ads
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު: ފޮޓޯ އެމްޑީޕީ
މުޅި ސީޕްލޭން ޓާމިނަލް އެއްކޮށް ޓީއެމްއޭއަށް ދިނުން އޯކޭ އެއް ނޫން: ރައީސް ނަޝީދު
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އާ ސީޕްލޭން ޓާމިނަލް އެއްކޮށް ޓްރާންސް މޯލްޑިވިއަށް އެއާވޭސް (ޓީއެމްއޭ) އަށް ދިނުން އޯކޭ ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ "ރަށްފަހި ފަތިސް" ކެމްޕެއިން ފެއްޓުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.  

ރައީސް ނަޝީދު ވަނީ އެއް އިރެއްގައިވެސް އެމްޑީޕާީއަށް ވައްކަން އޯކޭ ނޫން ކަމަށާއި ވައްކަންތައް ހަނދާންނުނެތޭކަމަށް ވިދާޅުވެފަ އެވެ. އެމްއެމްޕީއާރުސީގެ ބޮޑު ވައްކަންވެސް އެ ވައްކަން ކުރި މީހުންނާއި އަދި އަރާ ހަމަކުރާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. 

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ކުރިމަތި ލާނެ ކަމެއް ނެތް ކަމަށާއި އެ ޕާޓީގެ މެންބަރުން ކުރިމަތިލާނެ ތަނެއްވެސް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މި އިންތިހާބަކީ އެމްޑީޕީގެ އިންތިހާބެއްކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ މިހާރުވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި އެމްޑީޕީއަށް އިންތިހާބު ކާމިޔާބު ކުރެވިފައި ކަމަށް ވިދާޅުވެފަ އެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކަރު ވެގެންދާނީ ރާއްޖޭގައި ފުރަތަމަ އެންމެ ކުޑަ އުޖޫރަ އަދި ސާވިސްޗާޖް ވެސް ދޭނެ ސަރުކާރު ކަމަށާއި މި ސަރުކާރުން ޓެރަރިޒަމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި މުޅި ރާއްޖެއިން ޓެރަރިޒަމް އެއްކޮށް ނައްތާލެވޭނެނަމަ ޓެރަރިޒަމް ވެސް ގައުމުން ނައްތާލަނެ ސަރުކަރަކީ މިއީ ކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ. 

ޓީއެމްއޭއަށް ނުހައްގުން އެމްއޭސީއެލްގެ ސީޕްލޭން ޓާމިނަލް ދިނުމަށް އުޅޭކަުގެ ވާހަކަ ފެންމަތިވުމާއި އެކު ޓީއެމްއޭއިން ރައީސް ނަޝީދު އަށް ރިޝްވަތުގެ ގޮތުގައި ފައިސާން ދޭން އުޅޭކަމުގެ ވާހަކަތައް ފެތުރެން ފެށުމުން އެމަނިކުފާނު ވަނީ އެވާހަކަތައް ދޮގުކޮށްފަ އެވެ. އެމަނިކުފާނަށް އެއްވެސް މީހަކު ރިޝްވަތު ދޭން މަސައްކަތް ނުކުރާނެ ކަމަށާއި އެމަނިކުފާނަށް ރިޝްވަތު ދޭން މަސައްކަތް ކޮށްފި ނަމަ ކަންވާނެ ގޮތް ވެސް މީހުންނަށް އެނގޭނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. 

ނިމިދިޔަ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން ސީޕްލޭން ޓާމިނަލް ނުހައްގުން ޓީއެމްއޭއަށް ދޭން މަސައްކަތް ކޮށްފައި ވާކަމަށާއި އެހެން ނަމަވެސް މި ނިންމުން ރައީސް ސޯލިހްގެ ސަރުކާރުން ބަދަލުކޮށް ހުށަހަޅާފައިވާ ހުށަހެޅުމަކީ މި މައްސަލަ ހައްލުކުރުމަށް މިހާރު އޮތް އެންމެ ފަހު ގޮތް ކަމުގައި މީގެ ކުރިން ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ. 

މި ސަރުކާރުން ނިންމާފައިވަނީ އާ ސީޕްލޭން ޓާމިނަލްގެ 6300 އަކަމީޓަރުގެ ބިން މިހާރުވެސް ޓީއެމްއޭ އަށް ދީފައިވާ އަގުގައި ކުރިއަށް އޮތް ދެ އަހަރަށް ދިނުމަށެވެ. އެކަމަކު ޓީއެމްއޭއިން ބުނަމުންދަނީ އާ ސީޕްލޭން ޓާމިނަލްގެ ބޮޑު ބައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެކުންފުންޏަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ދިނުމަށް އެމްއޭސީއެލް އިން އެއްބަސްވެފައިވާ ކަމަށެވެ. މިގޮތަށް ދިނުމުން އެއްވެސް ގެއްލުމެއް ދައުލަތަށް ނުލިބޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.

33%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް