ads
އުއްތަމަ ފަނޑިޔާރު
ޗެއިން އޮފް ކަސްޓަޑީ ޑައިރެކްޝަން: އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ބަލައިފާނެތަ؟
ޗެއިން އޮފް ކަސްޓަޑީގެ ކަންތަކުގައި ސުޕްރީމް ކޯޓުން ނެރުނު ޕްރެކްޓިސް ޑައިރެކްޝަނާއެކު އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ފަށައިފާނެ ކަމަށް ބެލެވެން ފަށައިފިއެވެ.

ސުޕްރީމް ކޯޓުން މިއަދުވަނީ ޗެއިން އޮފް ކަސްޓަޑީގެ ކަންތަކުގައި ޕްރެކްޓިސް ޑައިރެކްޝަނެއް ނެރެފައެވެ. އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ސޮއި ކުރައްވާ ނެރުނު މި ޕްރެކްޓިސް ޑައިރެކްޝަންގައި ވިދާޅުވެފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުން ފުރިހަމަކުރަން ޖެހޭ ޗެއިން އޮފް ކަސްޓަޑީގެ މައްސަލައެއް ޝަރީއަތުގައި ފެންމަތިވެއްޖެ ހާލަތެއްގައި އެ ޗެއިން އޮފް ކަސްޓަޑީއަކާ ގުޅޭ ފުލުހުން ކޯޓަށް ހާޒިރުކޮށްގެން ޗެއިންގެ ސައްހަކަން ކަށަވަރު ކުރެވޭނެ ކަމަށެވެ.

މި ޕްރެކްޓިސް ޑައިރެކްޝަނާ ގުޅިގެން، އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސަވިސް ކޮމިޝަނުން ބަލައިފާނެ ކަމަށް ބެލެވެނީ މި ޕްރެކްޓިސް ޑައިރެކްޝަން ގާނޫނުއަސާސީއާ ހިލާފު ކަމަށް ޖޭއެސްސީގެ މެންބަރަކު ވިދާޅުވުމާއެކުއެވެ.

ވަކީލުންގެ ފަރާތުން ޖޭއެސްސީ ތަމްސީލު ކުރައްވާ މެމްބަރު އަބްދުލް މާނިއު ހުސެއިން ފޭސްބުކްގައި މިއަދު ލިޔުއްވީ، ޕްރެކްޓިސް ޑައިރެކްޝަން ނެރުމަކީ ސްޕްރީމް ކޯޓަށް އެއްވެސް ގާނޫނަކުން ދީފައި އޮތް ބާރެއް ނޫން ކަމަށެވެ.

ގާނޫނުއަސާސީގެ 142 ގައި ބަޔާންކޮށްފައި ވަނީ ފަނޑިޔާރުން އަމަލުކުރާނީ ގާނޫނުއަސާސީ އާއި ގާނޫނަށް ކަމަށެވެ. ޕްރެކްޓިސް ޑައިރެކްޝަން ނެރުމަކީ އެއްވެސް ގާނޫނަކުން ދީފައި އޮތް ބާރެއް ނޫނެވެ. މި ފަދައިން ޕްރެކްޓިސް ޑައިރެކްޝަން ނެރުމަކީ ގާނޫނުއަސާސީގެ 141ގެ (ނ)އާ ވެސް ހިލާފުކަމެކެވެ. ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަކީ ސްޕްރީމް ކޯޓުން ވިޔަސް ކޮށްގެން ވާނެ ކަމެއް ނޫނެވެ. ސްޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަނަކީ ގާނޫނުއަސާސީގެ 143ގެ (ރ) އަށް ފެއްތޭނެ އެއްޗެއް ވެސް ނޫނެވެ. އެއަށް ދަށު ކޯޓުން ތަބާވާން ނުޖެއްސޭނެއެވެ. މި ނުކިއްސަރު ހަރަކާތް ސްޕްރީމް ކޯޓުން ވަގުތުން ހުއްޓަން ޖެހެއެވެ.

ޗެއިން އޮފް ކަސްޓަޑީއާ ގުޅިގެން ސުޕްރީމް ކޯޓުން ޕްރެކްޓިސް ޑައިރެކްޝަނެއް ނެރުއްވުމުން، ޕްރެކްޓިސް ޑައިރެކްޝަން ނެރުމަކީ ސުޕްރީމް ކޯޓަށް އެއްވެސް ގާނޫނަކުން ލިބިދީފައިވާ ބާރެއް ނޫން ކަމަށް މާނިއު ވިދާޅުވިއިރު މީގެ ކުރިންވެސް ސުޕްރީމް ކޯޓުން ޕްރެކްޓިސް ޑައިރެކްޝަންތައް ނެރެފައިވެއެވެ. އެހެންނަމަވެސް މިހާތަނަށް އެއްވެސް ވަކީލަކު އެކަމާ ގުޅޭ ގޮތުން އާއްމުކޮށް އެއްޗެއް ވިދާޅުވިކަމެއް ފާހަގަ ކުރެވިފައެއް ނުވެއެވެ. 

މާނިއުގެ ފޭސްބުކްގައި އޭނާގެ ހިޔާލު މިކަމުގައި ފާޅު ކުރައްވާފައި އޮތަސް، ޖޭއެސްސީން ރަސްމީ ސިފައެއްގައި މިކަމާމެދު އެއްވެސް އެއްޗެއް އަދި ބުނެފައެއް ނުވެއެވެ.

ޗެއިން އޮފް ކަސްޓަޑީއަކީ މައްސަލަތަކުގައި ފުލުހުން ހޯދާ ހެއްކި، އެކަކު އަތުން އަނެކަކު އަތަށް ހަވާލުކުރުމުގައި ނުވަތަ އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި އެތަކެތި ހަވާލުކުރާ ފަރާތާއި، ހަވާލުވާ ފަރާތުގެ މައުލޫމާތާއި، ތާރީހާއި، ގަޑި ލިޔެ، ރިކޯޑްކުރާ ރަސްމީ ލިޔުންތަކެވެ.

63%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް