ads
ފުލުހުން އަންހެނަކަށް އަނިޔާކޮށްފައި ނުވޭ، ވީޑިއޯއިން ފެންނަނީ ފުލުހުން އޭނާ ޕޮލިސް ސްޓޭޝަނުން ނެރޭ މަންޒަރު
ފުލުހުން އަންހެނަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައިގެ ތަފްސީލް ހާމަކޮށްފި
ސ. ހުޅުމީދޫ ފުލުހުންގެ އިދާރާގައި ފުލުހުން އަންހެނަކަށް އަނިޔާކުރި ކަމަށް ބުނާ ވާހަކަ ދޮގުކޮށް އެ މައްސަލައިގެ ތަފްސީލް ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުން ބުނީ، އެ އަންހެންމީހާއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ފިރިހެނަކު ހައްޔަރުކުރުމުން އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކޮށް ފުލުހުންގެ އިދާރާގައި ހަމަނުޖެހުން ހިންގި މީހެއް ކަމަށެވެ.

 

މައުލޫމާތެއް ސާފުކުރަން ދިޔަ އަންހެނަކަށް އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތެރޭ އަނިޔާކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯ އާއި ގުޅިގެން ފުލުހުން ދާދި ދެންމެއަކު ނެރުނު ބަޔާނެއްގައި ބުނީ، އޭނާއަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ބުނާ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށެވެ. 

ފުލުހުން ނެރެފައިވާ ބަޔާނުގައިވާގޮތުން، އައްޑޫ ސިޓީގައި ޖަމާއަތް ހަދައިގެން ކުއްކުރާ ފަރާތްތަކަށް އަމާޒުކޮށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ސ. ހުޅުމީދޫގައި ޕެޓްރޯލް ކުރަމުންދިޔައިރު، 37 އަހަރުގެ ފިރިހެނެއްގެ ހަރަކާތްތައް ހުރިގޮތުން މަސްތުގެ ހާލަތުގައި ހުރިކަމަށް ޝައްކުކުރެވިގެން އޭނާ ހުއްޓުވައި ސުވާލުކޮށްފައިވާ ކަމަށެވެ.

”ފުލުހުން އޭނާ އާއި ސުވާލުކުރަމުންދިޔައިރު، 35 އަހަރުގެ އަންހެނަކު ވަނީ ފުލުހުންނަށް މައުލޫމާތުދޭން ނުޖެހޭނެކަމަށް ބުނެ ފުލުހުންނާއި، ހުއްޓުވި 37 އަހަރުގެ މީހާގެ ދެމެދަށް ވަދެ ފުލުހުންގެ ވާޖިބަށް ހުރަސް އެޅޭގޮތަށް މަސައްކަތްކޮށްފައެވެ. އަދި އެ ފިރިހެންމީހާ ޕޮލިސް ސްޓޭޝަނަށް ގެނައުމުން އެހެން އަންހެނަކާއިއެކު އެ އަންހެންމީހާ ޕޮލިސް ސްޓޭޝަނަށްވަދެ ވަނީ ފިރިހެންމީހާ ދޫކޮށްލުމަށް ބުނެ އަޑުގަދަކޮށް މަސްލަހަތު ނަގާލަައި ހަމަނުޖެހުން ހިންގާފައެވެ،“ފުލުހުންގެ ބަޔާނުގައި ވެއެވެ.

ބަޔާނުގައި ބުނީ، ވީޑިއޯއިން ފެންނަ އަންހެނަކު ސްޓޭޝަނުން ނެރޭ މަންޒަރަކީ، އެ އަމަލު ހުއްޓާލައި ޕޮލިސް ސްޓޭޝަނުން ނިކުތުމަށް އެންގުމުންވެސް އެކަމަށް އިންކާރުކޮށްފައިވާތީ ފުލުހުންނަށް ގާނޫނޫން ލިބިދޭ ބާރުގެ ދަށުން އެމީހުން ނެރުމަށް މަސައްކަތްކުރަމުންދާތަން ކަމަށެވެ.

ވީޑިއޯއިން ފެންނަގޮތުން އެ އަންހެންމީހާ ނެރެން މަސައްކަތްކުރުމުންދިޔަ އަންހެން ފުލުހުންގެ ގައިގާ އަންހެންމީހާ ކޮޅުފައިން ޖަހައެވެ. ފުލުހުން މިރޭ ނެރުނު ބަޔާނުގައި ބުނީ އެމީހުން ނެރެން މަސައްކަތްކުރުމުން ފުލުހުންގެ ގަޔަށް އަތްލާ ހާދާފައިވާއިރު، އެ ފުލުހުންނަށް އެކިވަރުގެ އަނިޔާތައްވެސް ލިބިފައިވާ ކަމަށެވެ.

ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ފުލުހުންގެ ގަޔަށް އަތްލައި ހަަމަނުޖެހުން ހިންގާފައިވާތީ އެމައްސަލަ ބަލަމުންދާ ކަމަށާއި، އެކަމުގައި ފުލުހުން އަމަލުކޮށްފައިވާގޮތް ބަލައި އެކަން ބަލަމުންދާ ކަމަށް ބަޔާނުގައި ވެއެވެ.

އައްޑޫ ސިޓީގައި މަސްތުވާތަކެތީގެ މައްސަލައާއި ގޭންގު ހަދައިގެން މީހުން މެރުންފަދަ ބޮޑެތި ކުށްތައް ކުރުން އާއްމުވެފައިވާތީ ފުލުހުންދަނީ އެކަން ހުއްޓުވުމުގެ ގޮތުން އެ ސިޓީގައި ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުން ނެވެ. 

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް