
ސައުދީ ސަރުކާރުގައި ދިވެހި ސަރުކާރުން، ހައްޖު ކޯޓާ އިތުރުކޮށްދިނުމަށް އެދުނު އެދުމަށް އިޖާބައެއް ދެއްވާފައިނުވާކަން އެނގުނީ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު، އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރަށް ކުރެއްވި ސުވާލާ ގުޅިގެން މިނިސްޓަރު ދެއްވި ޖާވަބުންނެވެ.
ލިޔުމުން މިނިސްޓަރުގެ ޖަވާބެއް ހޯއްދެވުމަށް މެންބަރު އިބްރާހީމް ރަޝީދު އައްސަވާފައިވާ ސުވާލަކީ ކޮންމެ އަހަރަކުވެސް ދިވެހިރާއްޖެއަށް ނިސްބަތުން ލިބޭ ކޯޓާއަށްވުރެ އިތުރަށް އާ ކޯޓާ ލިބެމުން ދިޔަނަމަވެސް 1443 ވަނަ އަހަރު އާ ކޯޓާ ރާއްޖެއަށް ލިބިފައިނުވާއިރު، ރާއްޖެއަށް ލިބޭ ކޯޓާގެ މިންވަރު އިތުރު ކުރުމަށް ކުރެވުނު މަސައްކަތަކީ ކޮބައިތޯއާ އިތުރު ކޯޓާ ނުލިބުނު ސަބަބަކީ ކޮބައިތޯއެވެ. މީގެ ޖަވާބުގައި އިސްލާމިކް މިނިސްޓަރު ފޮނުއްވި ސިޓީން އެނގުނު ގޮތުގައި ސަރުކާރުގެ އެދުމަށް 2 އަހަރުވީ އިރުވެސް ސައުދީން އިޖާބައެއް ދެއްވާފައެއް ނުވެއެވެ.
މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވީ ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ކޯޓާގެ އަދަދުކަމުގައިވާ 1000 ކޯޓާގެ އިތުރުން 1500 ކޯޓާ އިތުރުކޮށް ޖުމްލަ 2500 ކޯޓާ ހޯދުމަށް 2020 ވަނަ އަހަރުގެ ޖަނަވަރީ މަހު އެދިފައިވާނެ ކަމަށެވެ. އެހެންނަމަވެސް މިނިސްޓަރުގެ ޖަވާބުން އެނގުނު ގޮތުގައި ސައުދީ ސަރުކާރުން އެކަމާ ގުޅިގެން އެއްވެސް ޖަވާބެއް ދިންކަމެއް އެނގިފައެއް ނެތެވެ.
16 ޖަނަވަރީ 2020 ގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހް، އަރަބި ބަހުން ސައުދީ ރަސްގެފާނަށް ސިޓީފުޅެއް ފޮނުއްވާފައިވެއެވެ. މި ސިޓީފުޅާ ގުޅިގެން ސައުދީން އެއްވެސް ޖަވާބެއް ލިބިފައިވޭތޯ ބެލުމަށް 8 ފެބްރުއަރީ 2022 ގައި މިނިސްޓްރީންވާނީ ރައީސް އޮފީހަށް ސިޓީއެއް ފޮނުވާފައެވެ. އަދި މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވޭތޯ ބެލުމަށް އެކި ފަހަރު މަތިން ފޮރިން އެފެއާޒާވެސް މުއާމަލާތް ކުރެވިފައިވާނެއެވެ.