
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަހަރުގެ ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށާއި ޒުވާނުންގެ އިނާމް ދިނުމަށް ރޭ، ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި، ވަޒީރުންނާއި ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، މިޖަލްސާގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފަރާތުން ހުށައެޅުއްވި، ދިރާސާގައި ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން، އެދިރާސާގައި ޒުވާނުންނާ ބެހޭ ގޮތުން ހައްލު ހޯދަންޖެހިފައިވާ ވަރަށް ގިނަ ކަންތައް ފާހަގަކުރައްވާފައިވާ ކަމުގައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި މޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދަވައި ވިދާޅުވީ، އެދިރާސާގައި ފާހަގަކޮށްފައިވާ މުހިއްމު ދެމައްސަލައިގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަ އާއި ގޭންގު ކުށްތަކާއި ޖިނާއީ ކުށްތަކަށް ޒުވާނުން އަރައިގަންނަ މައްސަލައަކީ، އިޖްތިމާއީ އެތައް ކަމަކާ ގުޅިފައިވާ، ވަށައިޖެހޭ ހައްލަކަށް ބޭނުންވާ ދެ މައްސަލަކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަސްތުވާތަކެތިން ދިވެހި ރައްޔިތުން ދުރުކުރުމަށް ވެސް ހާއްސަ މަސައްކަތްތަކެއް ސަރުކާރުން ވަނީ ފަށްޓަވައިފައި ކަމަށެވެ. އަދި ގޭންގު ކުށްތަކާ ދެކޮޅަށް ވެސް ވަރަށް ރޭވުންތެރިކަމާއެކު ސަރުކާރުން އަންނަނީ މަސައްކަތްކުރަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިއަހަރު ޒުވާނުންގެ އެވޯޑް ހާސިލްކުރި ޒުވާނުންނަށް، މިޖަލްސާގައި އެވޯޑް ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެެ. މިއަހަރުގެ ޒުވާނުންގެ އެވޯޑް ލިބިފައި ވަނީ 10 ޒުވާނުންނަށެވެ.
މީގެ އިތުރުން މި ޖަލްސާގައި ވަނީ، ރާއްޖޭގެ ޒުވާނުންނާއި ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ ހެދި ދިރާސާ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އިފްތިތާހްކޮށްދެއްވާފައެވެ. މިޖަލްސާގައި މި ދިރާސާ ރިޕޯޓް ހުށައަޅުއްވައި ދެއްވީ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒެވެ.
ގައުމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި 2020 ވަނަ އަހަރުންފެށިގެން ފާހަގަކުރަމުން އަންނަނީ، ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރުމަހުގެ 22 ވަނަ ދުވަހެވެ.