ޔޫކްރެއިންގެ ވެރިރަށް ކިއެވްގެ އެޕާޓްމަންޓް އިމާރާތަކަށް ޑްރޯން ހަމަލާދިނުމާ ގުޅިގެން ހަތަރު މީހަކު ވަނީ މަރުވެފައެވެ. އެ ހަމަލާތަކުގެ ސަބަބުން ބައެއް އަވަށްތަކުގެ ކަރަންޓު ވެސް ވަނީ ކެނޑިފަ އެވެ.
ޔޫކްރެއިންގެ ރައީސް ލަޑިމިއަ ޒެލެންސްކީ ރޭ ދެއްވި ތަގުރީރުގައި ވިދާޅުވީ ވައިގެ ހަމަލާތައް މިހާރުވެސް ދެމުން އަންނަ ކަމަށެވެ.
ޔޫކްރެއިން އިން ބުނީ މި ހަމަލާތައް ދީފައި ވަނީ އީރާނުން ގަނެފައިވާ ކަމަށް ބުނާ "ކަމިކާޒޭ" ޑްރޯން، ޝަހީދު-136 ބޭނުންކޮށްގެން ކަމަށެވެ. ތެހެރާނުގެ އޮފިޝަލުން ވަނީ އެ ހަތިޔާރު ރަޝިއާއަށް ވިއްކި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފަ އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ޕްރެސް ސެކްރެޓަރީ ކެރިން ޖީން ޕިއެރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ރަޝިޔާއިން ދިން މިސައިލް ހަމަލާތައް ވައިޓް ހައުސްއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެ ހަމަލާއިން ދައްކުވައިދެނީ ރަޝިއާގެ ރައީސް ޕޫޓިންގެ އަނިޔާވެރިކަން ކަމަށެވެ.