ads
އެމްޑީޕީގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފް-- ފޮޓޯ: އެމްޑީޕީ
"ރަށްވެހި ފަތިސް" ކެމްޕޭނުގައި ޕްލާސްޓިކް ބޭނުން ކުރުން މަދު ކުރަން ނިންމައިފި
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން "ރަށްވެހި ފަތިސް" ކެމްޕެއިންގައި ވީހާވެސް މަދުން ޕްލާސްޓިކް ބޭނުން ކުރަން ނިންމައިފި އެވެ.

އެ ޕާޓީގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިއަށް ގެންދާ "ރަށްވެހި ފަތިސް" ކެމްޕޭނު ކުރިއަށް ގެންދާނީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަމަށާއި އެހެންކަމުން ޕްލާސްޓިކް ބޭނުން ކުރުން މަދު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ޕާޓީއިން ޕްރޮމޯޓު ކުރާ ސިޔާސަތުގެ މަތިން އަދި ޙާއްސަކޮށް "އެޖެންޑާ 19" ގައި ވަކާލާތު ކުރަމުން ގެންދިޔަ ކަންތައްތަކާ އެއްގޮތްވާ ގޮތަށް ހުރިހާ ރަށެއްގައި ވެސް ކުރިޔަށް ގެންދާ ޕާޓީގެ "ރަށްވެހި ފަތިސް" ކެމްޕެއިންގަ ބޭނުން ކުރާ މެޓީރިއަލްސްތަކަކީ ވީހާވެސް މަދުން ޕްލާސްޓިކް ބޭނުންކޮށް ކުރިޔަށް ގެންދާނެ ކެމްޕެއިންއެއް ކަމުގައި އަފްޝަން ވިދާޅުވި އެވެ. 

އަދި 21 ފެބްރުއަރީ ހުކުރު ދުވަހުގެރޭ ބޭއްވި "ރަށްވެހި ފަތިސް" ކެމްޕެއިން ލޯންޗިން ޖަލްސާތަކުގައި ބޭނުން ކުރި ބެކްޑްރޮޕްސްތަކަކީ ފޮތިން ހަދާފައިވާ ބެކްޑްރޮޕްތަކެއް ކަމަށާއި މާލެ ޖަލްސާގައި ހަރުކުރެވިފައިވާ 20 ފޫޓް 40 ފޫޓްގެ ބޮޑު ބެކްޑްރޮޕް އަކީ ވެސް ފޮތި ކަމަށް އަފްޝަން ވިދާޅުވި އެވެ. 

އަފްޝަން އިތުރަށް ވިދާޅުވި ގޮތުގައި "ރަށްވެހި ފަތިސް" ޖަލްސާ ކުރިޔަށް ގެންދިއުމަށް ރާވާފައި ވަނީ ވީހާވެސް ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށެވެ. 

ސަރުކާރާއި ޕާޓީއާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކާއި ރައްޔިތުންގެ ޝަކުވާތައް ހައްލުކުރުމަށް މަސައްކަތް ކުރާނެ ކަމަށާއި މިކަން ޕާޓީގެ "އެޖެންޑާ 19" ގައި ހުށަހެޅި ސިޔާސަތުތަކުން އަދި "އެޖެންޑާ 19" ގެ ދަށުން މަޖްލީހުގައި ކުރެވެމުންދާ މަސައްކަތްތަކުގައި ސާބިތުވެގެންދާ ކަމަށް ވެސް އަފްޝަން ވިދާޅުވި އެވެ. 

ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ހިންގުމުގެ ޤާނޫން 19 ވަނަ ރައްޔިތުންގެ މަޖިލީހުން އިސްލާހު ކުރިއިރު، ހާއްސަ އިސްކަމެއް ދެވިގެން ކައުންސިލްތަކުގެ 33 އިންސައްތަ އަންހެންވެރިންނަށް ކަނޑައަޅާފައި އޮތް އޮތުމަށް އިޝާރާތް ކުރައްވައި އަފްޝަން ވިދާޅުވީ އެމްޑީޕީގެ އަންހެން ކެންޑިޑޭޓުންގެ އަދަދަކީ 337 ކަމަށާއި އެއީ ޕާޓީ އިން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ 38 އިންސައްތަ ކަމަށެވެ. 

ކުރިޔަށް އޮތް ކައުންސިލް އިންތިހާބު ނިމި ރަށްވެހި ފަތިހަށް އަލިވިލުމާއެކު ރަށްރަށުގެ ހުރިހާ މަޝްރޫޢު އެއްވެސް ހުރިހާ ޕްރޮޖެކްޓެއް ވެސް ހިންގޭނީ އަންހެނުންގެ ބޮޑު ހިއްސާއެއް އޮވެގެން ކަމަށާއި، އެއާއެކު ހައްލު ނުލިބި ހުރި ގިނަ މައްސަލަތަކަށް ދާއިމީ ހައްލު އަންނަ މަންޒަރު ފެންނާނެ ކަމަށް ވެސް ވިދާޅުވި އެވެ. 

އަފްޝަން އިތުރަށް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ 877 އެޕްލިކޭޝަން ފޯމް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ބަލައިގަނެފަ ކަމުގައެވެ. އަދި މިއާއެކު އެމްޑީޕީއަށް 877 ކައުންސިލް ކެންޑިޑޭޓުން ކަށަވަރުވެފައިވާ ކަމުގައި ވިދާޅުވި އެވެ. 

އޭގެ އިތުރުން 27 ފެބުރުވަރީ (ބުރާސްފަތި) ދުވަހަކީ ރީ-ރެޖިސްޓްރޭޝަންގެ މުއްދަތު ހަމަވާ ދުވަސް ކަމަށާއި ފަހު ވަގުތަށް ނުތިއްބަވާ ވީހާވެސް އަވަހަށް ރީ-ރެޖިސްޓްރީ ކުރައްވަން ޖެހޭ ފަރާތްތަކުން ރީ-ރެޖިސްޓްރީކޮށް ނިންމުމަށް އަފްޝަން އެދިލެއްވި އެވެ. އަދި ރީ-ރަޖިސްޓްރޭޝަންގެ ކަންކަމުގައި އެއްވެސް އެހީތެރިކަމެއް ބޭނުންވާ ފަރާތްތަކަށް އެމްޑީޕީ ކެމްޕެއިން އޮފީހުން (ކުރީގެ ލުއުލުއު ފިހާރަ، ސޯސަންމަގު) އެކަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އަފްޝަން ވިދާޅުވީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އެޕްލިކޭޝަން ހުށަހެޅުމަށް އެންމެ ފަހުގެ ތާރީހަކީ މި ހިނގާ ފެބުރުވަރީ މަހުގެ 24 ވާ (ހޯމަ) ދުވަސް ކަމަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އެޕްލިކޭޝަން ހުށަހެޅުމަށް އެހީތެރިކަމެއް ބޭނުންވާ ފަރާތްތައް އެމްޑީޕީ އޮފީހުން އެހީތެރިކަން ލިބޭނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް