ads
ގެއްލިގެން ހޯދަމުންދާ ޒުވާނާ
ޒުވާން ފިރިހެނަކު ގެއްލި 2 ހަފްތާ! ހޯދުމުގެ މަސައްކަތް ކުރިއަށް
ހުޅުމާލެއިން ގެއްލުނު އުމުރުން 27 އަހަރުގެ މުހައްމަދު އަޒުހާން ހޯދުމުގެ މަސައްކަތް ހުއްޓާ ނުލާ ކުރިއަށް ގެންދަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އަޒުހާން ގެއްލުނުތާ މިއަދު މިއީ 14 ވަނަ ދުވަހެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ، ހުސްވި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހިޔާ ޓަވަރުގެ 13 ވަނަ ޓަވަރު ކައިރިން ކަމަށާއި، ފެނުނީ ހުދު ކުލައިގެ ކާރަކަށް އަރަނިކޮށް ކަމަށް ފުލުހުން އެންމެފަހުން އާއްމު ކުރި މައުލޫމާތުގައި ވަނީ ބުނެފަ އެވެ. 

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އަދި މިހާތަނަށް އޭނާ އާއި ބެހޭ އިތުރު މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ. އިތުރު މައުލޫމާތެއް ފުލުހުން އާއްމު ކޮށްފައި ނުވެ އެވެ. 

"މިހާތަނަށް ފުލުހުން ކުރި މަސައްކަތުން މުޙައްމަދު އަޒުހާން އެންމެ ފަހުން ފެނިފައިވަނީ މި ސެޕްޓެމްބަރ މަހުގެ 18 ވަނަ ދުވަހު ފަތިހުގެ ހިޔާ ފްލެޓް 13 ވަނަ ޓަވަރު ކައިރިން. އެގޮތުން ފުލުހުން އެސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބެލިބެލުމުން އެދުވަހުގެ 04:53 އެހާކަންހާއިރު ހުދުކުލައިގެ ކާރަކަށް އަރާކަން ވަނީ ފާހަގަކުރެވިފަ. އަދި އިތުރު ފުޓޭޖުތައް ބަލައި، ކާރު ދެނެގަތުމުގެ މަސައްކަތްވެސް ފުލުހުން ދަނީ ކުރަމުން." ފުލުހުން މީގެ ކުރިން ބުންޏެވެ.

އޭނާ ގެއްލިގެން ހޯދަން ފެށީ މިމަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 06:00 ހާއިރު އޭނާ ގެއްލިގެން ރިޕޯޓް ކުރުމުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މުހައްމަދު އަޒުހާން އެންމެފަހު ފެނުނުއިރު ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެއް ލައިގެން ކަމަށްވެސް ފުލުހުން އެދުވަހު ވަނީ ބުނެފަ އެވެ.  

ފުލުހުން ވަނީ، އަޒުހާން ހުސްވި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު އެރި ކަމަށް ބުނާ ކާރުގެ ފޮޓޯ އާއްމު ކޮށްފަ އެވެ. 

ފޮޓޯ އާއްމު ކުރަމުން ފުލުހުން ބުނީ، އަޒުހާން އަދި ހިޔާ ފްލެޓް ސަރަހައްދުން ފޮޓޯއިން ފެންނަ ހުދުކުލައިގެ ޓެކްސީއެއް ފެނިފައިވާ ފަރާތެއްވާނަމަ ނުވަތަ ސެޕްޓެމްބަރު 18 ވަނަ ދުވަހު ފަތިހު ހިޔާ ފްލެޓް 13 ވަނަ ޓަވަރު ކައިރިން ދަތުރެއް ނަގާފައިވާކަމަށް ބެލެވޭނަމަ ޑްރައިވަރު އެކަން ލަސް ނުކުރައްވައި ހުޅުމާލެ ޕޮލިސް ފޭސް ދޭއް އިންވެސްޓިގޭޝަން ނަންބަރު 9393351 ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި އެމައުލޫމާތު ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް