ގާނޫނާއި ހިލާފަށް ރާއްޖެ ސަރަހައްދަށް ވަދެ، ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަަހައްދުގައި ބޭރުގެ މަސް ބޯޓެއް ގާނޫނާއި ހިލާފަށް މަސްވެރިކަން ކުރަމުންދާ ކަމުގެ ރިޕޯޓް އެމްއާރުސީސީއަށް ލިބިފައިވަނީ މިއަދު ހެނދުނު 11:26 ހާއިރު ކަމަށް އެ އިދާރާއިން ބުނެއެވެ.
ތ.މަޑިފުށީގެ އިރުމަތިން 17 މޭލު ބޭރުން ގަވައިދާ ހިލާފަށް ލަންކާ ބޯޓަކުން މަސްވެރިކަން ކުރަމުންދާ ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ދީފައިވަނީ، އެ ސަރަހައްދުން މަސްވެރިކަން ކުރަމުން ދިޔަ އދ. މަހިބަދޫ ”އަސުރުމާ2“ ނަމަކަށް ކިޔާ ދޯންޏަކުން ނެވެ.
އެ ދޯނިން ވަނީ، ލަންކާގެ ބޯޓު ހިފަހައްޓައި އެމްއެންޑީއެފަށް މައްސަލަ ރިޕޯޓުކޮށްފައެވެ.
މި ރިޕޯޓް ލިބުމާއެކު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ "މާފަތް" ލޯންޗް ވަނީ އެ ސަރަހަށްދަށް ގޮސް މިއަދު 14:00 ހާއިރު އެ ބޯޓް ކޯސްޓްގާޑް ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެމްއެންޑީއެފުން ބުނީ އެ ބޯޓް ކޯސްޓްގާޑަށް ފެނުނީ ލ.އިސްދޫމުލީގެ އިރުއުތުރުން 15 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.
ލަންކާގެ ބޯޓެއް ރާއްޖެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަނިކޮށް އަތުލައިގެން އިރު އެ ގައުމު މިވަގުތު އޮތީ އިގްސޯދީ ކާރިސާއެއްގެ ތެރޭގައެވެ.
ރާއްޖޭގެ ސަރަހައްދުގައި ގަވައިދާއި ހިލާފަށް މަސްވެރިކަން ކުރާ ބޯޓުތައް އެކިފަހަރުމަތިން އެމްއެންޑީއެފުން އެތައް ފަހަރަކު ވަނީ ހިފަހައްޓާފަ އެވެ.
ނަމަވެސް ގަވާއިދާ ހިލާފަށް ރާއްޖެކަނޑުން މަސްވެރިކަން ކުރާ ބޯޓުފަހަރުތައް މަދެއް ނުވެ އެވެ. މިދިޔަ އޮގަސްޓު މަސްތެރޭވެސް އަދި ޖޫންމަހުގެ ތެރޭގައިވެސް މިގޮތަށް ބޯޓުުތައް ވަނީ ހިފަހައްޓާފަ އެވެ.
ބޭރުގެ އުޅަނދު ފަހަރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރުމާއިބެހޭ ގާނޫނުގެ ގަވައިދަށް އިސްލާހުތަކެއް ގެނެސް މިދިޔަ އޮގަސްޓު މަހުގެތެރޭގައި ވަނީ އެ އުސޫލަށް އަމަލުކުރަން ފަށާފަ އެވެ.
މިގަވައިދުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަންނަން މަސައްކަތް ކުރާ ބޭރުގެ އުޅަނދެއް ނަމަ ފުރަތަމަ ފަހަރަށް ޖޫރިމަނާގެ ގޮތުގައި އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވިދާނެ ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހުއްދައަކާއި ނުލައި ވަދެފިނަމަ ނުވަތަ ކަނޑުގެ ސަރަހައްދު ހުރަސްކޮށްފިނަމަވެސް ޖޫރިމަނާގެ ގޮތުގައި އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވިދާނެ އެވެ.
އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދަކަށް ވަދެ މަނާ ކޮށްފައިވާ މަސްވެރިކަމުގެ ބާވަތެއް ކުރިކަން އެނގިއްޖެނަމަ އެފަރާތެއް ދެ މިލިއަން ރުފިޔާ އާއި ސާޅީސް މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ އެވެ.
ޖޫރިމަނާ ކުރެވޭ މިފައިސާ ތައް ޖޫރިމަނާ ކުރާ ތާރީހުން ފެށިގެން ތިރީސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސް ކުރަންޖެހޭއިރު، ސިފައިންގެ ކޯސްޓުގާޑުން ހިފެހެއްޓުމަށްފަހު ފުލުހުންނާއި ހަވާލުކުރާ އުޅަނދެއްގެ މައްސަލަ ބަލައި ނިމެންދެން ނުވަތަ އެ އުޅަނދަކަށް އިދާރީ ފިޔަވަޅެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖޫރިމަނާ ފައިސާ ދައްކައި ހަލާސްކުރުމާއި ހަމައަށް އެއުޅަނދެއް އޮންނަން ޖެހޭނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.