ ނުދީ ހުރި މައްސަލައިގައި އެފްއޭމުން އެ ފައިސާ ދިނުމަށް ފީފާއިންވަނީ މީގެ ކުރިން އަންގާފައެވެ. އަދި އެފްއޭއެމްގެ އިދާރީ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަ މިއަހަރާއި މިދިޔަ އަހަރުވެސް އެކި ފަހަރު މަތިން ކުރިމަތިވިއެވެ.