ads
މިއަދު މަޖިލީހަށް ހާޒިރުވި ގެސްޓުހައުސް އެސޯސިއޭޝަނުގެ ދެ މެމްބަރުން——ފޮޓޯ:ސީއެންއެމް
މަޓީ އާއި ގެސްޓުހައުސް އެސޯސިއޭޝަނުންވެސް ޓެކްސް ބޮޑުކުރުމާއި ދެކޮޅު
ޓެކްސް ބޮޑުކުރުން ލަސްކޮށްދިނުމަށް އެކަމާއި ބެހޭގޮތުން ލަފާހޯދި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި ގެސްޓް ހައުސްތަކުގެ ޖަމިއްޔާ ގެސްޓްހައުސް އެސޯސިއޭޝަނުން މަޖިލީހުގައި އެދެފި އެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހަޅުއްވާފައިވާ މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލު ފާސްކުރުމުގެ ކުރިން ޓެކްސް ބޮޑުކޮށްފިނަމަ ވާނެގޮތަކީ ކޮބައިކަން ސާފުކުރުމަށް ދާއިރާއާއި ގުޅޭ މާހިރުންގެ ލަފާ ހޯދުމަށް މިއަދުގެ މުޅި މަޖިލީހުގެ ކޮމިޓީއަށް މާހިރުން ހާޒިރުކުރަން އޮތީ ނިންމާފައެވެ.

މިއަދުގެ ކޮމިޓީއަށް ހާޒިރުކުރަން އިއްޔެ ނިންމީ: 

  • މަޓީ 
  • ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރް
  • ޗެމްބަރު އޮފް ކޮމާސް
  • ގެސްޓު ހައުސް އެސޯސިއޭޝަން އެވެ.

ނަމަވެސް މިއަދުގެ މަޖިލީހަށް ހާޒިރުވެފައިވަނީ:

  • ގެސްޓްހައުސް އެސޯސިއޭޝަން 
  • ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރް
  • މަޓީގެ ލަފާ ފޮނުވާފައިވަނީ ލިޔުމަކުން ނެވެ.

މަޓީގެ ލަފާގައި ބުނެފައިވަނީ، މިވަގުތަކީ ޓެކްސް ބޮޑުކުރުމަށް އެންމެ އެކަށީގެންވާ ވަގުތު ކަމުގައި ގަބޫލުނުކުރާ ކަމަށެވެ. ސަބަބަކީ މިދުވަސްވަރަކީ ފަތުރުވެރިކަމުގެ ސިނާއަތު މިހާރުވެސް އެކިއެކި ލޮޅުންތަކުން އަރައިގަތުމަށް މަސައްކަތްކުރަމުންދާ ދުވަސްވަރަކަށްވާތީ ކަމަށް ބުނެފައި ވެއެވެ.

”މަޓީގެ އެދުމަކީ ޓެކްސް އަށް އަންނަ ކޮންމެ ބަދަލެއް ތަންފީޒުކުރުމަށް އެންމެ މަދުވެގެން 12 މަސްދުވަަަސް ދިނުމަށެވެ.“ މަޖިލީހަށް ފޮނުވާފައިވާ މަޓީގެ ލަފާގައި ވެއެވެ.

ގެސްޓް ހައުސް އެސޯސިއޭޝަނާއި މިއަދު މަޖިލީހުގައި ކުރެވުނު ސުވާލުތަކަށް ޖަވާބުދާރީ ވަމުން އެ އެސޯސިއޭޝަންނުންވެސް އެދިފައިވަނީ ޓެކްސް ބޮޑުކުރުން މަދުވެގެން ދެ އަހަރު ދުވަހަށް ލަސްކޮށްލަ ދިނުމަށެވެ. އަދި ޓެކްސް ބޮޑުކުރާނަމަވެސް ރިސޯޓުތަކާއި ގެސްޓުހައުސްތަކާއި މެދު އަދަދު ފަރަގުކޮށްދިނުމަށް އެދިފައިވެއެވެ.

”އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން 1 އަހަރު ނުވަތަ ދެ އަހަރަށް ލަސްކޮށްލަދިނުމަށް އެއީ އެއްވާހަކަ. ދެވަނަ ވާހަކައަކީ ގެސްޓުހައުސް އާއި ރިސޯޓުތަކާއި ތަފާތުކޮށްލަދެެއްވުން. އަޅުގަނޑުމެންނަށް ބޮޑަށް ރަނގަޅީ ހާއްސަކޮށް ބަޖެޓު މާކެޓުތަކުގައި ވޮލިއުމް އިތުރުކުރުމުގެ ވިސްނުން ގެންގުޅެފައި، ޓެކް މަދުކޮށްލަދިނުން. އަޅުގަނޑު ވަރަށް ބޮޑަށް އާދޭސްކުރަން ރިކުއެސްޓުކުރަން. ހާއްސަކޮށް މިހާރުހުރި 12 އިންސައްތައިގައި ގެސްޓު ހައުސްތައް ބަހައްޓައިދިނުމަށް.“ ގެސްޓުހައުސް އެސޯސިއޭޝަނުން ފާހަގަކުރި އެވެ.

ގެސްޓުއެސޯސިއޭޝަނުން ބުނީ ގެސްޓުހައުސްގެ އެވަރުޖު ރޭޓަކީ 50 އާއި 55 ޑޮލަރާއި ދެމުދުކަމަށްވާއިރު، ބެޖެޓު މާކެޓުގައި ވިއްކަން ޖެހެނީ އޯލް އިންކްލޫސިވް ރޭޓެއްގައި ކަމަށެވެ. ޓެކްސް ވަކިކޮށްލާފައި ވަކިން ދޭން ފަތުރުވެރިން ބޭނުން ނުވާކަމަށެވެ. އެހެންކަމުން ހުރިހާ ހަރަދެއް ކަނޑާލުމުން ކޮސްޓަށް 40 ޑޮލަރާއި 42 ޑޮލަރާއި ދެމެދުގެ އަދަދެއް އަރާ ކަމަށް ގެސްޓުހައުސް އެސޯސިއޭޝަނުން ބުންޏެވެ.

ކޮވިޑާއި ގުޅިގެން ގިނަ އަދަދެއްގެ ގެސްޓުހައުސްތަކެއް އެއްކޮށް ހުއްޓާލަންވެސް ޖެހުނުކަން ފާހަގަކޮށް އަލުން ހަމަޔަކަށް އެޅެމުންދާ ދަނޑިވަޅުގައި އެގެސްޓު ހައުސްތައް މާކެޓުގެ ތެރެއަށް ވެއްދުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ވެސް ގެސްޓުހައުސް އެސޯސިއޭޝަނުން ބުންޏެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް