
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ، ދިރިއުޅޭ އިންސާނުން ނެތި، ފަޅަށް އޮންނަ ކިތަންމެ ބޮޑު ސަރަހައްދަކީ، ގައުމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި ގައުމެއް ނެތަމަ، ގައުމިއްޔަތެއް ނޯންނާނެ ކަމަށާއި، ދިވެހިރާއްޖޭގެ ގައުމިއްޔަތަށް ފުރާނައެޅި، ދިރުން ލިބިގެން ދިޔަީ، ދިވެހިންގެ ސަބަބުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ދިވެހިންނަކީ އަސްލާ ނަސްލުން އެއްބައެއް ކަމަށާއި، އިސްލާމްދީނުގެ ހިދާޔަތުގެ ދަށުގައި ތިބެ، އެންމެން ފިދާވާ ގައުމެއް ކަމަށެވެ. އަދި ގައުމަކަށް ބޭނުންވާ ތަކެތި ބޭރުން އެތެރެ ކުރެވުނު ކަމުގައި ވީނަމަވެސް ގައުމިއްޔަތަކީ، އެއްވެސް ތާކުން އިމްޕޯޓް ކުރެވޭނެ އެއްޗެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވީ، ގައުމިއްޔަތަކީ އެތެރޭގައި އުފެދި، ހެދި ބޮޑުވެ، ޒަމާން ތަކަކުން، އާރުލާ އަހުލާގާއި، ރިވެތި އުޅުމާ ސުލޫކު ކަމަށެވެ. އަދި އެބައެއްގެ މެދުގާ އާލާވެފާ އޮންނަ، ރަނގަޅު ގޮތާ ފޮތަކީ ގައުމިއްޔަތު ކަމަށާއި ގައުމިއްޔަތަކީ، ގައުމުދެކެ ވާ ލޯބި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ގައުމީ ދުވަހުގެ އުފަލަކީ ތަފާތު އުފަލެއް ކަމަށާއި، 1444 ވަނަ އަހަރުގެ ގައުމީ ދުވަހުގެ އިހުތިފާލަށް، އުތީމަށް އާދެވުމުން ލިބޭ އުފާ، އަދި މާ ތަފާތު ކަމަށެވެ.