ތިން ދުވަހަށް ބަހާލައިގެން އޮންލައިންކޮށް ކުރިއަށް ގެންދެވުނު މި ބައްދަލުވުންތަކުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނުގެ ރައީސް، ނާއިބު ރައީސް، މެންބަރުން އަދި ސީނިއަރ މެނޭޖްމެންޓް ޓީމުގެ ބޭފުޅުންނެވެ.
މި ބައްދަލުވުމުގައި ސިޓީ ކައުންސިލް އިދާރާތަކައި އަތޮޅު އަދި ރަށު ކައުންސިލް އިދާރާތަކައި ގުޅުން ހުރި ކޮމިޝަނުގެ އޮގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް އެންޑް ރިފޯމް ޑިވިޝަން، ރެކްރޫޓްމަންޓް ޑިވިޝަން އަދި ޕަރފޯމަންސް މެނޭޖްމަންޓް ޑިވިޝަނުން މިވަގުތު ކުރަމުންދާ އަދި މުސްތަގުބަލަށް ރޭވިފައި ހުރި މަސައްކަތްތަކައި ގުޅޭ ގޮތުން ވަނީ މައުލޫމާތު ހިއްސާކުރެވިފައެވެ. މީގެ އިތުރުން ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާގުޅޭ ގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައެވެ.
މި ބައްދަލުވުންތަކުގެ މައިގަނޑު މަގްސަދަކީ ކައުންސިލްތަކަށް އިންތިހާބުވެފައިވާ މަންދޫބުންނާނައި އިދާރާތަކުގައި މަސައްކަތްކުރަމުން އަންނަ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައި ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ދެމެހެއްޓެނެވި ގޮތެއްގައި ރަނގަޅު ކުރުމެވެ.
ކުރިޔަށް އޮތްތަނުގައިވެސް މިފަދަ ސިލްސިލާ ބައްދަލުވުންތަކެއް ކޮމިޝަނުން އިންތިޒާމްކޮށްގެން އިންޓަރެކްޓިވްގޮތެއްގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.