
މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި، ދައުލަތުގެ އިސްވެރިންނާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ ބާނީންނާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ފުރަތަމަ ފަހަރަށް ބޭއްވި މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 17 ނޮވެމްބަރު 2018 އިން ފެށިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ރާއްޖޭގައި އަލަށް 33 ރިސޯޓާއި 471 ގެސްޓް ހައުސް ހުޅުވާފައިވާ ކަމަށެވެ. އެއީ، 8385 ކޮޓަރި ނުވަތަ 16783 އެނދު ކަމަށާއި، އެ ތަންތަން ހުޅުވުމާއެކު، ފަތުރުވެރިކަމާ ގުޅުން ހުރި އެހެން ދާއިރާތަކުންވެސް، އިތުރު އެތައް ހާސް ވަޒީފާއެއް އުފެދިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހާއި އަދި ފަތުރުވެރިކަން ފެށިގެން މިއަދާއި ހަމައަށް އައި ގޮތުގެ މައްޗަށްވެސް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މިމޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދަވައި ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ހަލުވި ދުވެލީގައި ކުރިޔަށް ގެންދިޔަ މައި އިންޖީނަކީ ފަތުރުވެރިކަމުގެ ސިނާޢަތުކަމަށެވެ. އަދި ފަތުރުވެރިކަމުގެ ބާނީންނަށް މިއަދު ޝުކުރު އަދާކުރައްވަން ޖެހިވަޑައިގަންނަވަނީ އެހެންވެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް މި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ، ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުމާއެކު ފަތުރުވެރިކަމުގެ އުދަރެސް ފުޅާކޮށް މިސިނާއަތު ސިންދަފާތުކުރުން ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސާލު މުޅި ރާއްޖެއަށް ފަތުރައިލުމަކީ އެއް އަމާޒު ކަމަށާއި، އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން ހަނިމާދޫ އެއާޕޯޓާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓާއި، ގަން އިންޓަރނޭޝަލް އެއާޕޯޓުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ވައިގެ ބަނދަރުތައް ތަރައްގީވެ، ސީ ޕްލޭންގެ ވިއުގަ ފުޅާވެ، އާރް.ޓީ.އެލް ފެރީތަކުން މުޅި ރާއްޖެ ގުޅާލެވިގެންދާއިރު، ރަށު ފަތުރުވެރިކަމަށް މިހާރަށް ވުރެ މާ ފަހި ފުރުސަތުތަކެއް އޮންނާނީ ހުޅުވިފައި ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ދިވެހި ފަތުރުވެރިކަމުގެ ކޮލިޓީ އާއި އިތުބާރު ހިފެހެއްޓުމަކީ، ކޮންމެ ދިވެހި ފަރުދެއްގެ ޒިންމާއެއް އަދި ގައުމީ ވާޖިބެއް ކަމަށާއި، އެއީ، ދިވެހިރާއްޖެއާ މެދު ފަތުރުވެރިން ޝައުގުވެރިވާ ސިފަތައް އެ ގޮތުގައި ދެމެހެއްޓުން ކަމަށެވެ. އަދި ރާއްޖެއަށް ފަތުރުވެރިން ޝައުގުވެރިކުރުވާ އެންމެ މުހިންމު ސިފަތަކަކީ، ދިވެހިންގެ މެހްމާންދާރީ އާއި މިރާއްޖޭގެ އަމާންކަމާއި ސުލްހަ މަސަލަސްކަން ފާހަގަކުރައްވައި، އެ މަތިވެރި ޒިންމާއަށް ދިވެހި ހުރިހާ ރައްޔިތުން ވެސް ސަމާލުވެވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، "މޯލްޑިވްސް ޓޫރިޒަމް އެވޯޑް" އިފްތިތާޙްކޮށްދެއްވައި، އެ އެވޯޑް ލިބިވަޑައިގެންނެވި 6 ފަރާތަކަށް އެވޯޑް ހަވާލުކޮށްދެއްވާފައެވެ.
މިޖަލްސާގައ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމުވެސް ބައިވެރިވެ ވަޑައިގެން، "މޯލްޑިވްސް ޓޫރިޒަމް އެވޯޑް" ލިބިވަޑައިގެންނެވި ބައެއް ބޭފުޅުންނަށް ވަނީ އެވޯޑް ހަވާލުކޮށްދެއްވާފައެވެ.
ރާއްޖޭގައި ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި 3 އޮކްޓޫބަރު ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، ރާއްޖޭގައި ފުރަތަމަ ޓޫރިސްޓު ރިސޯޓެއް ހުޅުވުނީ އެދުވަހުގައި ކަމަށްވާތީއެވެ. މާލެ އަތޮޅު ވިހަމަނާފުށީގައި، ކުރުނބާ ވިލެޖްގެ ނަމުގައި ރާއްޖޭގެ ފުރަތަމަ ރިސޯޓް ހުޅުވުނީ، 1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުގައެވެ.