
ގްރޭޑް 1 އަކަށް ދިޔުމުގެ ކުރިން ފައިޙާވަނީ ޟުހާ ސޫރަތުން ތިރީގެ ހުރިހާ ސޫރަތެއް ހިތު ދަސްކޮށްފައެވެ. ފައިޙާގެ މަންމަ ފަޒީނާ ހާމަކުރި ގޮތުގައި، ފައިޙާގެ ކިބައިން ޤުރުއާން ހިތުދަސްކުރުމަށް މިހާ ބޮޑު ޝައުގުވެރިކަމެއް ފެނުމުން، ޤުރުއާން ހިތުދަސްކޮށް ދިނުމަށް ވަރަށް ބޮޑަށް ބޭނުންވި ކަމަށެވެ. އެހެން ކަމުން ރަށުގައާއި އަތޮޅުގައާއި އަދި ގައުމީ ޤުރުއާން މުބާރާތް ތަކުގައިވެސް، ފައިޙާ މީގެ ކުރިން ބައިވެރިވެފައިވަނީ ނުބަލައި ކިޔެވުމުގެ ބައިންނެވެ. ބަލައިގެން ކިޔުމުގައި ބައިވެރިވި މިއީ ފުރަތަމަ ފަހަރެވެ.
"އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ބޭނުންވީ ޤުރުއާން ހިތުދަސްކުރުމަށް. އެގޮތަށް މަސައްކަތް ކުރަމުން އައީ" ފައިޙާގެ މަންމަ ކިޔައިދިނެވެ.
ފައިޙާގެ މިކާމިޔާބީ އަކީ ޤުރުއާން ކިޔެވުމުން އޭނާ ހޯދި މިފަދަ ފުރަތަމަ ކާމިޔާބެއް ނޫނެވެ. ގްރޭޑު 1 އިން ފެށިގެން ޤުރުއާން މުބާރާތްތަކުން ހޯދަމުން އައި ރަން ވަނަތަކަށް އިތުރުވި ބޮޅެކެވެ. ހދ. އަތޮޅު މަދަރުސާއިން ބާއްވާ މުބާރާތްތަކާއި، ވައިކަރަދޫ ކައުންސިލުން ބާއްވާ މުބާރާތްތަކާއި، އަތޮޅު ލެވެލްގެ މުބާރާތްތަކުގެ އިތުރުން ޤައުމީ ލެވެލްގައިވެސް ފައިޙާވަނީ މީގެ ކުރިން މިފަދަ ގިނަ ރަން ވަނަތައް ހޯދައިފައެވެ.
ޤުރުއާން އުނގެނުމަށް ފައިޙާ ބޭނުންވާވަރު އެނގުމުންނާއި، އެކަމުގެ ތެރޭގައި އުޅުން ވެގެންދިޔައީ، އެ މުޅި އާއިލާވެސް ޤުރުއާނަށް ލޯބިޖެހި އެކަމުގެ ތެރެޔަށް އިތުރަށް ވަދެވިގެންދިޔަ ސަބަބަކަށެވެ. ނަތީޖާއެއްގެ ގޮތުން ފައިޙާއަށް ޤުރުއާން އުނގަންނައި ދިނުމުގެ ތެރެއިން މަންމަ ފަޒީނާވެސް ޤުރުއާން އުންގަންނައި ދިނުމުގެ މަސައްކަތަށް ލޯބިޖެހި ކުދިންނަށް ޤުރުއާން އުނގަންނައި ދިނުމުގެ މަސައްކަތް ފެށިއެވެ. އަދި ކުލާހެއްގައި ކިޔަވައި ދިނުމަށްވެސް ދިޔައެވެ. ޤުރުއާން ކިޔަވައި ދިނުމުގެ ކޯސްވެސް މިހާރުދަނީ ފުރިހަމަ ކުރަމުންނެވެ. ފައިޙާގެ ކޮއްކޮ ޢައްމާރު ޢަބްދު ﷲ ޢަޤީލްވެސް އަންނަނީ، ދައްތަގެ ފަހަތުން ޤުރުއާން މުބާރާތް ތަކުގައި ވާދަކޮށް ވަނަ ހޯދަމުންނެވެ. ޢައްމާރުވަނީ މިފަހަރުގެ ހދ. އަތޮޅު މުބާރާތުގައި ކީ ސްޓޭޖު 2 އިން ނުބަލައި ކިޔުމުގެ ގޮފިން 3 ވަނަ ހޯދާފައެވެ.
ޤުރުއާނުން ފައިޙާއަށް ކާމިޔާބީތައް ހޯދައި ދިނުމުގައި ޤުރުއާން މުބާރާތްތަކަށް ތައްޔާރު ކޮށްދިނުމަށް އެހީތެރިވާ އެންމެހައި ޓީޗަރުންނާ އެކުވެރި ކުދިންނަށް ފައިޙާގެ ހިތުގެ ފުންމިނުން ޝުކުރު ދަންނަވަން ބޭނުންވެއެވެ. ރަށު ކައުންސިލާ މައިންބަފައިންގެ އެހީތެރިކަންވެސް ނުހަނު ލިބެއެވެ. ވަކިން ޚާއްސަކޮށް ފައިޙާގެ ތިއްތަ ވެދެއްވާ އެހީތެރިކަން ފާހަގަކޮށް، ހުރިހާ އެންމެންނަށް ޝުކުރު އަދާކޮށްފައިވެއެވެ.
ޤުރުއާން ކިޔަވައި އެ ދާއިރާއިން ކުރިޔަށް ދިޔުމަށް އުޅޭ ދަރިވަރުން ނިސްބަތުން މިހާރު މަދެވެ. މި ހުރިހާ ކަމަކަށްޓަކައި ފައިޙާއާ މެދު މުޅި އާއިލާ މިއަދު ފަޚުރުވެރިވެއެވެ. އިންތިހާ އުފާކުރެއެވެ.
"ވަރަށް ބޮޑަށް އުފާވޭ. ޤުރުއާނަށް ލޯބިކުރާ އެކަމުގެ ތެރެއިން ކުރިޔަށްދާން މަސައްކަތް ކުރާތީ. އަދި ކުރިއަށް އޮތްތާގައިވެސް ބޭނުން ޤުރުއާން ދަސްކޮށް އޭގެ ތަޢުލީމު އުނގަންނައިދޭ ކުއްޖަކަށް ފައިޙާވެގެން ދިއުމަށް" ސީއެންއެމަށް ފައިޙާގެ މަންމަ ކިޔައިދިނެވެ.
ނަމަވެސް، ވައިކަރަދޫގައި ޤުރުއާން ހިތު ދަސްކުރެވޭނެ ފަދަ ޕްރޮގްރާމެއް ހިންގާ ރަނގަޅު ފެންވަރުގެ ކުލާހެއް ނެތުމަކީ ފައިޙާއާއި ފައިޙާގެ މަންމައަށް މިކަމަށް އެޅުނު ހުރަހެވެ.
ހދ. އަތޮޅު މަދަރުސާގެ ގްރޭޑު 10 ގައި ކިޔަވަމުން އަންނަ ފައިޙާއަކީ އެ ސްކޫލުގެ ކެޕްޓަނެވެ. ފަޒީނާގެ އުންމީދަކީ ފައިޙާއަކީ ޤުރުއާން ހިތުދަސްކޮށް އެ ދާއިރާއިން ކުރިޔަށްގޮސް، ޤުރުއާނުގެ ޢިލްމު އުނގަންނައިދޭ ދަރިވަރަކަށް ފައިޙާވުމެވެ. މިއީ ފައިޙާގެވެސް އެންމެ ބޮޑު އުންމީދެވެ.