ތިލަމާލެ ބްރިޖު މަސައްކަތައް ވިލިމާލެ އިރުމަތީފަރާތު ފަރާއި ދިމާލުގައި ގާއިމުކޮށްފައިވާ ބްރިޖު ޕްލެޓުފޯމެއް ހައްޔަރުން ނެއްޓި ވިލިމާލެ އިރުމަތީ ފަރަށް އުރިފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 16 ވަނަ ދުވަހު އެވެ. ޕްލެޓުފޯމު އެތަނުން ނުނަގާ ލަސްވާ މައްސަލާގައި އެތައް ބަޔަކު ފާޅުކުރަމުންދިޔަ ކަންބޮޑުވުންތަކަށް ފަހު އެތަނުން ޕްލެޓުފޯމު ނެގުނީ 12 ދުވަސް ފަހުންނެވެ. ޕްލެޓުފޯމު ނަގާ އީޕީއޭއިން ކުރި ދިރާސާތަކުން ފަރަށް ބޮޑެތި ގެއްލުންވެފައިވާކަން ފާހަގަ ކުރެވިފައިވެ އެވެ.
އެކަމާއި ގުޅިގެން އީޕީއޭއިން ކުރި ދިރާސާ އަށް ފަހު އެފްކޮން އަށް ރިޕޯޓް ހުށަހެޅުމުން އެ ކުންފުނިން ވަނީ އެ ރިޕޯޓް ބަލައިގަތުމަށް ދެކޮޅު ހަދާ، އެކުންފުނިން އަމިއްލަ އަށް ލިބުނު ގެއްލުމުގެ ދިރާސާ ކުރުމަށް ނިންމާފަ އެވެ. އަދި އެކަން ކުރުމަށް އެ ކުންފުންޏަށް ހުއްދަ ދިނުމަށްވެސް އީޕީއޭއިން ނިންމި އެވެ.
އެފްކޮން އަށް އަމިއްލަ އަށް ދިރާސާ ކުރުމުގެ ހުއްދަ ދިނުމަށް އީޕީއޭއިން ނިންމުމުން އެކަށް ގިނަބަޔަކު ވަނީ ފާޑު ކިޔާފަ އެވެ. އަދި އެކަން ކުރަނީ ސަރުކާރުން އިންޑިއާއަށް ބަރޯސާވާވަރު ބޮޑުކަމުން ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.
އެކަމާއި ގުޅިގެން "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް މިއަދު ވިދާޅުވީ، އެފްކޮން އަށް ދިރާސާ ކުރުމުގެ ހުއްދަ ދިން ކަމުގައި ވީނަމަވެސް، އީޕީއޭއިން ކަންކަން ނިންމާނީ އީޕީއޭއިން ކުރާ ދިރާސާތަކަށް ބަލައިގެން ކަމަށެވެ.
އިންޑިއާގެ އެފްކޮން ކުންފުނިން ބޭނުން ކުރަމުން ދިޔަ ޕެލްޓްފޯމް ކަނޑައިގެން ގޮސް ފަރަށް ގެއްލުންވުމުން، އެ ކުންފުންޏަށް އީޕީއޭއިން ފިޔަވަޅު ނާޅާނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ. އަދި އެކަން ނުކުރުމަށް ސަރުކާރުންވެސް އީޕީއޭއަށް އެންގި ކަމަށް ބައެއް ފަރާތްތަކުން ދިޔައީ ތުހުމަތު ކުރަމުންނެވެ.
އެހެން ނަމަވެސް އީޕީއޭ އަދި، ސަރުކާރުންވެސް ވަނީ ވަކި ގައުމެއްގެ ކުންފުންޏަކަށް ވުމުން ފިޔަވަޅު ނާޅާ ދޫ ނުކުރާނެ ކަމަށާއި، ހެދިފައިވާ ގަވައިދުތައް ހުރިހާ ފަރާތްތަކެއްގެ މައްޗަށްވެސް ހިނގާނެ ކަމަށް ބުނެފަ އެވެ.