ads
ފުވައްމުލަކު މިސްކިތްމަގުގައި ބޮޑުވެފައިވާ ފެންގަނޑު ހިތްކުމުގެ މަސައްކަތްކުރަމުންދަނީ———ފޮޓޯ: އެމްއެންޑީއެފް
ބޯކޮށް ވާރޭވެހި ފުވައްމުލަކުގައި ފެންބޮޑުވެއްޖެ
ވިއްސާރަވެ، ބޯކޮށް ވާރޭވެހުމުގެ ސަބަބުން، ޏ.ފުވައްމުލަކު ސިޓީގައި ފެންބޮޑުވެގެން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފަށައިފި އެވެ.

ވިއްސާރަވުމުގެ ސަބަބުން ފެންބޮޑުވެފައިވަނީ، ފުވައްމުލަކު ސިޓީ، މިސްކިތްމަގު އަވަށުގައެވެ.

މިސްކިތްމަގުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، ބައެއް ދުއްވާ އެއްޗިއްސަށާއި، ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫތައް ދިމާވަމުންދާތީ، އެ ސަރަހައްދުން ފެން ހިއްކުމަށް ސިފައިންގެ އެހީތެރިކަމަށް ވަނީ އެދިފައެވެ.

އެމްއެންޑީއެފް އިން ބުނީ، ފެން ހިއްކުމުގެ މަސައްކަތް ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަ ސްޓޭޝަންގެ ސިފައިން ފަށާފައިވަނީ މިއަދު މެންދުރު 13:00 ހާއިރު ކަމަށެވެ.

މިއަދު 15:30 ހާއިރު އެމްއެންޑީއެފް އިން މައުލޫމާތު ދިންގޮތުގައި 13:00 ފެށިގެން އެ ސަރަހައްދުން ފެން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުން ނެވެ.

ބޯކޮށް ވާރޭވެހުމާއިއެކު ގުގުރުން އަދި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ފ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު އޮތީ ވައިޓު އެލާޓު ވެސް ނެރެފަ އެވެ.

މިމަހުގެ މޫސުން މެޓުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، އުތުރު އަތޮޅުތަކަށް ވެހޭ ވާރޭ، އާންމުކޮށް ވެހޭވަރަށްވުރެ އިތުރު ވާނެ އެވެ. އަދި މެދުރާއްޖެތެރޭ ބައެއް އަތޮޅުތަކަށް އާންމު މިންގަނޑުގައި ހުންނާނެކަމަށް ލަފާކުރެވޭއިރު ރާއްޖޭގެ އެހެން ހިސާބުތަކަށް ވެހޭވަރަށްވުރެ މަދުވުން އެކަށީގެން ވާ ކަމަށް ލަފާކޮށްފައި ވެއެވެ.

މިދުވަސްވަރު ފިނިހޫނުމިން އުތުރާއި މެދުރާއްޖެތެރޭ އަތޮޅުތަކުގައި ކުޑަތަންކޮޅެއް ދަށް ވާނެކަމަށް ބެލެވޭ އިރު، ދެކުނު އަތޮޅުތަކުގައި އާންމު މިންގަނޑަށްވުރެ ތަންކޮޅެއް މަތި ވުން އެކަށީގެން ވާކަމަށް މެޓުން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް