ads
ރާއްޖޭގެ ލީގު މެޗެއްގެ ތެެރެއިން
ލާމަރުކަޒު ކުރުން، އަތޮޅު ލީގް އުފެއްދުން، ހުއްޓިފައި!
މިއަދު ދުނިޔޭގައި، ކޮންމެ ގައުމެއްވެސް، އެގައުމަކާ އެކަށީގެންވާ މޮޅު ކުޅިވަރު ނިޒާމެއް ގާއިމް ކުރަންމަސައްކަތް ކުރެއެވެ. މޮޅު ކުޅިވަރު ނިޒާމެއް ގާއިމްކުރަން މަސައްކަތްކުރަނީ، ކުޅިވަރަކީ ދޭދޭ ގައުމުތައް މިނާލުމަށް ގެންގުޅޭ މިންގަނޑަކަށްވެސް ވާތީ އެވެ.

މިސާލަކަށް، ފުޓުބޯޅައިގެ އަންހެން އަދި ފިރިހެން އުމުރުފުރާގެ ޓީމްތަކުގެ ނަތީޖާތައް ސަރަހައްދީ ފެންވަރުގައި ވެއްޓެމުން ދާ ތީވެ އާއްމުން ކަންބޮޑުވެއެވެ. 

your imageޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު މަޖިލިސްގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ -- ފޮޓޯ / މަޖިލިސް

ނިމިގެން ދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލިހުން ކުޅިވަރު ވަޒީރާ ސުވާލުކުރި އެވެ. މީޑިއާތަކުގައިވެސް މިހަބަރު ގިނަވި އެވެ. ގައުމީ ކުޅިވަރު ނިޒާމެއް ގާއިމްކުރަން ބޭނުންވާ އެހެން އަސާސީ ސަބަބުތައްވެސް ހުރެ އެވެ. އެއީ، ކުޅިވަރަކީ ރައްޔިތުންގެ ދުޅަހެޔޮކަމާއި، މުނިފޫހިފިލުވުމުގެ (ރީ-ކްރިއޭޝަންގެ) ވަސީލަކަށް ވާތީވެ ކުޅިވަރުގައި ބައިވެރިވުން އިތުރުކުރަން ބޭނުންވާތީ އެވެ. ވަޒީރު ވިދާޅުވަނީ، ގިނަ ދަނޑު އެޅިވަރަކަށް ރަނގަޅުވާނެކަމަށާއި، އައުޓްޑޯ ޖިމްތައް އިންޑޯ ޖިމްތަކަށް ބަދަލުކުރަންވީކަމަށެވެ!

ކުޅިވަރަކީ، މިއަދު "ގްލޯބަލް ޝަގާފަތެކެވެ". ގައުމީ ސަހްސިއްޔަތު މިނާލާ މިންގަނޑެކެވެ. ގައުމީ ރޫހު ރަމްޒުކޮށްދޭ ވަސީލަތެކެވެ. އިންގިރޭސި ވިލާތް، ސްޕެއިން، ބްރެޒިލް ފަދަ ގައުމުތަށް އަޅުގަނޑުމެނަށް ބޮޑަށް ފަރިތަވެފައި އޮންނަނީ މަޝްހޫރު، މޮޅު ފުޓުބޯޅަ ލީގްތަކުގެ ސަބަބުންނެވެ. ރާއްޖެއަކީވެސް މަޝްހޫރު ނޫން ގައުމެއް ނޫނެވެ. ރާއްޖެއަކީ ޓުއަރިޒަމް އަށް މަޝްހޫރު ގައުމެކެވެ. ޓުއަރިޒަމްއަށްވެސް މަޝްހޫރުވީ ދިވެހި ޓުއަރިޒަމްގެ ވެރިން، ދުނިޔޭގެ އެއްވަނަ ޑިވިޒަން އެރީތީ އެވެ. ދިވެހިންނަކީ ގާބިލް ބަޔެކެވެ!

ވީމާ، ރާއްޖެއަކީވެސް ދުނިޔޭގެ ފުޓުބޯޅައިގައި ގުނާލެވޭ ބަޔަކަށް ނުހެދޭނެއެކޭ ދެންނެވޭކަށްވެސް ނެތެވެ. ނުވަދިހައިގެެ އަހަރުތަކުންފެށިގެން އެއިރުގެ ތަރި ކުޑަމޫސަ (މޯނިންގްސަން މޫސާ މަނިކު) ފަދަ ކުޅުންތެރިންނަށް ކުވެއިތު، އަދި މެލޭޝިއާގެ ލީގުންވެސް ޝައުގުވެރިކަން ފައުޅުކުރި އެވެ. 

your imageމޫސަ (ކ) އޭނާގެ ކޮއްކޮ މުހައްމަދު ނަދީމްއާ އެކު:

އަދި މިފަހުން، ދަގަނޑޭ (އަޝްފާގު) ފަދަ ކުޅުންތެރިންނަށް އެއަށްވުރެ ދުރުން، ޔޫރޮޕްގެ ލީގަކުންވެސް ޝައުގުވެރިކަން ފައުޅުކުރި އެވެ. މިއީ މާލޭއަށް މަރުކަޒުކޮށްފައިވާ "ގައުމީ" ނިޒާމަކުން، އެންމެ ވިއްސަކަށް އަހަރުތެރޭ އުފެދުނު ތަރިންނެވެ. ލާމަރުކަޒުކޮށް، އަތޮޅު ލީގްތަކަށް ފުޓުބޯޅަ ފުޅާކުރެވިއްޖެނަމަ، މަންޒަރު މުޅިން ބަދަލު ވާނެ އެވެ. އެއިރުން ހަގީގީ ގައުމީ ލީގެއްގައި ހުރި ފެންވަރު ވަޒަންކޮށްލެވޭނެ އެވެ. އެތައް ތަރިންނެއް ވިދަން ފަށާނެ އެވެ. އަތޮޅުތަކަށް ފުޓުބޯޅަ ލާމަރުކަޒު ކުރުމަކީ، ސަރަހައްދުގައި ވާދަކުރަން ބޭނުންނަމަ، ކުޅިވަރު ނިޒާމް ބައްޓަންކުރެވެން ދެންއޮތް ގޮތެވެ.

ލީގެއްގެ ދަނޑުފޯރި އިތުރުވަނީ ހަމައެކަނި ވާލްޑްކަޕް ކާމިޔާބު ކޮށްގެނެއްނޫނެވެ. ލީގެއް މަޝްހޫރުވާނެ އެއްގޮތަށްވުރެ ގިނަ ގޮތް ހުރެ އެވެ. ވިސްނާލަންވީ މަޝްހޫރުކަން ހޯދާ ދަންޑުފުރާލާނެ ގޮތްތަކެވެ. މިސާލަކަށް، ދިވެހި ޓުއަރިޒަމްއަކީ ޔޫރޮޕްގައި މަޝްހޫރު ސިނާއަތެކެވެ. ޔޫރޮޕްކީ ފުޓުބޯޅަ ދަނޑުފޯރީގައި އަރާއޮތް ސަރަހައްދެކެވެ. ރާއްޖެފަދަ ގައުމެއްގެ ޖަޒީރާ ލީގް ބްރޭންޑިންގް އަކީ ޓުއަރިޒަމްއާއި ގުޅިގެން އެތަށް އާ ފުރުސޮތުތަކެއް އުފެއްދިދާނެ ބްރޭންޑިންގް އަކަށް ހެދިދާނެ އެވެ. މިސާލަކަށް ޖަޒީރާ ލީގެއްގައި، އޭދަފުށީ ސްޓޭޑިއަމްގެ ހޯމްޓީމަކީ "ބައޮސްފިޔާ ރިޒާވް" ޓީމަކަށް ހަދަން، އެސަރަހައްދުގެ ރިޒޯޓްތައް ޝައުގުވެރިވެދާނެ އެވެ.

ކުދިގައުމުތަކަށް ބޮޑެތި ގައުމުތަކާ ވާދަކުރެވިދާނެތޯއެވެ؟ 

ރާއްޖެއަކީ މާ ކަންޑެއްގެ މެދުގައި އޮތް ބޮޑު ޖަޒީރާ ގައުމެއް ނަމަވެސް މީސްކޮޅު މަދު ގައުމެކެވެ. އެހެންނަމަވެސް ފުޓުބޯޅަ ޓެލެންޓް ހުރި ގައުމެއްކަމުގައި އެތައްބަޔަކު ދެކެ އެވެ. ކުޅިވަރުގައި މޮޅުވާނީ އެކަމަށް ލިބޭ ސިޔާސީ ތާއީދު ގެ އޮއްޓަރު ހުރި މިންވަރުންނެވެ. އަދި އެކަމަށް އިންވެސްޓް ކުރެވޭ މިންވަރުންނެވެ. ރާއްޖޭގައި މިފަހަކުން ކުޅިވަރުގެ އުމްރާނީ (ކޮންކްރީޓް) ތަރައްގީއަށް ބޮޑު އިންވެސްޓްމަންޓެއް ކޮށްފި އެވެ. ރާއްޖޭގެ އަތޮޅުތަކުގައި ހެސްކިޔާފައި ދަނޑު އަޅައިފިއެވެ. 80 ވަރަކަށް ދަންޑު މާދުރުނޫން މުސްތަގްބަލެއްގައި ނިމިދާނެ އެވެ. ދަނޑެއްގެ ސަބް ބޭސް އަޅާލަން 2.5 މިލިއަން ހަރަދުވުމުން، ފަށއިގަންނަންވެސް 200 މިލިއަންރުފިޔާ ހަރަދުކޮށްފި އެވެ. ޓާފް އެޅުމުގެ ހަރަދު އަދި އޮތީ އެވެ. ގައުމީ ލީގެއް އުފަންކުރަން ބޭނުންވާ ދަނޑު އެޅެމުންދިޔަނަމަވެސް ލީގް ހިންގާނެ "އިޖްތިމާއީ އިންފްރާ ސްޓަކްޗާ" އެއް ނެތުމުން ކުޅިވަރު ލާމަރުކަޒުކަޒު ކުރެވޭ މިންވަރު ކުޑަ އެވެ. ގާނޫނުން މިކަން ހަވާލުކޮށްފައި އޮތީ ކުޅިވަރު ވަޒީރުގެ ބެލުމުގެ ދަށުން ގައުމީ ކުޅިވަރު ކައުންސިލާއި، ސްޕޯޓްސް ކޮމިޝަނަރަކާ އެވެ. 

your imageދިވެހި އަންހެން ފުޓްބޯޅަ ޓީމުގެ ބައެއް މެންބަރުން

މިހާރު ރާއްޖޭގައި ކުޅިވަރަށްހުރި އިދާރީ އިންތިޒާމްތައް ކުރިއަށްވުރެ ރަނގަޅު ނަމަވެސް، އިޖްތިމާއީ އިންތިޒާމްތައް ދަށެވެ. ކްލަބްތައް ފެންނަނީ އެސޯސިއޭޝަނަށް އަޅުވެތި ކޮށްފައިވާ ތަނެވެ. ދަރާފައި ވާތަނެވެ. ސްޕޯޓްސް ކައުންސިލާއި، ކޮމިޝަނަރުގެ އޮފީހުން ކުޅިވަރު ހިންގުންތެރިން އުފެއްދުމުގެ މާބޮޑު ފިކުރެއް އޮތްކަމަކަށް ނުފެނެ އެވެ. ތައުލީމާއި ތަމްރީންގެ އިންތިޒާމް ދަށެވެ. ގައުމީ ކުޅިވަރު އިންސްޓިތިއުޓެއް ހުރިނަމަވެސް ކުޅިވަރު ހިންގުންތެރިންނާއި، ލީޑަރުން ނެރެވޭތަނެއް ނުފެނެ އެވެ. ކުޅިވަރަށް ކުރާހޭދަ ބޮޑު ނުކުރެވެނީ، ކުޅިވަރަށްވުރެ އިސްކަންދޭންޖެހޭ އެހެން ކަންކަން ހުންނާތީކަމަށް ކުރިން ބުނެ އުޅުނުނަމަވެސް، މިއަދު ދަނޑު އެޅުމަށް އެތައް ސަތޭކަ މިލިއަނ ރުފިޔާހަރަދު ކޮށްފި އެވެ. ކުޅިވަރަށް ހަރަދުކުރެވެން ނެތްކަމަށް ސަރުކާރުން އުޒުރު ދައްކާތަނެއް މިހާރަކު ނުފެނެ އެވެ. ހަރަދު ކުރެ އެވެ. މިދައުރުގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ހޯސްޓްކުރަންވެސް ނިންމި އެވެ. ނަމަވެސް އެފަދަ އުއްމީދުތައް ހަގީގަތަކަށް ހަދަން ކުޅިވަރުގެ ދާއިރާއިން ތައުލީމާއި ތަމްރީން ހޯދާދިނިމުގެ ޕްރޮގްރާމެއްގެ އަޑެއް ނީވެ އެވެ. ރެފްރީ ކޯސް ހިންގިނަމަވެސް، ކަމަކާ ޖެހޭއިރު ރެފްރީން ގެންނަންޖެހެނީ ބޭރުންނެވެ. 

ވީމާ މިހާރު ކުޅިވަރުގައި ކުރިހޯދަން އެދޭނަމަ، ވިސްނަންވީ ކުޅިވަރު ގައުމީ ފެންވަރުގައި ފުޅާކުރާނެ އިންތިޒާމްތަކެއް ހޯދުމަށެވެ. ލާމަރުކަޒު ކުރުމަށެވެ. ބާތިލް ހިންގާ ގަވާއިދެއް ދަމަހައްޓަމުން ދާ އެފްއޭއެމް މިވަގުތު ބަރޯސާ ވާންޖެހިފައި މިއޮތީ މާލޭގެ އިދާރީ ދާއިރާއަށް މަރުކަޒުވެފައިވާ އިލެކްޓޯރަލް ކޮލެޖްގެ އެންމެ އަށް ޓީމް ގެމައްޗަށެވެ. އެފްއޭއެމް އިން މިއަހަރު ހުށަހެޅި އައު ފޯމެޓުން އަތޮޅުތަކަށް ތިން ޖާގަ، މާލެއަށް ނުވަ ޖާގަ އަކީ ވާދަވެރި ލީގެއްގެ ފޯމިއުލާއެއް ނޫންކަން ކުޑަކުއްޖަކަށްވެސް އެނގޭނެވެ. މިއީކީ ގާނޫނުވެސް ހުއްދަކުރާ ކަމެއް ނޫނެވެ. އެފްއޭއެމް އަށް ދެން ކުރި ހޯދޭނީ ޖަޒީރާ ލީގެއްގެ މަފްހޫމް ބަލައިގަނެގެންނެވެ. 

މިހާރު މިއޮތް ގޮތަށް ފުޓުބޯޅަ އިންތިޒާމް ކުރިއަށް ގެންދިއުމަކީ، ރޯމާދުވާލު ބަލަހައްޓައިގެން ތިބެ ދެރުމެވެ. އެސޯސިއޭޝަން އެވަނީ ކޯޗުންނަށް ދަރާފަ އެވެ. ކްލަބްތައް ވަނީ ކުޅުންތެރިންނަށް ދަރާފަ އެވެ. އެފްއޭއެމްގެ ކަރަޕްޝަނާހެދި، ހުދު ފީފާއިންވެސް އެ ސޯސިއޭޝަންގެމައްޗަށް އެދަނީ ފިޔަވަޅެއް ފަހު ފިޔަވަޅެއް އަޅަމުންނެވެ. ރާއްޖެ މިވަނީ ފުޓުބޯޅަ ދުނިޔޭގައި "ޕަރެއާ" އެއްގެ ދަރަޖައަށް ވެއްޓިފައެވެ. ދަރަނި ފުޅާވެ، އެންމެފަހުން ރާއްޖޭގެ ކުންފުނިތަކަށްވެސް ދަރާ، އެފްއޭއެމް މިހާރު އެއޮތީ ވައްކަމާއި ކަރަޕްޝަނުގެ ތުހުމަތުތަކުގެ ތޫފާނެއްގެ ތެރޭގަ އެވެ.

your imageއެފްއޭއެމްއިން ބޭއްވި ކޮންގްރެސްއަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވާހަކަދައްކަވަނީ

ދެންވެސް ދަރަނި އިތުރުވިޔަނުދީ، އަތޮޅުލީގްތައް ހެދުމުގެ ބުއްދިއާއި ގާބިލްކަން ލިބިއްޖެނަމަ، ރާއްޖޭގެ 21 އިދާރީ ދާއިރާއިން، އެތައް ތަރިންނެއް ވިދަންފަށާނެ އެވެ. މާލޭގައި އޮތް ހައެއްކަޓީމަށް ބަރޯސާވާކަށް ނުޖެހޭނެ އެވެ. މިވަގުތު، އަތޮޅުތަކުގައި އޮތް 60 އެއްހާ ޓީމް، އަތޮޅު ލީގްގެ ނިޒާމެއްގެތެރެއިން ކޮލިފައިކުރެވޭ އެންމެ މޮޅު ހަތް ޓީމްގެ ހޯމް އެންޑް އަވޭ ޕްރެމިއާލީގް ގެ ފޯމިއުލާއެއް ނެރެވިއްޖެނަމަަ، ގައުމީ ޓީމްގެ ފެންވަރު އެތައްގުނައަކުން މަތިކުރެވޭނެ އެވެ.

ނަވާރަ ސަތޭކަ އަށްޑިހަ ހަތަރު ވަނަ އަހަރު ރާއްޖޭގެ ގައުމީ ޓީމް، ސަރަހައްދުގެ ތިންވަނަ ހޯދި އެވެ. 1991 ގައި ދެވަނަ ހޯދި އެވެ. 1997 އާއި 2003 ގައިވެސް ދެވަނައިގައި ހިފަހައްޓާ، 2008 ގައި، އިންޑިއާ ބަލިކޮށް އެއްވަނަ މަގާމް ހޯދި އެވެ. ސަރަހައްދުގެ ގަދަ ތިނެއްގެތެރޭ ހިފަހައްޓަމުންގޮސް، މިފަހަކުން 2018 ވަނަ އަހަރުވެސް ސަރަހައްދުގެ އެއްވަނަ ހޯދި އެވެ. ޗައިނާ އާއި ސައުތު ކޮރެއާ ގެ ގައުމީ ޓީމްތަކަށް ދެހާހުގެ ކުރީކޮޅު، ފުދޭވަރަކަށް ވާދަ ކުރި އެވެ. ރާއްޖެއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ރާއްޖޭގެ ފުޓުބޯޅަ، ކަރަޕްޝަންގެ ތޫފާނެއްގެތެރޭ އޮތްއިރު، ސަރަހައްދުގެ އެހެންގައުމުތައް އެގައުމުތަކުގެ ކުޅިވަރު ނިޒާމް ފުޅާކޮށް، މޮޅުކުރަމުންގެންދާ ގެންދިއު މެވެ. ލަސްނުވެ، ލާމަރުކަޒުކޮށް، މޮޅު ގައުމީ ނިޒާމެއް ގާއިމްކުރެވިއްޖެނަމަ، ބޮޑެތި ގައުމުތަކާ ވާދަކުރަން އަނެއްކާވެސް ނިކުމެވިދާނެ އެވެ.

ސްޓޭޑިއަމް އެބަހުރި

ޖަޒީރާލީގަކަށް ބޭނުންވާ ސްޓޭޑިއަމްތައް މިހާރުވެސް އެބަހުއްޓެވެ. އުތުރުގައި ކުޅުދުއްފުށި ސްޓޭޑިއަމް ހުރިއިރު، މެދު އުތުރުގައި ބ.އޭދަފުށީ ސްޓޭޑިއަމް އެބަހުއްޓެވެ. ރ.ދުވާފަރު އަދި ޅ.ހިންނަވަރުގައިވެސް ސްޓޭޑިއަމް އެބަހުއްޓެވެ. މާލެއަށް މިވަގުތައް ފުދެ އެވެ. ދެކުނުން، ލ.ގަން، ގދ. ތިނަދޫ އަދި އައްޑޫ ސިޓީގެ ހިތަދޫ ސްޓޭޑިއަމްވެސް ހުރީ ތައްޔާރަށެވެ. ދެންޖެހޭނީ ފަށާށެވެ! ޓްރާންސްޕޯޓް ނެޓްވާކް އެދަނީ އަޅާ ނިމެމުންނެވެ. ރާއްޖޭގެ ލީގަކަށް ފަށައިގަންނަން 2،000 ބެލުންތެރިންގެ އެވެރެޖް ސްޑޭޑިއަމް ކެޕޭސިޓީ ރަނަގަޅެވެ. އާބާދީގެ ނިސްބަތުން ކެޕޭސިޓީ ބޮޑުވާ ބޮޑުވުމަކީ ކުރިއެރުމެވެ.

your imageރ. އަލިފުށީ ޓާފް ފުޓްބޯޅަ ދަނޑު

ރާއްޖެފަދަ ކުޑަ ގައުމަކުންވެސް، މިފަދަ ގައުމީ ނިޒާމެއް، ހިމުންކޮށް ފައްކާކުރެވުމުން، މަޝްހޫރު ދިވެހި ޕްރެމިއާ ލީގް އުފެއްދިދާނެ އެވެ. ޖަޒީރާ ލީގަށް ބެލުންތެރިން ވާނެ އެވެ. ގެސްޓުންވެސް ވާނެ އެވެ! ސްޓޭޑިއަމްތަކަށް ދަތުރުކުރާނެ އެވެ. ޑޮމެސްޓިކް އެއާލައިންތައްވެސް އެބަހުއްޓެވެ. އިންޑިއާ ކަނޑުގައި ވާދަކޮށް، ދެކުނު އޭޝިއާގައި ވާދަނުކުރެވޭންވީ ސަބަބެެއް ނެތެވެ. 

ދިވެހި ޕްރެމިއާ ލީގަކީ ޖަޒީރާ ލީގެއް!

އިންޑިއާގެ ސުޕަރ ލީގް، އެދާ ހަލުވި މިނުގައި ދާނަމަ، އެ ލީގް ބަލާމީހުން ރާއްޖޭގައިވެސް ގިނަވާނެ އެވެ. އެހެންނަމަވެސް، މީގެ މައުނައަކީ، ރާއްޖޭގެ މޮޅު ދިވެހި ލީގެއް ބަލާނެމީހުން ނުވާނެ ވާހަކައެއް ނޫނެވެ. އަތޮޅުތައް ބައިވެރިކޮށްގެން، ދެމެހެއްޓެނިވި ފެންވަރެއްގައި ޖަޒީރާ ތަށް ގުޅުވާލަދޭ ގައުމީ ލީގެއް ގާއިމްކުރެވިއްޖެނަމަ، ބެލުންތެރިން ބޮޑުތަނުން އިތުރުވާނެ އެވެ. އެކަމަށް ބޭނުންވާ ސްޓޭޑިއަމްތައް އަތޮޅުތަކުގައި މިހާރު އެހުރީ ފަޅަށެވެ. އަޅުގަނޑުމެނަށް މިކަން ނުކުރެވިގެން އުޅެނިކޮށް، 2014 ވަނަ އަހަރު އިންޑިއާގައި އާރުލާ ލީގެއް އަށް ޓީމާއި އެކު ފަށައިގެންފި އެވެ. މިއަހަރު 11 ޓީމަށް ލީގް ބޮޑުވެއްޖެ އެވެ. އިންޑިއަން ސުޕާ ލީގްގެ ދަނޑުފޯރި މިވަގުތު ހުރީ 25 މިލިއަން ސަޕޯޓަރުންގެ މިންވަރުގަ އެވެ. އިންޑިއާގެ ފުޓުބޯޅަ އެސޯސިއޭޝަނުން ހިންގާ "އިންޑިއަން ލީގް" އަކީ މިއަދު އެގައުމުގެ ދެވަނަ ލީގެވެ. އިންޑިައން އެފް.އޭ. އަށް އެކަށީގެންވާ ލީގެއް ގާއިމް ނުކުރެވުމުން، "ސުޕަ ލީގް" އުފެދުނީ ވިޔަފާރި ނިޒާމެއްގެ ތެރެއިންނެވެ. އެއީ ވިޔަފާރި ކުންފުންޏަކުން ލީގް ހިންގުމުގެ ހުރިހާ ހައްގެއް (ރައިޓްސް) "ގަނެގެނެވެ". އިންޑިއާގައި އެންމެފަހުން، ވިޔަފާރި އުސޫލުން ފުޓުބޯޅައިގެ "ސުޕަ" ޑިވިޒަނެއް ގާއިމް ކުރީއެވެ.

your image2018 ވަނަ އަހަރުގެ މާލޭ ލީގުގައި ނިއު އާއި ވިކްޓްރީ ކުޅުނު މެޗުގެ ތެެރެއިން.-- ފޮޓޯ: އެފްއޭއެމް

ރާއްޖޭ ގިނަބަޔެއްގެ ޝައުގުވެރިކަން ހޯދި އެއްވަނަ ޑިވިޒަން، މާލެއަށް ހަނިވެ، މެނޭޖް ނުކުރެވުމުން، ދަނޑުފޯރި މިހާރު ވަނީ ޒީރޯ އަށް ވެއްޓިފަ އެވެ. އައު ދިވެހި ލީގަށް މިހާރު ބޭނުންވަނީ އިންތިޒާމެކެވެ. އެއްބަސްވެވޭ ނިޒާމެކެވެ. އެފްއޭއެމް ގެ އައު ފޯމެޓްގެ ދަށުން  އުފައްދަން މަސައްކަތްކުރާ ލީގް އަދިވެސް ބިނާވެފައި އޮންނަނީ، މަރުކަޒީ ވިސްނުމަށެވެ. މާލޭގެ ނުވަ ޓީމާއި، އަތޮޅުތަކުގެ ތިން ޓީމެެވެ. މިއީ ދަނޑުފޯރި އުފެއްދޭނެ މިންވަރެއް ނޫނެވެ. ދަނޑުފޯރި އުފެދޭނީ އެންމެ މޮޅު ޓީމްތައް ހޯދުނީމަ އެވެ. އެންމެ މޮޅު ޓީމްތަކެއް ހަމައެކަނި މާލެއަކުން ނުނެރެވޭނެ އެވެ. ވީމާ އޭގެ ގޮތުގައި މާލޭގެ ޓީމްތަކުގެ ފެންވަރު ހުރިވަރުން ކޮލިފައިވާ އުސޫލެއް ގާއިމްކުރަން ޖެހެ އެވެ. މާލެ ޓެސްޓް ވާނީ އަތޮޅުތަކަށް ދިރުން ގެނެސްދިނުމުން، އަތޮޅުތަކުން މާލޭ ކްލަބްތައް ޗެލެންޖްކުރާ މިންވަރުންނެވެ. ޓްރާންސްފާ ވިންޑޯތައް ހުންނަންވާނީ ލާމަރުކަޒުލީގަކަށް ފަހިކޮށެވެ. އަތޮޅުތަކުންވެސް ކުޅުންތެރިން ގަންނާނެ އެވެ. ގަދަ އަތޮޅުތައް އެނގޭނީ އެއިރުންނެވެ. ދަނޑު ފޯރިއަކީވެސް އެއީ އެވެ! ޗެލެންޖް ކުރުމެވެ. ވާދަކުރުމެވެ.

މާލޭ ލީގްވެސް ކުރިއަށް

މިހާރު ގައުމީ ލީގްގޮތުގައި ބަލާ މާލޭ ލީގް، އެލީގްގެ ހަގީގީ މަގާމަށް ރުޖޫއަވެ، މާލޭގެ އިދާރީ ދާއިރާގެ ލީގެއްގޮތުގައި ކުރިއަށް ގެންދަންވާނެ އެވެ. މާލެއަކީ އެތައް ޒަމާނެއް ވަންދެން "ގައުމީ ލީގެއް" ހިންގާފައިވާ އިދާރީ ދާއިރާއަކަށް ވީތީވެ، ތަޖްރިބާތަކެއް ހުންނާނެ އެވެ. ވީމާ ހަތް ޓީމްގެ ޖަޒީރާ ލީގެއް ފަށއިގަންނައިރު، މާލޭކްލަބްތައް ޑޮމިނޭޓް ކުރާނެކަމީ ޝައްކެއް ނެތްކަމެކެވެ. އެހެންނަމަވެސް ނިޒާމް ހިމުންވެ ފައްކާވާ މިނަވަރުން، މާލެއެކޭ އެންފެންވަރުގެ، ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ޓީމްތައް އަތޮޅުތަކުން ނެރޭނެކަމީވެސް ޝައްކެއް ނެތް ކަމެކެވެ. މާ ދަތީގައިވެސް މިހާރުވެސް، މާ ކުދި ރަށްރަށުން މާލޭގެ ޓީމްތައް ޗެލެންޖް ކުރެ އެވެ. މާލެ ކާރީގައި އޮތް ހުރާ އިން ނެރުނު ޓީމަކުން ގައުމީޓީމަށް އަށް ކުޅުންތެރިން އެރުމަކީ، ގަބޫލުކުރަން ދަތިކަމަކަށް ވީނަމަވެސް، ހަގީގަތެކެވެ. ކުރީގެ އެފްއޭއެމްގެ ރައީސްއެއް ކަމުގައިވާ އަހުމަދު ތޯރިގު ގެ ކުޑަކުޑަ ރަށުގައި ދަންޑެއްއަޅާ، މާލޭ ކްލަބްތަކާ ޗެލެންޖް ކުރެ އެވެ. މިފަދަ ފުޓުބޯޅަ ލީޑަރުންނަށް ހަރުދަނާ ނިޒާމެއްގެތެރެއިން އަތޮޅު، ނުވަތަ ސަރަހައްދީ ޓީމް އުފައްދަން މަގުފަހިކޮށްދެވިއްޖެނަމަ، ލާމަރުކަޒު ނިޒާމެއްގެތެރެއިން އުފެއްދޭ ޖަޒީރާ ލީގް ހުވަފެނަކަށް ނުވާނެ އެވެ. 

އެޑިޓަރުގެ ނޯޓް:

ހާމިދު އަބްދުލްޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލްޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެއްޓްރީ ޖެނެރަލްކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހާމިދަކީ މިހާރު ވެސް ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނަވާ ބޭފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް