އިއްޔެ އެގައުމުގައި ބޭއްވި އާންމު އިންތިހާބަކީ އެގައުމުގެ ކުރީގެ ބޮޑުވަޒީރު، ޝެއިޚް ހަސީނާގެ 15 އަހަރުގެ ދިގު ވެރިކަން ނިމުމަކަށް ގެނައުމަށް 2024 ގައި ދަރިވަރުންތަކެއް އިސްވެ ހިންގި މުޒާހަރާތަކަށް ފަހު އެ ގައުމުގައި ބޭއްވި ފުރަތަމަ އިންތިހާބެވެ.
މި އިންތިހާބުގެ ވޯޓުލުން އިއްޔެ ބޭއްވި ނަމަވެސް މި އިންތިހާބުގައި ހަސީނާގެ އަވާމީ ލީގު ޕާޓީ ނުހިމެނެ އެވެ. އެ ޕާޓީ ވަނީ އިންތިހާބުގައި ވާދަކުރުން މަނާކޮށްފަ އެވެ.
"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ ބީއެންޕީން ހޯދި ކާމިޔާބީއާއި ގުޅިގެން ތާރިގް ރަހްމާނަށް މަރުހަބާ ދަންނަވާފަ އެވެ.
ރައީސްގެ މެސެޖުގައި ރާއްޖެއާއި ބަންގްލަދޭޝާއި ދެމެދު އޮތް ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ވަރުގަދަ ކުރެވިގެންދާނެ ކަމަށް އުންމީދު ކުރައްވާކަން ވަނީ ފާހަގަކުރައްވާފަ އެވެ.
ބީއެންޕީންގެ ޗެއާމަން، ހާލިދާގެ ދަރިކަލުން ތާރިގް ރަހްމާން ވެސް އޭނާ ވާދަކުރެއްވި ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާފައި ވާއިރު އެއީ އާ ބޮޑުވަޒީރަށް ވާނެ އެވެ.
ރޭގެ ވަގުތެއްގައި ބީއެންޕީގެ އިސް ލީޑަރެއް ކަމަށްވާ ރާހުލް ކަބީރް ރިޒްވީ ވަނީ ކާމިޔާބީ އިއުލާނުކުރައްވައި ބަޔާނެއް ދެއްވައިފަ އެވެ. އޭނާގެ ބަޔާނުގައި، ކާމިޔާބުކުރެވުނު ގޮނޑީގެ އަދަދު ހާމައެއް ނުކުރައްވަ އެވެ. ޕާޓީގެ މެންބަރުންނަށް އޭނާ ގޮވައިލެއްވީ އުފާ ފާޅުކުރުމަށް މަގުތަކަށް ނުކުތުމުގެ ބަދަލުގައި މިއަދު ހުކުރު ނަމާދުގައި މި ކާމިޔާބީއަށްޓަކައި ޝުކުރު އަދާކުރުމަށެވެ.