ގިނަބައެއް ހުވަފެން ތަރުޖަމާކުރާއިރު އެމީހެއްގެ އަގީދާއާއި ވަރަށް ބޮޑު ގުޅުމެއް ބާވައެވެ. ނަމަވެސް ސައިންސުވެރިންނާއި ދިރާސާ ކުރާ މީހުންގެ ނަޒަރުގައި ވެސް ހުވަފެނަކީ ތަރުޖަމާކުރެވިދާނެ އެއްޗެއްތޯ ބަލައިލުން ވެސް މުހިންމެވެ. އެމީހުންގެ ތަރުޖަމާއަކީ ވެސް ކޮބައިތޯ ބަލާލެވިދާނެއެވެ.
ހުވަފެނަކީ އެއްވެސް ރޭވުމެއް ނެތި ފެންނައެއްޗެއް ކަަމަކަށް ބައެއް ސައިންސުވެރިން ވެސް ގަބޫލެއް ނުކުރެއެވެ. "ވެން ބްރެއިންސް ޑްރީމް" މި ފޮތުގައި ޑރ. އެންޓޭނިއޯ ޒާޑްރާ ބުނެފައިވާގޮތުން ހުފަފެނެއް ބިނާވަނީ އެމީހެއްގެ ކަންބޮޑުވުމާ، އެމީހަކު ދުނެޔެއާއި މެދު ދެކޭގޮތާއި އެމީހަކު އަމިއްލަ ނަފްސާމެދު ދެކޭ ގޮތެއްގެ މައްޗަށެވެ.
ހުވަފެން ދެކޭ ވަގުތު ސިކުނޑިއަށް ވަނީ ކިހިނެތް؟
ދިރާސާއަކުން ދައްކާގޮތުގައި 2020 ވަނަ އަހަރުގެ ލޮކްޑައުންގައި ގިނަބަޔަކު ވަނީ ސޯސަލް ޑިސްޓެންސިން އާ، ޕީޕީއީ އާއި އަދި މިނޫންވެސް މިފަަދަ ކާރިސާއާއި ގުޅުން ހުރި ބައެއް ތަކެއްޗާ ގުޅޭގޮތުން ވެސް ހުވަފެން ދެކިފައެވެ.
ދެން ސުވާލަކީ ހުފަފެނާއި އާންމު ދިރިއުޅުމުގައި ހިނގާ ކަންތައްތަކާ ގުޅުމެއް ވާނަމަ، ތާކުންތާކު ނުޖެހޭ ނުވަތަ ބުއްދިއަށް ގަބޫލުނުކުރެވޭ ކަންތައްތަކެއ ހުވަފެނުން ފެންނަނީ ކީއްވެތޯއެވެ؟ މިސާލަކަށް އުދުހޭތަން ވެސް ހުވަފެނުން ފެނިދާނެއެވެ. މިކަމާ ގުޅޭގޮތުން "ކޮމިޓީ އޮފް ސިލީޕް" ލިޔެފައިވާ ޑރ. ޑިއޭޑްރާ ބްރެޑް ބުނެފައިވަނީ، އެންމެ ގިނައިން ހަނދާންވާ ހުފަފެން ފެންނަނީ ލޮލުގެ ކަޅި ނިދާފައި އޮވެގެން ތަޅުވާ ވަގުތުތަކުގައި ކަަމަށެވެ. އެ ވަގުތަކީ ސިކުނޑީގެ 'ސެކަންޑަރީ ވާޗުއަށް ކޯޓެކްސް' އެންމެ ބޮޑަށް މަސައްކަތްކުރާ ވަގުތެވެ. މި ބަޔަކީ ސިކުނޑީގައި ހިޔާލުތަކާއި ހަނދާންތަކާއި އެންމެ ގުޅިފައިވާ ބައެވެ. ސިކުނޑީގައި ލޮޖިކާއި ލަދުވެތިކަން ފަދަ އިހުސާސްތަކާ ގުޅިފައިވާ ބައި 'ޕެރެފްރޮންޓަލް ކޯޓެކްސް' ގެ މަސައްކަތް މި ވަގުތުގައި މަޑުޖައްސާލައެވެ.
ހުވަފެނުން ބުނެދެނީ ކީކޭ؟
ޑރ. ޒަޑްރާ ބުނާގޮތުން ހުވަފެނުން ފެންނަނީ ކަނބޮޑުވާ ކަންކަމެވެ. މިގޮތުން ހަނދާންތަކުގެ ތެރެއިން އެންމެ ކަންބޮޑުވާ އަދި ދެރަވާ ކަންކަން ބަލައި، އެކަންކަން ދިމާވެއްޖެ ނަމަ ހަށިގަނޑު އަމަލުކުރާނެ ގޮތް ސިކުނޑިން ޓެސްޓު ކުރެއެވެ.
މިހެންކަމުން ހުވަފެން ވެގެން ދަނީ އެތައް ސަތޭކަ ހިޔާލުތަކާ އައިޑިއާތަކުން ފުރިގެންވާ އެއްޗަކަށެވެ. ބައެއް ފަންނުވެރިން ވަނީ އެމީހުންނަށް ހުވަފެންތަކުގައި ފެނިފައިވާ ތަކެތި ފިލްމުތަކަށާއި، ލަވަތައް ފަދަ ތަކެތި ވެސް ތައްޔާރުކޮށްފައެވެ. މިގޮތުން ބީޓަަލްސްގެ މަޝްހޫރު ލަވަ 'ޔެސްޓަޑޭ' ގެ މިއުޒިކް ކޮޅަކީ ޕޯލް މެ ކާޓަނީ އަށް ހުވަފެނުން ފެނުނު މިއުޒިކެކެވެ.
ތިރީގައި މިވަނީ ޑރ. ޒާޑްރާގެ ނަޒަރުގައި ހުވަފެނެއް ފެނުމުން އެކަން ތަރުޖަމާކުރެވިދާނެ ބައެއް ގޮތްތަކެވެ.
ފަހަތުން ބަޔަކު/އެއްޗެއް ދުވާތީ ފެނުން: މީގެ މާނައަކީ އަމިއްލަ ސިއްހަތާމެދު ތިމާ ކަންބޮޑުވާކަމެވެ. ބައެއް ފަހަރު ކަމެއްގެ ވަގުތު ޖެހޭތީއާ، ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހަކާ ދުރަށް ދާން ބޭނުންވުންވެސް ހިމެެނެއެވެ. މިފަދަ ހުވަފެނަކުން ހޭލެވޭއިރު ވަރުބަލިވެފައި ވެސް ހުރެދާނެއެވެ.
އާގެއެއް ނުވަތަ ކޮޓަރިއެއް ފެނުން: ޑރ. ޒާޑްރާ ބުނާގޮތުން މިއީ ރަނގަޅު ހުވަފެނެކެވެ. އައި ގެއެއް ނުވަތަ ނުދަންނަ ތަނެއް ފެނުމަކީ ތިމާގެ އަމިއްލަ ނަފްސާމެދު އާއު ނަޒަރިއްޔާތަކުން ދެކޭކަމުގެ ހެއްކެކެވެ.
ތަނަކަށް ދާން ލަސްވެގެން އުޅޭތަން ފެނުން: މިފަދަ ހުވަފެނަކުން ބުނެދެނީ ކަންބޮޑުވުމާ މާޔޫސްކަމެކެވެ. ތިމާ ކުރަންޖެހޭކަމެއް ނުކުރުމުގެ ނަތީޖާ ނުވަތަ އެހެން މީހެއްގެ އަމަލުތައް ހުރި ގޮތެއްގެ ސަބަބުން ކަންބޮޑުވާ ކަންބޮޑުވުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.
ރަނގަޅަށް ތައްޔާރުނުވެ ހުރެ އިމްތިހާނެއްގައި ބައިވެރިވުން: މިއީ ތިމާއާއި ހަވާލުކޮށްފައިވާ މަސައްކަތެއް ވަގުތަށް ނުނިންމިދާނެތީ ނުވަތަ. ތިމާއާއި ވަށައިގެންވާ މީހުނާ އޮތް ގުޅުމާމެދު ސުވާލުތަކެއް އުފެދޭތީ ފެންނަ ހުވަފެނެކެވެ.
ދަތެއް ވެއްޓޭތީ ފެނުން: މިއީ ތިމާ އަމިއްލަ ނަފްސާމެދު ދެކޭގޮތް ގޯސްވުމާ، އެހެން މީހުން ތިމާއާއި މެދު ދެކޭގޮތް ގޯސްވާކަމަށް ހީވާތީ ފެންނަ ހުވަފެނެކެވެ. ނުވަތަ ތިމާ މުސްކުޅިވާކަމުގެ އިހުސާސް ކުރެވުމާއި، ކެއުމުގެ ރޫޓިން ބަދަލުވުމުގެ ސަބަބުން ވެސް ފެނިދާނެ ހުވަފެނެއް ކަމަށް ޑރ. ޒާޑްރާ ދެކެއެވެ.