
ގައުމީ ދުވަހާއި ގުޅިގެން ބޭއްވި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައި، ގަނޑުވަރު މައިދާނުގަ އެވެ.
މި ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ދިދަނެގުމުގެ ރަސްމިއްޔާތަށް ގަނޑުވަރު މައިދާނަށް ރައީސް ގެ ދެކަނބަލުން ވަޑައިގެންނެވުމުން، އެ މައިދާނުން އެދެކަނބަލުންނަށް، މަރުހަބާ ދެންނެވީ، މިނިސްޓާ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ އާއި މިނިސްޓާ އޮފް ހޯމްއެފެއާޒް އައްޝައިހް އިމްރާން އަބްދުﷲ އެވެ.
ގައުމީ ދުވަހުގެ ދިދަނެގުމުގެ މި ހާއްސަ ރަސްމިއްޔާތުގައި، ދިދަ ނެގުމުގެ އިތުރުން، ދުވަހާއި ގުޅޭ ހާއްސަ ދުއާއެއް ކުރުންވެސް އޮތެވެ.
ރާއްޖޭގައި ގައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، މުހައްމަދުތަކުރުފާނު ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އައުކުރުމުގެ ގޮތުންނެވެ.