
ލުބުނާނުގެ ޓްރާންސްޕޯޓު މިނިސްޓްރީއާއި، ސީރިއާގެ ސަރުކާރާއި، ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާގޮތުގައި، 61 މީހަކު މިހާދިސާގައި މަރުވެފައިވާއިރު، ސަލާމަތްވި 20 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން ނެވެ.
ސަލާމަތްވި މީހުންނާ ހަވާލާދީ ސީރިއާގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނިގޮތުގައި އެ ބޯޓު ފުރާފައިވަނީ، ލުބުނާނުގެ އުތުރު މިންޔޭ ސަރަހައްދުން އަންގާރަ ދުވަހު އެވެ. ބޯޓު ފުރީ، 120 އާއި 150 އާއި ދެމެދުގެ އަދަދުގެ މީހުންނާ އެކު ދޯނި ފުރާ އެވެ.
ނަމަވެސް ބޯޓުގައި ތިބީ ސީދާ ކިތައް މީހުން ކަމެއް އަދި ބޯޓު ދަތުރުކުރަމުންދިޔައީ ސީދާ ކޮން ތަނަކަށް ކަމެއް މިހާތަނަށް ސާފެއް ނުވެއެވެ. ކޯސްޓްގާޑުން އަދިވެސް ދަނީ ހަށިގަނޑުތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގައުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ހާދިސާ ހިނގި ބޯޓުގައި އެކި ގައުމުތަކަށް ނިސްބަތްވާ މީހުން ތިއްބެވެ.
ރެފިއުޖީން އުފުލައި ބޯޓުތައް ބަންޑުން ޖަހާލުމުގެ ހާދިސާތައް ގިނަ
ސީރިއާގެ އެއް މިލިއަން ރެފިއުޖީން ހިމެނޭ ގޮތަށް ހަ މިލިއަން މީހުންގެ އާބާދީއެއް އޮންނަ ލުބުނާނުގައި 2019 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އިގްތިސާދީ ގޮތުން ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާއިރު، އެ ގައުމުގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުނަށް ވަނީ ފަގީރުކަމާއި ކުރިމަތިލާން ޖެހިފަ އެވެ.
އެހެންކަމުން ރަނގަޅު ފުރުސަތުތަކެއް ހޯދުމަށް ލުބުނާނުގެ އެތައް ހާސް މީހުންނާއި، ސީރިއާ މީހުންނާއި، ފަލަސްތީނުގެ މީހުން ހިމެނޭހެން ވަނީ ފާއިތުވި މަސްތަކުގައި ލުބުނާނުން ފުރައިގެން ގޮސްފަ އެވެ.