
ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ ވަފުދެއްވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މިދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ބަހްރައިނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ބުރާސްފަތި ދުވަހު، ބަހްރައިންގެ ޝާހީ ގަނޑުވަރު، ޤުޟައިބިއްޔާއިން، އެދެކަނބަލުންނަށް މަރުހަބާ ވިދާޅުވީ، ބަހްރައިންގެ ރަސްގެފާނު، ޙަމަދު ބިން ޢީސާ އަލް ޚަލީފާއެވެ.
މިދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ، ބަހްރައިންގެ ރަސްގެފާނާއި ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރައްވާފައެވެ.
މިބައްދަލު ކުރެއްވުމުގައި، ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، ދެގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްބާރުލުންދީ، ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައި މަޝްވަރާކުރެއްވިއެވެ.
ރަސްމީ ވާހަކަފުޅުތަކަށް ފަހުގައި ރައީސުލްޖުމްހޫރިއްޔާ އާއި ބަހްރައިންގެ ރަސްގެފާނު ވަކިން ބައްދަލުކުރައްވައި، ރާއްޖެ އާއި ބަހްރައިންގެ މެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުން، އިތުރަށް ބަދަހި ކުރެއްވުމާއި ގުޅޭގޮތުން ދެބޭ ފުޅުން އިތުރަށް މަޝްވަރާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ، ބަހްރައިނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ބުރާސްފަތި ދުވަހު ވަނީ ދިވެހިރާއްޖެ އާއި ބަހްރެއިން އާއި ދެމެދު 4 އެއްބަސްވުމެއް ބަދަލުކުރައްވައި، ދެގައުމުގެ އިސްބޭފުޅުން މަޝްވަރާކުރައްވައި، ރާއްޖެ އާއި ބަހްރައިންގެ ހާރިޖީ ވަޒީރުން ގުޅިފައިވާ ބަޔާނެއް ދެއްވާފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފްގައި ބަހްރައިންގެ ރަސްގެފާނު ބޭއްވެވި ރަސްމީ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ބުދަ ދުވަހު ބަހްރައިންގެ ވަލީއަޙްދު، ޑެޕިއުޓީ ސްޕްރީމް ކޮމާންޑަރ އަދި ބަޙްރައިންގެ ބޮޑު ވަޒީރާއި ބައްދަލުކުރައްވާފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވަނީ، ބަހްރައިން އިކޮނޮމިކް ޑިވެލޮޕްމަންޓް ބޯޑަށް ޒިޔާރަތްކުރައްވައި، ބަހްރައިންގެ ބޮޑު ވަޒީރުގެ ނައިބު އަދި ބަހްރައިން މުމްތަލަކަތް ހޯލްޑިންގ ކޮމްޕެނީގެ ޗެއަމަން އާއި ބައްދަލު ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފްގައި، ބަހްރައިންގެ ބޮޑުވަޒީރުގެ ނައިބު ދެއްވި ރޭގަނޑުގެ ފަރިއްކޮޅެއްގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ، ބަހްރައިން ޓެލެކޮމިއުނޭޝަން ކޮމްޕެނީ (ބަޓެލްކޯ)ގެ އިސްވެރިންނާއި ބައްދަލު ކުރައްވާފައެވެ. މިބައްދަލު ކުރެއްވުމުގައި، ރައިސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ، އިންޓަނެޓްގެ އަގު ހެޔޮކުރުމަކީ މިސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަމެއްކަން ފާހަގަކުރައްވައި، އެލަނޑުދަނޑިއަށް ވާސިލްވުމަށް އެކުންފުނީގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރުއަދާކުރައްވާފައެވެ.
މިދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ، ބަހްރައިންގެ ރަސްގެފާނުގެ އަނބިކަނބަލުން އަދި ބަހްރައިންގެ ސުޕްރީމް ކައުންސިލް އޮފް ވިމެންގެ ރައީސާ، އަމީރާ ސަބީކާ ބިންތު އިބްރާހީމް އަލް ޚަލީފާ އާއި ބައްދަލު ކުރައްވާފައެވެ. އަދި ބަޙްރައިންގެ ސުޕްރީމް ކައުންސިލް އޮފް ވިމެންގެ ޖެނެރަލް ސެކްރެޓަރީއާ ބައްދަލުކުރެއްވުމުގެ އިތުރުން އެކަމަނާ ވަނީ ހުކުރު ދުވަހު ހެނދުނު، ކިންގް ޙަމަދު ޔުނިވަރސިޓީ ހޮސްޕިޓަލަށާއި، ބަހްރައިން އިންސްޓިޓިއުޓް ފޯރ ޕަލްސް އެންޑް ޖެމްސްޓޯންސްއަށްވެސް ޒިޔާރަތް ކުރައްވާފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ، ބަހްރައިންގެ ގައުމީ ދާރުލް އާސާރަށާއި، ބައިތު އަލް ޤުރުއާން ފެސިލިޓީއަށް ވެސް ޒިޔާރަތް ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާ އަނބިކަނބަލުން ފަޒްނާ އަހްމަދު ބަހްރައިނަށް ކުރެއްވި މިފުރަމާނަ ދަތުރުފުޅަކީ، މިހާތަނަށް ރާއްޖޭގެ އެންމެ އިސްވެރިއަކު އެގައުމަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.