
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި، ސެކްރެޓަރީ ޖެނެރަލް ވަނީ އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ހަމަ އެއާއެކު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އަންހެނުންނަށް ބޭނުންވާ ކަންކަމުގައާއި، އަންހެނުންގެ ފުރިހަމަ ގާބިލުކަން ބޭރަށް އަންގައިދިނުމުގައި އަދި އެމީހުންގެ ފަރާތުން ފުޅާދާއިރާއެއްގައި މުޖުތަމައަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެވޭނެ މަގުތައް ހޯދައިދުނުމުގައި ސުޕްރީމް ކައުންސިލުން އަދާކުރަމުންދާ ދައުރާމެދު ހިތްހަމަޖެހިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.
މީގެ އިތުރުން އެކަމަނާ ވަނީ އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަކީ، ރާއްޖެއިން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭ ދާއިރާއެއްކަން ފާހަގަކުރައްވައި، އެކަމަނާއަކީ ވެސް މި ދާއިރާއަށް ނުހަނު ޝައުގުވެރިކަން ހުންނަ ބޭފުޅެއް ކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ސެކްރެޓަރީ ޖެނެރަލް ވަނީ އަންހެން ކުދިންނާއި، އަންހެނުން ބާރުވެރިކުރުވުމަށްޓަކައި އެއް އަމާޒަކަށް މަސައްކަތް ކުރުމަށް ޝައުގުވެރިވާކަން ފާޅުކުރައްވާފައެވެ.
"ސުޕްރީމް ކައުންސިލް ފޮ ވިމެން" ކައުންސިލް ވުޖޫދުވީ 22 އޮގަސްޓް 2001 ވަނަ އަހަރު ގައެވެ. މި ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވަނީ ހަރ ރޯޔަލް ހައިނެސް ޕްރިންސެސް ސަބީކާ ބިންތް އިބްރާހީމް އަލް-ޚަލީފާއެވެ. އަދި، މި ކައުންސިލްގައި އަންހެނުންގެ ކަންކަމާއި ގުޅުން ހުރި އެކި މަސައްކަތްތައްކުރުމަށާއި، ޢާންމުންގެ ތެރެއިން އަންހެނުން ތަމްސީލުކުރުމަށް ތަޖުރިބާ ލިބިފައިވާ 16 އަންހެން މެންބަރުންނަށް ވުރެ މަދު ނޫން އަދަދަކަށް މެންބަރުން ހިމެނެއެވެ.