'މިޔަހެލި' އަކީ 2016 ވަނަ އަހަރުން ފެށިގެން ޔޫއެންޑީޕީ މޯލްޑިވްސް އާއި އުރީދޫ މޯލްޑިވްސް ގުޅިގެން އެހެނިހެން ފަރާތްތަކުގެ އެހީއާއެކު ޒުވާނުން ބާރުވެރިކުރުވާ އިޖުތިމާއީ ކަންކަމަށް ހައްލުހޯދުމުގެ މަގުސަދުގައި ބާއްވާ ސޯޝަލް އިނޮވޭޝަން ޗެލެންޖެކެވެ. މިއަހަރުގެ ޝިއާރަކީ "ޕީޕަލް، ޕްލެނެޓް އެންޑް ޕްރޮސްޕެރިޓީ"'(މީހުން, ދުނިޔެ އަދި ފާގަތިކަމަށްޓަކައި އުފެއްދުންތެރިކަން)'. މިއެވެ.
މިހާތަނަށް އިންތިޒާމުކުރެވުނު މިޔަހެލި ސޯޝަލް އިނޮވޭޝަން ޗެލެންޖުތަކަކީ ޒުވާނުންނަށް އަމާޒުކުރެވިގެން ހިންގާފައިވާ ޕްރޮގްރާމްތަކެކެވެ. އަދި ކޮންމެ އަހަރަކުވެސް މިޔަހެލި ކާމިޔާބުކުރާ ޒުވާނުންނަށް އެފަރާތްތަކުން ހުށަހަޅާފައިވާ މަސައްކަތްތައް ހަ މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި ޕައިލެޓް ކުރުމަށް ސީޑް ފަންޑިންގް ފޯރުކޮށްދެވިފައިވެއެވެ.
މިޔަހެލި 2022 ގައި އައު އީޖާދުތަކާއި ހައްލުތައް ހުށަހެޅުމަށް ހުޅުވާލެވިފައިވަނީ "ޕީޕަލް، ޕްލެނެޓް އެންޑް ޕްރޮސްޕެރިޓީ" މި ޝިއާރުގެ ދަށުންނެވެ. މި ޝިއާރުގެ އަމާޒަކީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގެ ގޮތުން ބަދަލުތައް ގެންނާނެ މީހުންނާއި ތަޖުރިބާކާރުންނާއި، ދުނިޔެ އަދި ތަރައްގީގެ ރޮނގުތަކުން ބަދަލުތައް ގެންނާނެފަދަ އީޖާދީ ހިޔާލުތައް އެއްތަންކުރުމުގެ ނިޔަތުގައި މަސައްކަތްކުރުމެވެ. އަދި މި ސޯޝަލް އިނޮވޭޝަން ޗެލެންޖުގެ މަގްސަދަކީ މި ޕްރޮގްރާމުގެ ބައިވެރިންގެ ފަރާތުން މުޖުތަމައުގައި ހަވާސާކުރެވިފައިވާ ފަރާތްތަކަށް އެއްހަމައެއްގައި ފުރުސަތުތައް ހޯދައިދީ، އެފަރާތްތަކުގެ ބައިވެރިވުން އިތުރުކޮށް، ސައިންސަށް ބިނާކޮށް ތިމާވެއްޓަށާއި މުޖުތަމައުއަށް ދިމާވާ މައްސަލަތަކަށް ފައިދާ ހުރި ހައްލު ހޯދުމުގެ ގޮތުން އައު ވިސްނުމެއްގައި މަސައްކަތްކުރުމެވެ.
ކުރިން އަހަރުތަކާއި ހިލާފަށް، މިޔަހެލި ސޯޝަލް އިނޮވޭޝަން ޗެލެންޖު 2022 ހުޅުވާލެވިފައިވަނީ މަދަނީ ޖަމުއިއްޔާތަކަށެވެ.