ޖުމުލަ ހަތް ލަވަ ހިމެނޭ މި އަހަރުގެ ގައުމީ ލަވަ އަލްބަމް ހާއްސަ ކޮށްފައިވަނީ "ދިވެހިރާއްޖެ" މި ތީމަށެވެ. މި ލަވަ އަލްބަމްގައި ހިމެނޭ ލަވަތައް ހުށަހަޅައިދީފައިވަނީ ރާއްޖޭގެ ފުންނާބު އުސް ލަވަކިޔުންތެރިން ނެވެ.
މިފަހަރުގެ ލަވަ އަލްބަމަށް ޅެން ހައްދަވައިދެއްވި ބޭފުޅުންނަކީ:
- ލެފްޓިނެންޓް ކާނަލް އަންވަރު ޒާހިރު،
- ކޮމާންޑް ސާޖަންޓް މޭޖަރ އަބްދުﷲ ސައީދު،
- ޕްރައިވެޓް މުހައްމަދު މާހިދު (މާޓު)،
- ޖައުފަރު އަބްދުއްރަހްމާން
- އާދަމް ނަސީރު އިބްރާހީމް،
- ފާތިމަތު ޝަރީފް އަދި
- މުހައްމަދު އަބްދުލް ގަނީ (ތޭރަވާ) އެވެ.
އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިފަހަރުގެ އަލްބަމްގައި ވެސް ގައުމީ ރޫހާއި ގައުމީ ޖޯޝުން ލޭ ކައްކުވާލާފަދަ ޅެންތަކާއި ރާގުތައް ހިމެނެ އެވެ. މިގޮތުން މި އަލްބަމްގެ ލަވަތަކުގައި ރާއްޖޭގެ ރީތިކަމާއި، ޖަޒީރާވަންތަކަމާއި، ގައުމިއްޔަތު ސިފަކޮށްދޭ ލަވަތައް ހިމަނާފައި ވެއެވެ.
މި އަލްބަމްގެ ރާގު ހައްދަވާފައިވާ ފަރާތްތަކުގެ ތެރޭގައި:
- ލެފްޓިނެންޓް ކާނަލް އަލީ މަނިކު (ދާރީ)،
- ވޮރަންޓް އޮފިސަރު 2 ޔޫސުފް ޝިމާޒް،
- ވޮރަންޓް އޮފިސަރު 1 އަބްދުﷲ އިލްހާމް އިބްރާހީމް (އިއްލެ)،
- ވޮރަންޓް އޮފިސަރ 1 ފަތުހުﷲ ޝަކީލް ހުސައިން،
- ސްޓާފް ސާޖަންޓް އިބްރާހީމް އާސިފް،
- ޕްރައިވެޓް މުހައްމަދު މާހިދު (މާޓު)
- ޑީޓިއުން ބޭންޑު ހިމެނެއެވެ.
ފުރަތަމަ ފަހަރަށް ލައިވް ކޮންސެޕްޓަކަށް ހެދި މި އަލްބަމްގެ ރެކޯޑިންއާއި މިކްސިން އަދި މާސްޓަރިން ހެދުމުގައި އެންމެ އިސް އިންޖީނިއަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވަނީ ވޮރަންޓް އޮފިސަރު 1 ފަތުހުﷲ ޝަކީލް ހުސައިން އެވެ.
މިއަލްބަމްގެ ލަވަތަކަށް މިޔުޒިކް ތައްޔާރުކޮށްފައިވަނީ އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސަވިސްއިންނެވެ. އަދި އަލްބަމްގެ ވީޑިއޯ ލަވަތައް ތައްޔާރުކޮށް، އެޑިޓްކޮށްފައިވަނީ އެމްއެންޑީއެފް މީޑިއާ އެންޑް ޕަބްލިޝިން ސަވިސްއާއި ލެފްޓިނެންޓް ރިޓަޔަޑް އަޝްހަރު ވަހީދާއި، ވޮރަންޓް އޮފިސަރު 2 އިބްރާހީމް އަހްމަދެވެ.
މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ނެރުނު އެ އޯޑިއޯ އަލްބަމްގެ ވީޑިއޯ ލަވަތައް މިހާރު ވަނީ އެމްއެންޑީއެފްގެ އޮފިޝަލް ޔޫޓިއުބް ޗެނަލް އަށް އަޕްލޯޑު ކޮށްފައެވެ. އަދި އެ އަލްބަމްގެ ލަވަތައް އެމްއެންޑީއެފް ޔޫޓިއުބް ޗެނަލްއިން ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
ގައުމީ ދުވަހާއި ގުޅުވައިގެން އެމްއެންޑީއެފްގެ ފަރާތުން ގައުމީ ލަވަ ސީޑީ ނެރެންފެށީ 2002 ވަނަ އަހަރުއެވެ. އޭގެ ފަހުން ކޮންމެ އަހަރެއްގެ ވެސް ގައުމީ ދުވަހާއި ގުޅުވައިގެން އެމްއެންޑީއެފްއިން ދަނީ އަހަރުން ފެށިގެން ނެރެވެމުން އަންނަ "ގައުމީ ލަވަ އަލްބަމް"ގެ ނަމުގައި އަލްބަމް ތަކެއް ނެރެމުންނެވެ.
އެގޮތުން މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ނެރުނު މި އަލްބަމަކީ އޭގެ 21 ވަނަ އަލްބަމެވެ.