ads
ރައީސްގެ ބައްދަލު ކުރެއްވުމުގެ ތެރެއިން
ސިނާއީ ދާއިރާގެ ބޭފުޅުންނާ ރައީސް ބައްދަލުކުރައްވައިފި
ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތުގައި ހުރި ކަންބޮޑުވުންތައް، މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ)އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާ ހިއްސާ ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
Advertisement

މިބައްދަލުވުމުގައި މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހް ވަނީ، އިމާރާތް ކުރުމުގެ ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރެއްވުމުގައި ސަރުކާރުގެ ފަރާތުން އެއްބާރުލުން ލިބެމުންދާކަން ފާހަގަ ކުރައްވައި، މަސީއިން ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ.

މިބައްދަލުކުރެއްވުމުގައި، ދުނިޔޭގެ އިގްތިސާދަށް އަންނަމުންދާ ލޮޅުންތަކާއެކު ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، އަދި ސަރަހައްދުގެ ގައުމުތަކުންވެސް އެގައުމުތަކުގައި އަޅާ ފިޔަވަޅުތަކާ ގުޅޭގޮތުން މަސީއިން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް މައުލޫމާތު ހިއްސާކުރައްވާފައެވެ. މިގޮތުން މަސީން ފާހަގަކުރެއްވި މުހިއްމު ކަންކަމުގެ ތެރޭގައި، ކޯވިޑާއި އަދި ރަޝިޔާ-ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން އިންފްލޭޝަން މަތިވެ، ދުނިޔޭގެ ބާޒާރުގައި އިމާރާތްކުރުމަށް ބޭނުންކުރާ މައިގަނޑު ތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން، ކޮންޓްރެކްޓަރުންނަށް ލިބޭ ގެއްލުންތަކާއި، ޑޮލަރުގެ ދަތިކަމާއި، މަޝްރޫއުތައް ހިންގުމަށްފަހުގައި ކުންފުނިތަކަށް ލިބެން ޖެހޭ ފައިސާ މިހާރަށްވުރެވެސް އަވަހަށް ލިބޭނެ ގޮތެއް ހަމަޖެހުމާއި، ކުންފުނިތަކަށް ދިމާވާ މާލީދަތިތަކަށް ބޭންކިންގ ނިޒާމްގެ ތެރެއިން ލުޔެއް ހޯދުމާއި، ލޭބަރުން ލިބުމުގައި ހުރި ދަތިތަކާއި، ޖީއެސްޓީ ދެއްކުމުގައި މިހާރު ދިމާވާދަތިތައް ހައްލު ކުރުމާއި، ރިއަލް އެސްޓޭޓް ވިޔަފާރީގައި ހުރި ދަތިތައް ހިމެނެއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަސީއިން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. މިގޮތުން މިހާރުވެސް ކޮންޓްރެކްޓަރުންނަށް އަވަހަށް ފައިސާ ދޫކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި މިނިސްޓްރީތަކުން ކަންކަން ހައްލުކުރެއްވުމަށްޓަކައި ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާކަންވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މިބައްދަލުވުމުގައި މަސީގެ ފަރާތުން މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހް ވަނީ، މިއަހަރުގެ ނޮވެމްބަރު މަހުގެ 15އިން 19އަށް ޕެރަޑައިސް އައިލެންޑް ރިޒޯޓުގައި ބާއްވާ، އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަރން ޕެސިފިކް ކޮންޓްރެކްޓަރސް އެސޯސިއޭޝަން (އިފޮޕްކާ)ގެ 45 ވަނަ ކޮންވެންޝަން ޝަރަފްވެރިކޮށްދެއްވުމުގެ ދައުވަތު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ. އަދި ކޯވިޑާ ގުޅިގެން އިމާރާތްކުރުމުގެ ދާއިރާއަށް ކުރިމަތިވި ކަންކަމާ ގުޅޭ ރިޕޯޓަކާއި، ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތަކާ ގުޅޭ ގޮތުން މަސީން ހަތްބަހަކުން ލިޔެފައިވާ ފޮތުގެ ތެރެއިން ދިވެހިބަސް އެކުލެވޭ ފޮތް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައެވެ.

މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ)އަކީ، ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތައް ބައިވެރިވާ ޖަމިއްޔާއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް